ޓީވީ ސީރީޒް

"ކަޕިލް ޝަރުމާ ޝޯ" އެނބުރި އަންނަނީ

"ދަ ކަޕިލް ޝަރުމާ ޝޯ"ގެ ފޭނުންނަށް އުފާވެރި ޚަބަރެކެވެ. އަނެއްކާވެސް މުޅިން އާ ސީޒަނަކާއެކު ބެލުންތެރިން ހެއްވާލަން ކަޕިލް ވަނީ ތައްޔާރުވާން ފަށާފަ އެވެ.

ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ސޮނީ ޓީވީން ދައްކާ މި ޝޯ އަލުން ފަށަނީ ކުރިންވެސް ޝޯގައި ބައިވެރިވި ކޮމެޑިއަނުންނާއި އަދި އިތުރު ކޮމެޑިއަނުންނާ ވެސް އެކުގަ އެވެ.

އިންޑިއާގެ އޮންލައިން ނޫހަކުން ބުނެފައިވާ ގޮތުގައި ކަޕިލްގެ ޝޯ ދައްކަން ފަށަން މިހާރު ޝެޑިއުލް ކޮށްފައިވަނީ އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.

ކޮރޯނާ ވައިރަހުގެ ވަބާ ފެތުރި ޝޯގެ ޝޫޓިން ކުރިއަށް ގެންދެވެން ނެތިގެން މި ޝޯ މެދުކަނޑާލީ ފެބްރުއަރީ މަހު އެވެ.

ކަޕިލް ޝޯގެ އާ ސީޒަންގެ ފޯމެޓަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ކަޕިލް ތަންކޮޅެއް ކުރިން ބުނެފައިވެ އެވެ.

އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ޝޫޓިން ފަށަން ތައްޔާރުވަމުންދާއިރު ކްރުޝްނާ އަބީޝެކް، ކިކޫ ޝާރްދާ، ބާރްތީ ސިންގް، ސުމޯނާ ޗަކްރަވަތީ، ޗަންދަން ޕްރަބާކަރް އަދި އަރްޗަނާ ޕޫރަންސިންގް ޝޯގައި ބައިވެރިވާނެ އެވެ. އަދި އިތުރު އެކްޓަރުންނާއި ލިޔުންތެރިން ވެސް މިފަހަރުގެ ސީޒަންގައި ބައިވެރިވާނެ ކަމަށްވެ އެވެ.

ކަޕިލްގެ ޝޯގެ އެންމެ ފަހުގެ ސީޒަން ހުއްޓާލަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކަށް ޝޯގައި ލައިވް އޯޑިއަންސް އަށް ބައިވެރި ނުވެވުން ހިމެނެ އެވެ.

ޝޯގެ ޝޫޓިން އަށް އާއްމުން ނުވެއްދޭތީ ފަހުގެ އެޕިސޯޑުތައް ޝޫޓްކުރީ މީހުންގެ ސޫރަޔާއި ބައްޓަމަށް ހުރި ފޮޓޯތަކެއް ކާޑުބޯޑު ފިލައިގައި ހަރުކޮށް އެ އެއްޗެތި އޯޑިއަންސްގައި ބަހައްޓައިގެންނެވެ.

އާ ސީޒަނެއް ފަށާއިރު ލައިވް އޯޑިއަންސް ބައިވެރި ކުރެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. މަހަރަޝްތުރާގައި ކޮވިޑް ކޮންޓްރޯލް ކުރެވި ޝޫޓިން އަށް އާންމުން ވެއްދުމަކީ މި ޝޯގެ ބައިވެރިންގެ އުންމީދެކެވެ.

ކަޕިލް ޝަރުމާ ޝޯގެ މިހާރުގެ ޕްރޮޑިއުސަރުންނަކީ ސަލްމާން ޚާން ޓެލެވިޒަން (އެސްކޭޓީވީ) އާއި ބާނީޖޭ އޭޝިއާ އެވެ.

މި ޝޯގެ އިތުރުން ކަޕިލް މިހާރު ގެންދަނީ ނެޓްފްލިކްސް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. ނަމަވެސް މި ޝޯއާ ބެހޭ އިތުރު ތަފްސީލް އަދި ކަޕިލް ދީފައެއް ނުވެ އެވެ. އޭނާ ބުނެފައިވަނީ އަހަރު ނިމޭ ހިސާބުގައި މި ޝޯ ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށެވެ.