އެމްއެންޑީއެފް

އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ދައްކާލައިފި

ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން އެމްއެންޑީއެފް އިން މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް ދައްކާލައިފި އެވެ.

ރަސްކަމުގެ ވެރިކަމަކަށް ފަހު ރާއްޖެ ޖުމްހޫރި ވެރިކަމަކަށް ބަދަލުވުން ފާހަގަކޮށް އެމްއެންޑީއެފްގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ ދައްކާލައިފާ ވަނީ މިއަދު ހަވީރު ޝަހީދުންގެ ބިނާ ކައިރީގައި 4:30 އަދި 5:15 ގައެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫހު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހިތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކަމަށް ސިފައިން ބުންޏެވެ.

ސިފައިންގެ މިއުޒިކަލް ޑްރިލް ބަލާލުމަށް ޓަކައި ގިނަ އަދަދެއްގެ އާމުމީހުންނާއި ކުޑަކުދިން ވަނީ ޝަހީދުންގެ ބިނާ ކާރިއަށް އެއްވެފަ އެވެ. އަދި ސިފައިންގެ މި ހަރަކާތްތަށް މިރޭ 8:30 ގަވެސް އޮންނާނެކަމަށް އެފަރާތުން ބުނެ އެވެ.