ދުނިޔެ

ޔޫއޭއީއަށް ޗައިނާގެ އަސްކަރީ މަތިންދާބޯޓްތައް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވައިގެ ސިފައިން ބޭނުންކުރަން ޗައިނާއިން އަސްކަރީ ދަރަޖައިގެ ކުދި މަތިންދާބޯޓް ގަންނަން ނިންމައިފި އެވެ.

ޗައިނާގައި އުފައްދާ އެލް15 ފެލްކަން މަރުކާގެ ޖެޓް ޓްރެއިނާގެ އިތުރުން ލުއި ބޭނުންތަކުގައި ވައިގެ ސިފައިން ބޭނުންކުރަން އަސްކަރީ 12 ބޯޓެއް ގަންނާނެ ކަމަށް ޔޫއޭއީ އިންވެސް ބުނެފައިވެ އެވެ. އަދި ބުނީ އޭގެ އިތުރު 36 ބޯޓެއް އަދި ފަހުން ގަންނާނެ ކަމަށެވެ.

ޔޫއޭއީއަށް ބޭނުންވާ އަސްކަރީ އާލާތްތައް ހޯދުމުގައި ކުރިން އެންމެ ބޮޑަށް ބަރޯސާކުރީ އެމެރިކާ އާއި ފްރާންސަށެވެ. އެހެންނަމަވެސް، އިޒްރޭލަށް ވިއްކާ ދަރަޖައިގެ ފައިޓަރު ޖެޓްތައް ޔޫއޭއީއަށް ވިއްކާއިރު ބާރުދެރަކޮށްފައި ވިއްކާ މައްސަލާގައި އެމިރޭޓްސް އިން ވަނީ އެމެރިކާއާ ފެއަށް ޖެހިފަ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް ބުނާ ގޮތުން އަސްކަރިއްޔާ ގާބިލު ކުރުމަށް ޗައިނާއާ މަޝްވަރާ ކުރާނެ އެވެ. އަދި ބުނީ ޗައިނާ އަކީ ޒަމާނީ، ހައިޕާސޮނިކް -- އަޑަށް ވުރެ ބާރަށް ދުވާ އުޅަނދު އުފައްދާ ގައުމަކަށް ވާތީ ޗައިނާއާ ގުޅިގެން ޔޫއޭއީގެ އަސްކަރިއްޔާ ޒަމާނީ ކުރާނެ ކަމަށެވެ.

ޗައިނާ އާއި ޔޫއޭއީ މާބޮޑަށް ގާތްވުމަކީ އެމެރިކާ އެދޭ ގޮތެއް ނޫނެވެ. ޔޫއޭއީ އިން މީގެކުރިން އެމެރިކާ އެދޭހާ ގޮތަކަށް ކަންތައް ކުރި ނަމަވެސް އެމެރިކާ ހަދަނީ ހަދާނެ ގޮތެކެވެ. އަދި އެމެރިކާގެ ޝައުގުގައި ކަމެއް ނެތް ނަމަ އެއްވެސް ބަޔަކަށް ކަމެއް ނުކޮށްދެ އެވެ.

މެދުއިރުމަތީގައި އެމެރިކާގެ މަސްލަހަތަކީ އިޒްރޭލެވެ. މެދުއިރުމަތިން ގައުމަކާއެކު ވިޔަފާއި އެއްބަސްވުމެއް ހެދި ނަމަވެސް މާއްދާއެއް ގޮތުގައި އިޒްރޭލަށް ފޯރުކޮށްދޭ ފެންވަރުގެ އެއްޗެއް ފޯރުނުކޮށްދެވޭނެ ކަމަށް އެއްބަސްވާން ޖެހެ އެވެ.

މެދުއިރުމަތީ އަރަބި ގައުމުތަކަކީ ތަނަވަސް ގައުމުތަކެކެވެ. އެހެންކަމުން އެމެރިކާ ބުނާހާ ގޮތެއް ހަދައި ޒަމާން ދަންދެން ދެމިތިބުމުގެ މާނައެއް ނެތެވެ.