ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ދުވަސް ކަމަށްވާ ފެބްރުއަރީ 7، 2012 ގައި އެމަނިކުފާނަށް ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކަށް ރައްކާތެރިކަން ދެވިފައި ނުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ރިޕޯޓަކާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާ ދިނުމުގައި ފަންޑުކުރި ފަރާތްތަކާއި ނުވަތަ އަޑީގައި ތިބި ފަރާތްތައް، ތަހުގީގުން އަދިވެސް ނުހޯދި ވާއިރު އެ ހަމަލަ ރައްދުވުމުގައި އެމަނިކުފާނަށް އިލްޒާމުއެޅުވުމަށް މަސައްކަތްކޮށް ޕްރޮޕަގެންޑާ ފަތުރާފައިވާ ކަމަށެވެ. އެ ހަމަލާއަކީ އެމަނިކުފާނުގެ މައިންބަފައިންގެ ގެކޮޅުގައި ދިރިއުޅުއްވާތީ އާއި އަދި އެމަނިކުފާނުގެ މިޒާޖުފުޅު ހުންނަގޮތުގެ ސަބަބުން ރައްދުވި ހަމަލާ އެއް ކަމަށް ސިފަކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަޝީދަކީ ކްރިޓިކަލް ލެވެލްގެ ރިސްކް އޮތް ބޭފުޅެއްކަން ސަލާމަތީ ހިދުމަތްތަކަށް އެނގިފައވާއިރު އަދި ގާނޫނުއަސާސީން އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ލާޒިމުކޮށްފައިވާއިރު އެ މަނިކުފާނު އަވަހާރަ ކޮށްލުމުގެ ޓެރަރިޒަމުގެ ހަމަލާ މަޖީދީމަގުން ރައްދުވުމުން އެ މަނިކުފާނަށް އެގޮތަށް އިލްޒާމު އެޅުވުމަށް މަސައްކަތް ކުރުމަކީ ސިދާ ޕްރޮޕަގެންޑާއެއް ކަމަށްވެސް ބުނެފައިވެއެވެ.
"ޓެރަރިޒަމުގެ އެ ހަމަލާ އަމާޒުވެ އަނިޔާ ލިބުނު ފަރާތަށް އިލްޒާމު އަޅުވައި މިގޮތަށް ޕްރްޕަގެންޑާ ފަތުރާފައިވާއިރު އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގަ އާއި ސިފައިންގެ އެންމެ މަތީ ވެރިޔާކަމުގެ މަގާމުގައި ހުންނަވަނިކޮށް ފެބްރުއަރީ 7، 2012 ގައި ސިފައިންގެ މައި މަރުކަޒުގެ ތެރޭގައި ވެސް އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިނުވާކަން ކަންބޮޑުވުމާއެކު ހަނދާންއާކޮށްލަމެވެ. އަދި ޖެހިގެން އައި ފެބްރުއަރީ 8، 2012 ގައި ވެސް، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މީހަކަށް ކަށަވަރު ކޮށްދޭންޖެހޭ ސަލާމަތާ ރައްކާތެރިކަން އެމަނިކުފާނަށް ކަށަވަރުކޮށް ނުދީ ސަލާމަތީ ހިދުމަތްތަކުން އެމަނިކުފާނު އަނިޔާގެ ތެރެއަށް ދޫކޮށްލާފައިވެއެވެ،"
އެމްޑީޕީން ބުނީ އާންމުކޮށްފައިވާ ރިޕޯޓްގައި ވާހަކަ ދައްކާފައިވަނީ ސަލާމަތީ ހިދުމަތްތަކަށް ނިސްބަތްވާ ނުވަތަ ސެކިޔުރިޓީ މައްސަލަތަކުގެ މަޢުލޫމާތު ރަސްމީ ހައިސިއްޔަތުން ލިބޭ ފަރާތަކުން ކަމަށް ގަބޫލުކުރެވޭ ކަމަށާ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ސެކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ހައިސިއްޔަތުން ފޮރުވިގެންހުރެ ސެކިޔުރިޓީއާ ބެހޭ މައުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އެ މައްސަލަ ބެލުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.