ހަބަރު

ކުއްލިއަކަށް އެމްޑީޕީގެ ސަޕޯޓަރުން ރަތަށް: ނަޝީދުގެ ފޮޓޯގަނޑު ނުފެނިގެން!

Nov 11, 2015
18

ވެގެން އުޅޭ ގޮތް އެނގޭ ހެއްޔެވެ؟ ސްރީ ލަންކާގައި ހުންނަ މޯލްޑްވިއަން އެޑިއުކޭޝަނަލް ކަލްޗަރަލް ސެންޓަރުގައި ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާއެއްގައި ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ހުރިހާ ރައީސުންގެ ފޮޓޯތައް ދައްކާލިއިރު އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯއެއް ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން "ކުއްލިއަކަށް" ރަތަށް އެރީ އެވެ.

ޓްވިޓާގެ ދިވެހި އިމުގައި މިރޭ ދައުރުވަމުން ދިޔަ ފޮޓޯގަނޑެއްގެ މައްސަލަ ކުއްލިއަކަށް "ހާޑުވެގެން" ދިޔައިރު ހަގީގަތަކީ ނަގޫރޯޅިއެއްހެން އެނބުރެމުން ދިޔަ މި ފޮޓޯގަނޑެއްގައި ހަމަ އަސްލަށް ވެސް ރައީސް ނަޝީދުގެ ފޮޓޯ ފެންނަން ނެތް ކަމެވެ. އެ ފޮޓޯގަނޑުން ފެންނަނީ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ރައީސް އިބްރާހިމް ނާސިރު އަދި އަމީން ދީދީގެ އިތުރުން ރަދުން މުހައްމަދު ފަރީދު ދީދީގެ ފޮޓޯއެކެވެ.

ހަގީގަތަށް ބަލާއިރު މިއީ އެއްވެސް ބަޔަކަށް ހަޖަމުކުރަން ފަސޭހަވާނެ މަންޒަރެއް ނޫނެވެ. ޖުމްހޫރީ ދުވަހެއް ފާހަގަކުރިއިރު ގައުމުގެ އެންމެ މަޝްހޫރު އެއް ރައީސްގެ ފޮޓޯއެއް އެ ހަފުލާ އިން ފެންނަން ނެތް ނަމަ އެއީ ޔަގީނަށް ވެސް ބޮޑު ގޯހެކެވެ.

އެމްޑީޕީގެ ސަޕޯޓަރުން ކުއްލިއަކަށް ރަތަށް އެރީ މި ސަބަބާ ހެދި އެވެ. އެހެން ނަމަވެސް މީގައި ފާހަގަކޮށްލަން ޖެހެނީ "ކުއްލި ކުއްލި" އަށް ކަންތައްކުރާއިރު އަދި "ކުއްލި ކުއްލި" އަށް ރުޅިއަރައިގަންނައިރު ހަގީގަތް އޮތް ގޮތް ހޯދައި ބަލައިލަން ވެސް ޖެހޭ ކަމެވެ.

މި ފޮޓޯއެއް ޓްވިޓަރުގައި ޕޯސްޓްކުރި ހުސެއިން މާޒިން ބުނެފައި ވަނީ އެ ފޮޓޯއެއް ނެގިއިރު ރައީސް ނަޝީދުގެ ތަސްވީރު ހިފަހައްޓައިގެން ހުރި އަންހެން ކުއްޖާ އެ ވަގުުތު ހުރީ ޕޯޑިއަމްގައި ވާހަކަ ދައްކަން ކަމަށެވެ. ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯގައި ނަޝީދުގެ ތަސްވީރު ފެންނަން ނެތީ އެހެންވެ އެވެ. މާޒިން އަކީ ހައިކޮމިޝަންގެ މުވައްޒަފެކެވެ.

ނަމަވެސް ހަގީގަތް ބަލައިނުލައި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ރުޅިގަދަވުމުން ޢާހިރުގައި ގެއްލުން މިވީ ހަމަ އެބައި މީހުންގެ އަމިއްލަ ސިއްހަތަށެވެ. ކޮންމެއަކަސް ރުޅިގަދަވުމުގެ އިތުރު ފުރުސަތެއް އިތުރު ބަޔަކަށް ނުދިނުމުގެ ބޭނުމުގައި ޓްވިޓާ އަށް މިހާރު އެ ވަނީ އެ އިވެންޓްގެ ބޮޑު މަންޒަރެއް ނުވަތަ އެހެން ފޮޓޯއެއް އާންމުކޮށްފަ އެވެ.

އެ ފޮޓޯއިން ފެންނަނީ ހުރިހާ ކުދިން ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ރައީސުންގެ ފޮޓޯތައް ހިފަހައްޓައިގެން ސްޓޭޖު މަތީގައި ތިބޭ މަންޒަރެވެ. ރައީސް ނަޝީދުގެ ފޮޓޯ ވެސް ކުއްޖެއްގެ އަތުން ފެންނަން އެބަހުއްޓެވެ.

"ތިއީ ފޭކު. ކުރިން ފެނުނު ފޮޓޯގައި ޕޯޑިއަމްގައި ހުރި ކުއްޖާ އާއި ނަޝީދުގެ ފޮޓޯ ފަހުން ހިފަހައްޓައިގެން ހުރި ކުއްޖާގެ ބުރުގާގެ ކުލަ ވެސް ތަފާތު،" މިއީ ނަޝީދުގެ ފޮޓޯއެއް ނެތް ކަމަށް ބުނެ ޓްވިޓާގައި ފޯރިމަރަމުން ދިޔަ ޒުވާނަކު ހެދެމުން ދިޔަ ގޮތެވެ.

އެހެން މީހަކު މިއަށް ރައްދެއް ދިނީ ނިކަން ސަމާސާ ރާގެއްގަ އެވެ.

"ރައީސް ނަޝީދު އެ އޮންނެވީ ޖަލުގައި ނޫންތޯ އެވެ؟ ދެން ލަންކާގައި ނަގާ ފޮޓޯއަކަށް އަރާނީ ކިހިނެތްތޯ އެވެ؟،" މިހެންނެވެ.