ލައިފްސްޓައިލް

ފިރުމާލަން އުޅެނިކޮށް ސިންގާ ހަމަލަދީފި

އެންމެ ނުރައްކާތެރި ވަލު ޖަނަވާރުތައް އުޅޭ ހިސާބުތަކަށް ވައިލްޑްލައިފް ސަފާރީތައް ކުރުމަކީ ބައެއް މީހުން ވަރަށް ޝައުގުވެރިކަމާއެކު ކަމެކެވެ. މިއީ ވަރަށް މަޖާ ކަމަކަށް ވިޔަސް ނުރައްކާވެސް އެހާމެ ބޮޑު ކަމެކެވެ. މިގޮތަށް ވަލު ޖަނަވާރުން އުޅޭ ތަންތަނަށް ސަފާރީ ދާއިރު ފުރިހަމަކުރަން ޖެހޭ ޕްރޮޓޮކޯލްތަކެއް ހުރެ އެވެ. ބައެއް މީޙުން މި ޕްރޮޓޮކޯލްތައް ފޮލޯ ކުރާއިރު އަނެއް ބަޔަކު މިކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.

ޓެންޒޭނިއާގެ ސެރެންގެޓީ ނެޝަނަލް ޕާކްގައި ހަރުކޮށްފައިވާ ސީސީޓީވީ އަކުން ނަގާފައިވާ ފުޓޭޖެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ވީޑީއޯ އިން ފެންނަނީ މިގޮތަށް ޕްރޮޓޮކޯލް އާ ޚިލާފުވުމުން މީހަކަށް ކުރިމަތިވީ ނުރައްކަލެވެ. މި ވީޑީއޯ އަށް ބަލާލުމުން އެ ޕާކަށް ދާ ޓޫރިސްޓުން އެތަނުން އަންގާފައި އޮންނަ ކަންކަން ނުކުރުމުން ދިމާވާނެ ނަތީޖާ ވަރަށް ރަނގަޅަށް ހާމަވެފައި ވެއެވެ.

މި ވީޑީއޯ ކްލިޕްގައި ފެންނަނީ ޓެންޒޭނިއާގެ ޕާކަށް ޒިޔާރަތްކުރި ޓޫރިސްޓެއް އޭނާ އިން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށް އެ ޕާކުގައި އޮތް ސިންގާއެއްގެ ގައިގައި ފިރުމާލަން އުޅޭ ތަނެވެ. އެ ވަގުތު ސިންގާ އެމީހުންނަށް ހަމަލަދޭން ތައްޔާރުވި އެވެ. އަދި ކާރުގައި އިން އެހެން މީހަކު ބިރުން އިނދެ އަވަހަށް ކުޑަދޮރު ލައްޕާށޭ ބުނާ އަޑު އިވެ އެވެ. ސިންގާ އެމީހުންނާ ދިމާލަށް ފުންމައިގެން ވަގުތު އެމީހުންނަށް ކުޑަދޮރުގެ ބިއްލޫރިގަނޑު ލެއްޕުނީ ހަމަ ކިރިޔާ އެވެ. ނުލެއްޕުނުނަމަ އޭގެ ތެރެއިން ކޮންމެވެސް އެކަކުގެ ފުރާނަ ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

މި ވީޑިއޯގެ ސުރުޚީގައި ލިޔެފައިވަނީ "އެންމެ ގަމާރު ޓޫރިސްޓް" މިގޮތަށެވެ. މިގޮތަށް ވިސްނާނުލާ ކުރާ ކަމަކުން ތިމާގެ ފުރާނަ ދިއުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވެސް މި ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.