ލައިފްސްޓައިލް

އަސްލު މޯގްލީ އުޅެނީ ގަސްގަހު ކުރީގައި، ކަނީ ވިނަ

މޯގްލީ އަކީ ވަރަށް ގިނަ ފިލްމުތަކާއި ކާޓޫނުތަކުން ފެންނަ މަޝްހޫރު ކެރެކްޓާ އެކެވެ. ރުޑްޔާޑް ކިޕްލިންގްގެ "ދަ ޖަންގަލް ބުކް" ވެސް އެންމެ މުހިއްމު ކެރެކްޓާއަކީ މޯގްލީ އެވެ. މިއީ ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން ކުޑަކުދިންނެއްގެ ފޭވަރިޓް ކެރެކްޓާ ވެސް މެއެވެ. ނަމަވެސް މި ކެރެކްޓާ އާ ވަރަށް އެއްގޮތް އަސްލު ކުއްޖެއް އުޅޭކަން އެނގޭ ހެއްޔެވެ؟ މި މޯގްލީ އާއި ފިލްމުތަކާއި ކާޓޫނުތަކުގައި އުޅޭ މޯގްލީގެ ތަފާތަކީ ހަގީގީ މޯގްލީ ދެކެ އޭނާ ދިރިއުޅޭ ހިސާބުގެ އަވަށްތަކުގެ މީހުން ރުޅި އަންނަ ކަމެވެ.

ހަގީގީ މޯގްލީގެ އަސްލު ނަމަކީ އެލީ އެވެ. އޭނާ ދިރިއުޅެނީ އެފްރިކާގެ އަވަށެއްގަ އެވެ. މި މޯގްލީ އަކީ އިންސާނެއް ނަމަވެސް އާދައިގެ އިންސާނުން ވާހަކަ ދައްކާ ގޮތަކަށް މި މޯގްލީއަކަށް ވާހަކައެއް ނުދެއްކެ އެވެ. އަދި އިންސާނުން ކެއުމަށް ބޭނުންކުރާ ކާނާގެ ބަދަލުގައި މި މޯގްލީ ކާހިތްވަނީ އަދި ކަނީ ވިނަ އެވެ. ޖަންގަލީގައި ދިރިއުޅޭ ބައެއް ޖަނަވާރުތައް ފަދައިންނެވެ.

ރުވާންޑާގެ ޒަންޒިމަން އެލީގެ އުމުރުން މިހާރު 21 އަހަރެވެ. އެލީ އުފަންވީއިރުވެސް ވަރަށް މަދުން ނޫނީ ދުނިޔޭން ނުފެންނަ ޑިސްއޯޑާއެއް ކަމަށްވާ މައިކްރޯސެފަލީ ކިޔާ ބައްޔެއް ހުއްޓެވެ. މި ބަލި ޖެހޭ މީހުންގެ ބޯ ހުންނާނީ އެމީހުންގެ ހަށިގަނޑަށް ވުރެ މާ ކުޑަކޮށެވެ. މި ޑިސްއޯޑާގެ ސަބަބުން އެންމެ ކުޑައިރުއްސުރެ އެލީ އަށް ވާހަކައެއް ނުދެއްކެ އެވެ.

"މީހުން އެލީއަށް ރާމާމަކުނޭ، ޗިމްޕަންޒީ އޭ ކިޔާފައި ގޮވާ ހަދާ. އެއީ ޖަންގަލީގެ ދިރިއުޅުމަށް އެލީ ލޯބިކުރާތީ ގޮވާ ނަންނަން. އެލީ ޖަންގަލިން ނުކުމެގެން މީހުން ދިރިއުޅޭ އަވަށަކަށް އަޔަސް އެއްވެސް މީހަކު އޭނާއަކަށް މަރުހަބާއެއް ނުކިޔާނެ. އަދި އޭނާ ފެންނާކަށް ވެސް އަދި މީހުން އުޅޭ ތަންތަނަކަށް އަންނާކަށް ވެސް މީހުންނެއް ނޭދޭ،" އެލީގެ މަންމަ ބުންޏެވެ.

އެލީގެ މަންމަ ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް އޭނާ ކައްކާ އެއްޗެތި ކަމަކު ނުދެ އެވެ. އެލީ ކާން ބޭނުންވަނީ ވިނަ އެވެ. ދިރިއުޅެން ބޭނުންވަނީ ޖަންގަލި ތެރޭގަ އެވެ.

"އެލީ އަކީ އަހަރެންގެ އެންމެ ހަގު ދަރިފުޅު. ނަމަވެސް އެހެން ކުދިންނާ އެލީ އާ ވަރަށް ތަފާތު. އެލީ ވަރަށް ދޮންކެޔޮ ކާހިތްވާނެ. އޭނާ ދުވަހަކުވެސް ސްކޫލަކަށް ނުދޭ. އަދި އޭނާއަށް ވާހަކަ ދައްކާކަށް ވެސް ނޭނގޭ. އެހެންވެ އޭނާއާ ވާހަކަ ދައްކާ ހެދުމަކީ އަހަރެމެންނަށް ވެސް ވަރަށް އުނދަގޫކަމެއް. އެލީ ދިރިއުޅެން ބޭނުންވަނީ އެހެން މީހުންނާ ދުރުގައި އެކަނިމާއެކަނި،" ހަގީގީ މޯގްލީގެ މަންމަ ބުންޏެވެ.

އެލީގެ މަންމަ ބުނި ގޮތުގައި އެލީ ޖަންގައްޔަށް ދިޔަ ނުދޭން އެމީހުން ވަރަށް މަސައްކަތް ކުރެ އެވެ. އަދި އޭނާ ފަހަތުން ދުވެ އަތުލައިގެން ވެސް ގެއަށް ގެނެ އެވެ. ނަމަވެސް ދަނޑިވަޅު ބަލާފައި އޭނާ ޖަންގައްޔަށް ވަދެ ފިލަނީ އެވެ.

"ޖަންގަލީގައި ފުރާނަ ސަލާމަތްކޮށްގެން ދިރިއުޅޭނެ ގޮތް މިހާރު އެލީ ދަސްކޮށްފި،" އެލީގެ މަންމަ ބުންޏެވެ.

އެލީ ބައެއް ފަހަރު ޖަންގައްޔަށް ވަދެފައި އެތައް ދުވަހެއް ވަންދެން ޖަންގަލީގެ ތެރޭގައި ފިލައިގެން އުޅެ އެވެ. އެ ދުވަސްތަކުގައި އޭނާގެ މަންމަ ހުންނަނީ ވަރަށް ބިރުން ކަމަށް އެލީގެ މަންމަ ބުންޏެވެ. ސަބަބަކީ ޖަންގަލީގެ ތެރޭގައި ބޮޑެތި ވަލު ޖަނަވާރުތައް އުޅޭތީ އޭގެން އެއްޗެއްގެ އުނދަގުލެއް އެލީ އަށް ފޯރަފާނެތީ އެވެ.

އެފްރިމެކްސް ޓީވީން މިހާރު ވަނީ އެލީގެ ދިރިއުޅުމާ ގުޅޭ ފިލްމެއް ވެސް އުފައްދާފަ އެވެ. އެލީގެ މަންމަ އާއި އޭނާގެ އަވަށުގެ މީހުން ބުނާ ގޮތުގައި އެލީ ދުނިޔޭގެ އެންމެ ހަލުވި ދުވުންތެރިޔާ އުސެއިން ބޯލްޓަށް ވުރެ ވެސް ބާރަށް ދުވާނެ އެވެ.