މަތިންދާބޯޓުގައި ދަތުރުކުރާއިރު ކޮންމެ މީހަކުވެސް ހިފަހައްޓަންޖެހޭ ހަމަ ތަކަކާ އުސޫލުތަކެއްވެރު އެވެ. ޚާއްސަކޮށް ކޮވިޑް-19ގެ އާލަމީ ވަބާ ފެތުރުނު ފަހުން ފްލައިޓްތަކަށް އަރާ މީހުން އަމަލުކުރަންޖެހޭ އުސޫލުތައް އިތުރަށް ހަރުކަށިވެފައިވެ އެވެ.
ކުރީގައި އޮންނަ ގޮތުން ބޯޓަށް އަރާފައި މޯބައިލް ފޯނު އޮފް ކޮށްލާފައި ސީޓު ބެލްޓު އެޅުމުން ފުދެ އެވެ. ނަމަވެސް މިހާރު ގައިދުރުކަން ވެސް ބަހައްޓަން ޖެހެ އެވެ. މާސްކް އަޅަން ޖެހެ އެވެ.
ފްލައިޓް އެޓެންޑެންޓެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރި ތަޖުރިބާކާރު މީހެއް ކަމަށްވާ ޓޮމީ ސިމާޓޯ ޓިކްޓޮކްގައި ޝެއާކުރި ޕޯސްޓެއްގައި މަތިންދާބޯޓުގައި ދަތުރުކުރާ ފަސިންޖަރުން އަމަލުކުރަން ޖެހޭ އުސޫލުތައް ވަރަށް ރަނގަޅަށް ކިޔައިދީފައިވެ އެވެ.
ޓޮމީގެ ލިސްޓުގައި ފަސިންޖަރުން ކޮންމެހެން އަމަލުކުރަން ޖެހޭ ފަސް ކަމެއް ފާހަގަކޮށްފައިވެ އެވެ. އެ ކަންތައްތަކަށް ބަލާލުމުން މިއީ ހަގީގަތުގައި ވެސް ކުރަން ޖެހޭ ކަންތައްތައް ކަން ކޮންމެ މީހަކަށް ވެސް ވިސްނޭނެ އެވެ.
ފުރަތަމަ ކަމަކަށް ޓޮމީ ފާހަގަކޮށްފައިވަނީ މަތިންދާބޯޓަށް އަރާއިރު ކުރު ސޯޓުބުރި ލައިގެން ނޭރުމެވެ. މިއީ ވަރަށް ގިނަ ބަޔަކު ހައިރާންވީ ކަމެކެވެ. ސޯޓު ލުން ރަނގަޅު ނޫން ސަބަބު ވެސް ޓޮމީ ބުނެދިނެވެ.
ޓޮމީ ބުނި ގޮތުގައި އޭނާ ކުރު ސޯޓުބުރި ލައިގެން އުޅޭއިރު އަހަރެމެންގެ ދެ ފައި ހުރިހާ ވައްތަރެއްގެ ފަނިފަކުސާ އަކަށް (ބެކްޓީރިއާ އާއި ވައިރަސް އަށް) ހުށަހެޅޭނެ އެވެ. މަތިންދާބޯޓުގެ ސީޓުތަކަކީ ގިނަ އިރު ތަކަކު އެކި ކަހަލަ މީހުން އިށީނދެގެން ތިބޭނެ ސީޓު ތަކެކެވެ. ކޮންމެ ފަހަރަކު މީހުން ފައިބާއިރަށް ސީޓުތައް ޑިސްއިންފެކްޓް ކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ސޯޓު ލައިގެން ބޯޓަށް ނޭރުމަށް ޓޮމީ އިރުޝާދު ދެނީ އެހެންވެ އެވެ.
ދެ ވަނަ ކަމަކަށް އޭނާ ފާހަގަކޮށްފައިވަނީ މަތިންދާބޯޓުގައި އިންނައިރު ޖެހިގެން އިންނަ ކުޑަދޮރުގައި ބޯ އަޅާލައިގެން ނީނުމެވެ. ސަބަބަކީ އެތަނުގައި އަތް ހާކާފައި ހުންނާނީ ކިތައް މީހުން ކަން ނޭނގޭތީ ކަމަށް ޓޮމީ ބުންޏެވެ.
ތިންވަނަ ކަމަކަށް އޭނާ ފާހަގަކޮށްފައިވަނީ ފާޚާނާއަށް ވަދެފައި ފްލޭޝް ބަޓަން ފަދަ ތަކެތީގައި އަތް ނުލުމެވެ. ޓިޝޫއެއް ފަދަ އެއްޗެއް ޖައްސައިގެން ފްލެޝް ކުރުމެވެ. ސަބަބަކީ ފާޚާނާ ބޭނުންކޮށްފައި އެކަށީގެންވާ ވަރަށް އަތް ނޮދެވެ ގިނަ ބަޔަކު ފްލެޝް ބަޓަންގައި އަތްލުމުގެ ފުރުސަތު ބޮޑުވީމަ އެވެ. އަދި ފްލެޝް ބަޓްންގައި ޖަރާސީމު ހުރުމަކީ ވަރަށް ގާތުގައި އޮންނާނެ ކަމަކަށް ވާތީ އެވެ.
އިތުރަށް އޭނާ ފާހަގަކޮށްފައިވާ އަނެއް ކަމަކީ ފްލައިޓް ތެރޭގައި ތިބޭއިރު ފެނާއި ކާބޯ އެއްޗިއްސަށް އެދެން ލަދު ނުގަތުމަށެވެ. އަދި މޭނުބައިކުރާނަމަ ހޮޑުލާ ކޮތަޅު ގެނެސްދޭން އެދުމަށް ވެސް އޭނާ އިރުޝާދު ދިނެވެ.
ޓޮމީގެ މި ޕޯސްޓް ވައިރަލްވެ 1.5 މިލިއަން ވިއުޒް ލިބިފައިވެ އެވެ. އަދި ވަރަށް ގިނަ ބަޔަކު ކޮމެންޓު ވެސް ކުރި އެވެ. ގިނަ ބަޔަކު އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީ ބޯޓު ރަނގަޅަށް ސެނިޓައިޒް ނުކުރާކަން ޓޮމީގެ ވާހަކަތަކުން ދޭހަ ވުމުންނެވެ.