ބޮލީވުޑް

ފިލްމީ ކެރިއަރު ފެށިއިރު މޮހިނީޝް ދަރިފުޅަށް ދިން ނަސޭހަތް

އެކްޓަރު މޮހިނީޝް ބެލްގެ ދަރިފުޅު ޕްރަނޫތަން ބެލް ވަނީ 2019ގައި ސަލްމާން ޚާންގެ ޕްރޮޑަކްޝަނުން އުފެއްދި "ނޯޓްބުކް" އިން ބޮލީވުޑަށް ތައާރަފް ވެފަ އެވެ.

މި ފިލްމުގައި ޕްރަނޫތަންއާ އެކު ބަތަލުގެ ބައި ކުޅުނީ ޒަހީރް އިގްބާލް އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި އެދެވޭ ކާމިޔާބެއް ނުހޯދުނަސް ޕްރަނޫތަން އާއި ޒަހީރްގެ ޖޯޑަށް ކްރިޓިކްސް އާއި ބެލުންތެރިން ތައުރީފް ކުރި އެވެ. އަދި ފިލްމުވެސް މޮޅު ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

ޕްރަނޫތަން އަކީ ފިލްމީ އާއިލާއަކުން ބޮލީވުޑަށް ނުކުތް ބަތަލާ އެކެވެ. އޭނާގެ މާމަ ނޫތަން އަކީ ކުރީ ޒަމާނުގެ ސުޕަސްޓާރެކެވެ.

ޕްރަނޫތަންގެ ބައްޕަ މޮހިނީޝް އަކީ ނޫތަންގެ ހުރި ހަމައެކަނި ދަރިފުޅެވެ. މޮހިނީޝް ވެސް ވަނީ އޭނާގެ ދިގު ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭ މޮޅު ރޯލުތައް ކުޅެފަ އެވެ. އަދި މިހާރު ވެސް އޭނާ އަކީ ޓީވީ ސީރީޒްތަކާއި ފިލްމުތަކުގައި ބައިވެރިވަމުންދާ އެކްޓަރެކެވެ.

ޕްރަނޫތަން ފިލްމު ކުޅެން ޝައުގުވެރިވާ ކަން އެނގުމުން އޭނާގެ ބައްޕަ ވަރަށް ރަނގަޅު ނަސޭހަތެއް ދިނެވެ.

"ބައްޕަ އެހި އަހަރެން ތައްޔާރުހޭ އަބަދު މަސައްކަތް ނުލިބޭ ވަޒީފާއަކަށް ދާން. ފިލްމީ ދުނިޔެއަކީ މާދަމާވާނެ ގޮތެއް ނޭނގޭ ކަހަލަ މަސައްކަތެކޭ ވެސް ބުނި. ކިތަންމެ ކުޅަދާނަ އެކްޓަރަކަށް ވެސް މަސައްކަތް ލިބި ލިބި ހުންނާނެ ކަމުގެ ޔަގީންކަމެއް ބޮލީވުޑަށް ނޯންނާނޭ ވެސް ބުނި. ހުނަރުވެރި އެކްޓަރަކަށް ވުމުގެ މާނައަކީ މަސައްކަތް ލިބޭނެ އެކޭ ނޫނޭ ވެސް ބުނި. އަހަރެން ކިޔެވީ ލޯގެ ރޮނގުން. އެހެންވެ ފިލްމު ކުޅޭހިތުން ބުނީމަ ތަކުރާރުކޮށްވެސް އެހި ޔަގީންވޭހޭ ފިލްމު ކުޅެން ބޭނުންކަން،" ޕްރަނޫތަން ބުންޏެވެ.

ޕްރަނޫތަން ފިލްމު ކުޅެން ފެށިތާ ދެ އަހަރެއްހާ ދުވަސް ފާއިތުވީއިރު ބައްޕަ ދިން ނަސޭހަތްތަކުގެ ތެދުކަން އޭނާ އަމިއްލަ އަށް ވަނީ ތަޖުރިބާ ކޮށްފަ އެވެ.

"ބައްޕަ ބުނީ ހަމަ ތެދެއް. މިއީ އެއްގޮތަކަށް ވެސް ހަމަޖެހުމެއް ނެތް މަސައްކަތެއް. ކޮންމެ ކޮންމެ ދުވަހަކު ކުޅޭނެ ފިލްމެއް ނުލިބޭ. ފިލްމު ކުޅެން ބޭނުންވޭ އެކަމަކު ނުލިބޭ. އެހެން އުޅެލާފައި ފިލްމެއް ލިބިދާނެ. އަނެއްކާ އެތައް ދުވަހެއް ހިނގައިދާނެ އެއްވެސް ފިލްމެއް ކުޅެން ނުލިބި. ނަމަވެސް މިހުރިހާ ކަމަކާ އެކު ވެސް ކެމެރާއާ ކުރިމަތިލުމުން ވަރަށް ބޮޑު އުފަލެއް އިހްސާސްކުރެވޭ. އިންތިޒާރުކުރަން ހޭދަވީ ވަގުތުތަކުގެ އަގު ލިބިއްޖެކަމުގެ އިހްސާސްވޭ،" ޕްރަނޫތަން ބުންޏެވެ.