ލައިފްސްޓައިލް

ބޯޑު މީޓިން ނިމެންދެން ނުވިހާ މަޑުކުރަން މާބަނޑު މީހެއް ކައިރީގައި ބުނެފި

އޮފީހުގެ ބޯޑު މީޓިން އެއްގައި ބައިވެރިވި މާބަނޑު އަންހެނަކު ވިހަން ބަނޑުގައި ރިހެން ފެށުމުން ވެސް މީޓިން ނިމެންދެން ނުވިހާ މަޑުކުރަން އެދިއްޖެ އެވެ. އަދި މި ވާހަކަ ސޯޝަލް މިޑިއާގައި ވައިރަލްވުމުން ގިނަ ބަޔަކު ވަނީ މިކަމާ ވަރަށް ރުޅިގަދަވެގެން ނުރުހުން ފާޅުކޮށްފަ އެވެ.

ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ކާރުގައި އިނދެ އަންހެން މީހާ ވަނީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި މީޓިން ނިންމުމުގައި ކާމިޔާބު ހޯދާފަ އެވެ.

ކްރިސްޓީން ކެރިއްލޯ ޓުވިޓާގައި ޝެއާކުރި މެސެޖެއްގައި ވަނީ އޭނާގެ އެކުވެރިޔާއާ ދިމާވި މި ހާދިސާގެ ތަފްސީލް ދީފަ އެވެ.

އޭނާ ބުނި ގޮތުގައި ބޯޑު މީޓިންގައި އެކުވެރިޔާ އިންދާ ކުއްލިއަކަށް ފެންދުލި ފަޅައިގެން ގޮސް ވަރަށް ބޮޑަށް ބަނޑުގައި ރިހެން ފެށީ އެވެ. އަދި ވީހާވެސް އަވަހަށް އޭނާއަށް ހޮސްޕިޓަލަށް ދާން މަޖުބޫރުވި އެވެ.

ނަމަވެސް ބޯޑު މީޓިންގައި ބައިވެރިވި އިންވެސްޓަރުންގެ ތެރެއިން އެންމެ އިސްކޮށް ހުރި މީހާ އެދުނީ ބޯޑު މީޓިން ނިންމާފައި އޭނާ ހޮސްޕިޓަލަށް ދާން މަޑުކުރުމަށެވެ. އެހެންކަމުން ކާރަށް އަރައިގެން ހޮސްޕިޓަލާ ހަމައަށް ދަންދެން ވެސް ބަނޑުގައި ގަދަޔަށް ރިހޭ ހާލުގައި ވެސް އަންހެން މީހާއަށް އިންނަން ޖެހުނީ މީޓިންގައި ބައިވެރިވެގެންނެވެ.

"މަގޭ މާބަނޑު އެކުވެރިޔާގެ ފެން ދުލި ފަޅައިގެން ގޮސް ވިހެއުމުގެ ވޭންވަރު އަންނަން ފެށީ ބޯޑު މީޓިންއެއްގައި އިންދާ. އޭނާ ވަގުތުން ބުނި ތިމަންނަގެ ފެންދުލި ފަޅައިގެން ހިނގައްޖޭ. ހޮސްޕިޓަލަށް ވީހާވެސް އަވަހަށް ދާން ޖެހެޔޭ. އެ ވަގުތު އިންވެސްޓަރު ބުނި ކަމަށް ވަނީ އިހަށް މި މީޓިން ނިންމަމާ ހިނގާށޭ. އެހެންވެ އޭނާ ކާރުގައި ހޮސްޕިޓަލަށް ދަތުރުކުރަމުން ދިޔައިރުވެސް އިނީ މީޓިންގަި. ނަސީބަކުން ހޮސްޕިޓަލާ ހަމައަށް ދިއުމުގެ ކުރިން މީޓިން ނިމުނު،" ކްރިސްޓީންގެ ޓުވީޓާގައި ލިޔެފައިވެ އެވެ.

މި ޓުވީޓަށް ކޮމެންޓް ކުރި ގިނަ ބަޔަކު ވަނީ އަންހެން މީހާއާ ދޭތެރޭ ކަންތައް ކުރި ގޮތުން ރުޅިގަދަ ވެފަ އެވެ. އަދި އޮފީހުގައި އިސްކޮށް ހުރި މީހާ އަކީ ހާދަ އިންސާނިއްޔަތުކަން ކުޑަ މީހެކޭ ބައެއް މީހުން ބުނެފައިވެ އެވެ. އެ ކުންފުނީގެ ނަން ހޯދަން ވެސް ބައެއް މީހުން މަސައްކަތް ކޮށްފައިވެ އެވެ. އަދި ބައެއް އަންހެނުން ވަނީ އެމީހުންނަށް އޮފީހުގައި ދިމާވި މިފަދަ ބައެއް ހާދިސާތައް ހިއްސާކޮށްފަ އެވެ.