ދުނިޔެ

ޔޫއޭއީއަށް އެފް-35 ގެ ޖެޓް ވިއްކަން އެމެރިކާ ޖެހިލުންވޭ

ޔޫއޭއީއަށް އެފް-35 މަރުކާގެ ފައިޓާ ޖެޓްތައް ވިއްކުމަކީ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ބުނެފި އެވެ. އެއީ ޗައިނާ އާއެކު އޮންނަ ގޮތް ނޭނގޭ ގާތް ކަމެއްގެ ސަބަބުން އުފެދިފައިވާ ވަހުމާއެކު ކަމަށް ވަނީ ބުނެފަ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ޗައިނާއަކީ ގުޅުން ބަދަހި ދެ ގައުމެކެވެ. އެމެރިކާގެ ޖާސޫސީ އޮފިޝަލަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލުން ބުނާ ގޮތުން ޗައިނާގެ އަސްކަރީ ޖެޓްތަކުން ދޭތެރެ ދޭތެރެއިން އަބޫދާބީއަށް މުދާ ބާލަ އެވެ. އަސްކަރީ ބޯޓުތަކުގައި ޗައިނާއިން އަބޫދާބީއަށް ގެންދަނީ ކޮންއެއްޗެއްކަން ނޭނގޭ ކަމަށް ވެސް ޖާސޫސުން ބުނެ އެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވާ ގޮތުން ޗައިނާއާ އެހާ ގާތް ގައުމަކަށް އެފް-35 މަރުކާގެ ޖެޓްތައް ވިއްކުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އެމެރިކާއިން ބިރުގަންނަނީ އެފް-35 އުފައްދާފައި ހުރި ގޮތް ޗައިނާއާ ރަޝިއާއިން ކޮޕީ ކޮށްފާނެތީ އެވެ. އަދި ފައިޓާ ޖެޓްތަކަށް ހަމަލާ ދޭނޭ މޮޅު ގޮތްތައްކެއް ވާދަވެރި ގައުމުތަކުން އީޖާދު ކޮށްފާނެތީ އެވެ.

ޔޫއޭއީއަށް އެފް-35 މަރުކާގެ ޖެޓްތައް ވިއްކަން އެމެރިކާއިން އެއްބަސްވީ އިޒްރޭލާއެކު ގުޅުން ބަދަހިކުރާ މަތިންނެވެ. އެމެރިކާއިން އިސްނަގައިގެން އިޒްރޭލާ އަރަބި ގައުމުތަކާއެކު ގުޅުން ދެމެހެއްޓުމަށް އުފެއްދި އަބްރަހަމް އެކޯޑް އެއްބަސްވުމުގައި ޔޫއޭއީން ވަނީ ސޮއި ކޮށްފަ އެވެ.

އެމެރިކާގެ ކަންބޮޑުވުމަށް ޔޫއޭއިން ބުނީ އެމެރިކާގެ އަސްކަރީ ސިއްރުތަކާއި ޓެކްނޮލޮޖީ ހިމާޔަތް ކުރުމުގެ ރެކޯޑެއް ޔޫއޭއީއަށް އަށް އޮންނަ ކަމަށެވެ. ޔޫއޭއީން ވޮޝިންގްޓަނަށް ކަނޑައަޅާައި ހުންނަވާ ސަފީރު ވޯލް ސްޓްރީޓް ޖާނަލަށް ވިދާޅުވީ އެމެރިކާގެ ދިފާއީ އުކުޅުތައް ހިމާޔަތް ކުރުމަކީ ޔޫއޭއީގެ ވައުދެއް ކަމަށެވެ.

ޔޫއޭއީއަށް އެފް-35 މަރުކާގެ ޖެޓްތައް ވިއްކަން ފުރަތަމަ އެއްބަސްވީ ޓްރަމްޕްގެ ސަރުކާރުންނެވެ. ޖޯ ބައިޑަންގެ ޒައާމަތުން ވެސް ވަނީ މި ވިޔަފާރި ކުރިއަށް ގެންދަން ނިންމާފަ އެވެ. އެހެން ނަމަވެސް މަސްރަހު މިހާރު އޮތް ގޮތުން ޖެޓްތައް ވިއްކާނެ ކަމަށް ބެލެވެނީ ޝަރުތުތައް ވަރަށް ބޮޑަށް ހަރުކަށި ކުރުމަށް ފަހު އެވެ. އެގޮތުން އެމެރިކާ އެއްބަސް ނުވާ ކަމެއްގައި ޖެޓްތައް ބޭނުން ނުކުރުން އަދި ޔުއޭއީގައި ޗައިނާއިން އަސްކަރީ މަރުކަޒެއް އަޅައިފި ނަމަ މި ޑީލް ކެންސަލް ކުރުން ހިމެނެ އެވެ.

ޗައިނާއިން މެދުއިރުމަތީ ގައުމުތަކާ އެކު ގުޅުން ބަދަހި ކުރަމުން ގެންދަނީ އެމެރިކާއަށް ނޭވާލާން ދަތިވާ ވަރަށެވެ. މެދުއިރުމަތީގައި ޗައިނާ ހަދާ ނުހަދާ ނޭނގޭތީ އެމެރިކާ މިހާރު އޮތީ ތަލި ހިކިފަ އެވެ.