ލައިފްސްޓައިލް

ކުރަހާ އޫރެއްގެ ކުރެހުންތައް އަގުބޮޑުކޮށް ވިއްކަނީ

އެކި ކަހަލަ ޖަނަވާރުތައް މޮޅަށް ކުރަހާފައި ހުންނަ ކުރެހުންތަކުގެ ވާހަކަތައް ސޯޝަލް މީޑިއާ އިން މިހާރު ވަރަށް ގިނައިން ފެނެ އެވެ. އެގޮތުން އެތާއި އެނޫން ވެސް ބައެއް ޖަނަވާރުތައް ކުރަހާ މަންޒަރު ބައެއް މީހުން ވީޑީއޯކޮށް ހިއްސާ ކޮށްފައި ހުންނާތީ ފެނެ އެވެ.

ނަމަވެސް ވަރަށް މޮޅަށް ކުރަހާ އާޓިސްޓިކް އޫރެއް ކުރަހަނިކޮށް ދުށީން ހެއްޔެވެ؟ މި އޫރު ކުރެހުމަށް މޮޅުކަމުން މިހާރު މިސޮރަށް ކިޔައި އުޅެނީ ޕިގްކާސޯ އެވެ.

ޕިގްކާސޯއަކީ 2016 ގައި ޖަނަވާރު ކަތިލާތަނަކަށް ކަތިލާލަން ގެންގޮސްފައި އޮތް އޫރެކެވެ. އޭރު މިސޮރަކީ ޕިގްލެޓެކެވެ. ނުވަތަ އުމުރުން ވަރަށް ހަގު އޫރެކެވެ. މިސޮރު ސަލާމަތްކޮށްގެން ގެންގޮސްފައިވަނީ ސައުތު އެފްރިކާގެ އެސްޓާން ކޭޕް ރީޖަންގެ ފްރެންޝޮއެކްގެ އެނިމަލް ސެންކްޗުއަރީ އަކަށެވެ.

އެތަނުގައި އެސޮރު އޮތްއިރު އެސޮރު ކުރެހުމަށް ވަރަށް ޝައުގުވެރިވާކަން އެ ސޮރު ގެންގުޅުނު މީހުންނަށް ފާހަގަ ކުރެވުނެވެ. އަދި އެ ސޮރަށް ކުރެހޭނެ މަގު ފަހިކޮށްދިނެވެ. އެސޮރުގެ ވެރިމީހާ އަށް މިހާރު އެ ސޮރުގެ ކުރެހުންތައް ވިއްކައިގެން އެތައް ހާސް ޑޮލަރެއް ލިބެ އެވެ.

މި އޫރުގެ ޚާއްސަ ވެބްސައިޓެއް ވެސް ވެއެވެ. އެ ވެބްސައިޓްގައި އެ ސޮރު ކުރަހާފައިވާ ކުރެހުންތައް ވިއްކަން ހުރެ އެވެ.

މި ސެންކްޗުއަރީ ހިންގާ ޖޯނޭ ލެފްސޮން ސައުތު އެފްރިކާގެ މީޑިއާ އަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ ޕިގްކާސޯ ލައްވާ ކުރަހަން ފެށީ އެސޮރު މުނިފޫހިފިލުވައިދިނުމުގެ ގޮތުން ކަމަށެވެ. އެތަނުގައި އެސޮރު ގެންގުޅުނުއިރު ކުލައާއި ޕެއިންޓް ބްރަޝް ފަދަ އެއްޗެތި ދެކެ އެ ސޮރު ވަރަށް ލޯބިވާކަން އެނގުނެވެ. މި އާދަޔާޚިލާފު އާޓިސްޓް އުފަންވީ މިގޮތަށެވެ.

ލެފްސޮން ބުނި ގޮތުގައި އޫރަކީ ވަރަށް ސްމާޓް ޖަނަވާރެކެވެ. އެހެންވެ އެސޮރު އޭނާގެ ސެންކްޗުއަރީއަށް ގެނައުމަށްފަހު އޭގެ މުނިފޫހިފިލުވާދޭނެ ގޮތަކާ މެދު އޭނާ ވިސްނި އެވެ.

"އަހަރެމެން ފުޓުބޯޅަ އާއި ރަގްބީ ބޯޅަ ފަދަ އެއްޗެތި ވެސް އުކާ ހެދިން. އެތަނަކީ ވަރަށް އަލަށް އަހަރެމެން ބިނާކުރި ތަނަކަށް ވާތީ އެތާ ބިންމަތީގައި އަހަރެމެން ބޭނުންކުރި ޕެއިންޓް ބްރަޝް ފަދަ ތަކެތި ވެސް ހުރި. އެތާ ހުރި ހުރިހާ އެއްޗެއް އެސޮރު ދަތްއަޅާ ހަލާކުކޮށްލިއިރު ބުރުސްތަކަކަށް ގެއްލުމެއް ނުދޭ. އެ އެއްޗެތި ދެކެ އެ ސޮރު ވަރަށް ލޯބިން އުޅެނީ. ދެން އަމިއްލައަށް ކުލަ ޕޮޓްތަކަށް ފިހިކޮއްޕާފައި ނަތާ ތަންތާނގައި ހާކަން ފެށީ ވެސް،" ލެޕްސޮން ބުންޏެވެ.

މިހާރު ޕިގްކާސޯ ކުރަހަނީ އެ ސޮރަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ބުރުހެކެވެ. އެސޮރުގެ މާސްޓަޕީސްތައް ތައްޔާރުކުރަނީ ނޮން-ޓޮކްސިކް ކުލައިންނެވެ. އަދި ކޮންމެ ކުރެހުމެއްގެ ކަނުގައި އެސޮރު ޚާއްސަ ނިޝާނެއް އޭގެ ނޭފަތުން ޖައްސަ އެވެ.

އިނގިރޭސި ވިލާތުގެ "ދި އިންޑިޕެންޑެންޓް" ނޫހުގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ޕިގްކާސޯގެ ކޮންމެ ކުރެހުމެއް ގާތްގަނޑަކަށް 4000 ޑޮލަރަށް ވިކެ އެވެ. އަދި އެ ފައިސާ ދަނީ އެނިމަލް ވެލްފެއާ ފަންޑަށެވެ. ޕިގްކާސޯގެ އެއް ކުރެހުމެއް ސްވިސް ގަޑިހަދާ މަޝްހޫރު ބްރޭންޑް ސްވޮޗްގެ ގަޑިއެއްގެ މޫނުމަތީގައި ވެސް ބޭނުންކޮށްފައި ވެއެވެ.