ފިނިޕޭޖް

ޝާހްރުކްގެ ސުހާނާ: ބޮލީވުޑުގެ އަލިގަދަ ތަރިއަކަށް ވެދާނެ

މަޝްހޫރު ފިލްމީ ތަރިންގެ ދަރިންގެ ތެރެއިން ވަރަށް މަދު މީހަކަށް ނޫނީ އެމީހުންގެ މައިންބަފައިންނާ އެއްވަރުގެ ކާމިޔާބެއް ނުހޯދެ އެވެ. ނަމަވެސް ޝާހްރުކް ހާންގެ ދަރިފުޅު ސުހާނާ ހާނަކީ އޭނާގެ ބައްޕައަށް ވުރެ ވެސް ކާމިޔާބު އެކްޓަރަކަށް ވެދާނެ ކަމަށް އޭނާގެ އެކްޓިން ފެނިފައިވާ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ދާދި ފަހުން 21 އަހަރު ފުރުނު ސުހާނާ ބޮލީވުޑަށް ނުކުންނަން މިހާރުއްސުރެ ތައްޔާރުވަމުން ދާއިރު ވަރަށް މޮޅު އަދި ކާމިޔާބު ބަތަލާއަކަށް އޭނާ ވެދާނެ ކަމަށް މިހާރުއްސުރެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޝާހްރުކްގެ ދަރިއަކަށް ވާތީ ކެމެރާ އާއި އެކްޝަން އަކީ ސުހާނާއަށް އާ އެއްޗަކަށް ނުވާނެ އެވެ. އަދި ފިލްމު ސެޓުތަކުގައި ފިލްމީ ތަރިން ވަށައިގެން އެނބުރޭ މާހައުލެއްގައި އުޅެ ބޮޑުވުމުގެ ނަސީބު ލިބިފައިވުމީ ވެސް އޭނާއަށް އޮތް އެޑްވާންޓޭޖެކެވެ.

ސުހާނާ އެކްޓިން އަށް ޝައުގުވެރިވާކަން އެނގުމުން އޭނާއަށް އެ ރޮނގުން ކިޔަވައިދީ ތަޖުރިބާ ހޯދައި ދޭން ވަރަށް ކުރިއްސުރެ ޝާހްރުކް ވަނީ މަސައްކަތް ފަށާފަ އެވެ. އެމެރިކާގައި މިހާރު ވެސް ސުހާނާ ގެންދަނީ ޕާފޯމިން އާޓްސްގެ ރޮނގުން މަތީ ތައުލީމަށް ކިޔަވަމުންނެވެ. އެހެން ކަމުން ކިޔަވާ ނިމި ފިލްމީ ދުނިޔެއަށް ނުކުންނަން އޭނާ ތައްޔާރުވާއިރު އޭނާއަށް މަރުހަބާ ކިޔަން ބޮލީވުޑްގެ އެންމެ ފުންނާބު އުސް ޑައިރެކްޓަރުންނާއި ޕްރޮޑަކްޝަން ހައުސްތަކުން ތިބޭނީ ތައްޔާރަށެވެ. ހާއްސަކޮށް ޝާހްރުކްގެ ގާތް އެކުވެރިޔާ ކަރަން ޖޯހަރް މިހާރުއްސުރެ ހުންނާނީ ސުހާނާ ލޯންޗުކުރާ ހިތުން ކެތްތެރި ކަމެއް ނެތި އިންތިޒާރު ކޮށްކޮށެވެ.

ސްޓާރުންގެ ދަރިންގެ ތެރެއިން ގިނަ މީހުންނާ ޚިލާފަށް ސުހާނާގެ އެ ހުނަރު ވަރަށް ރަނގަޅަށް ހުރިކަން އޭނާ ފިލްމު ސްކޫލްގައި ކުޅެ މިހާރު އިންޓަނެޓުން ފެންނަ ކުރު ފިލްމު "ދަ ގްރޭ ޕާޓް އޮފް ބްލޫ" އިން ވެސް ސާބިތުވެ އެވެ.

ތިއެޑޯ ގިމޭނޯ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ސުހާނާގެ އެކްޓިން ވަރަށް ނެޗުރަލް އެވެ. ވީމާ އޭނާއަކީ ސްކްރީނުން ފެންނަ ހަމައެކަނި ރީތި މޫނަކަށް ވުރެ މޮޅު ހުނަރުވެރި ބަތަލާއެއްގެ ގޮތުގައި ބެލުންތެރިންނަށް ފެނިގެން ދާނެކަމަށް ގިނަބަޔަކު އުންމީދު ކުރެ އެވެ.

އެކްޓިންގެ އިތުރުން ފިލްމު ކުޅުމާ ގުޅޭ ޓެކްނިކަލް މައުލޫމާތާއި ތަޖުރިބާ ވެސް ސުހާނާ ގެންދަނީ ހޯދަމުންނެވެ. އެގޮތުން ޝާހްރުކްގެ އެންމެ ފަހުގެ ރިލީޒް ކަމަށްވާ "ޒީރޯ" ގެ ޝޫޓިންގައި އެ ފިލްމުގެ ޑައިރެކްޓަރު އާނަންދް އެލް ރާއީގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ސުހާނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

ޕީޓީއައި އަށް ޝާހްރުކް ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއު އެއްގައި އެ ވާހަކަ ބުނެފައި ވެއެވެ. ޝާހްރުކް ބުނީ "ޒީރޯ" ގެ ސެޓުގައި ސުހާނާ ބައިވެރިވީ އެކްޓިން އާ ގުޅޭ ކަންކަން ދަސް ކުރުމުގެ ގޮތުންނެވެ. އޭނާ ކިޔަވާ ކިޔެވުމުގެ ބާވަތުން ފިލްމު ސެޓުތަކުގައި ވެސް ގިނަ ވަގުތުތަކެއް ހޭދަކޮށް ތަޖުރިބާ ހޯދަން ޖެހޭތީ ކަމަށް ވެސް ޝާހްރުކް ބުންޏެވެ.

"ލަންޑަންގައި ކިޔަވަން ހުންނައިރު ޑައިރެކްޓަރު ގުރިންދުރަ ޗައްދާގެ ޝޫޓިންގް ތަކަށް ވެސް އޭނާ ދާނެ ތަޖުރިބާ ހޯދަން. އަހަރެން 'ޒީރޯ' ގެ ސެޓަށް އޭނާ ގެންދަން ފެށީ އެ ފިލްމުގެ ދެ ބަތަލާއިން ކަމަށްވާ އަނުޝްކާ ޝަރުމާ އާއި ކެޓުރީނާ ކައިފްގެ އެކްޓިން ދައްކަން ވެގެން. އެ ދެ ބަތަލާއިން އެކްޓް ކުރާނީ ވަރަށް ތަފާތު ކޮށް ކަމަށް ވާތީ. ނަމަވެސް ޑައިރެކްޓަރާއި އެނޫން ވެސް މީހުން ކުރި ކަމަކީ ސުހާނާ އެސިސްޓެންޓް ޑައިރެކްޓަރަކަށް ހެދީ. އެއި އަހަރެން ގަޑިޔަށް ސެޓަށް ގެންދަން ވެގެން ކުރި ކަމެއް. ސުހާނާ ޝޫޓިންގަށް އަންނައިރު އަހަރެން ގޮވައިގެން އަންނާނެތީ،" ޝާހްރުކް ބުންޏެވެ.

ފިލްމު އިންޑަސްޓްރީގައި ތިބި ސުހާނާގެ ބެސްޓް ފްރެންޑުން ތެރޭގައި އަނަންޔާ ޕާންޑޭ އާއި ޝަނާޔާ ކަޕޫރު ހިމެނެ އެވެ. އަނަންޔާ ބޮލީވުޑަށް ތައާރަފްކުރީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ކަރަން ޖޯހަރް އެވެ. އަދި ޝަނާޔާ ލޯންޗު ކުރުމުގެ މަސައްކަތް ވެސް ކުރަނީ ކަރަން އެވެ. ވީމާ ކަރަންގެ ގާތް އެކުވެރިޔާ ޝާހްރުކްގެ ދަރިފުޅު ލޯންޗުކުރަން އޭނާ ވަރަށް ބޭނުންވާނެ ކަމަށް ބެލެވެ އެވެ.

އަނެއްކޮޅުން ސުހާނާގެ މަންމައަކީ ފެޝަންގެ ދުނިޔޭގައި އަރާހުރި މީހެކެވެ. ވީމާ އެ ރޮނގުން ވެސް ސުހާނާގެ ތަޖުރިބާ ވަރަށް ރަނގަޅެވެ. އޭނާގެ އިންސްޓަގްރާމް ޕޭޖަށް ބަލާލުމުން ވެސް ފެޝަންގެ ރޮނގުން ވެސް އޭނާ ވަރަށް ބޮޑަށް ލޯ ހުޅުވިފައިވާކަން ޔަގީންކުރެވެ އެވެ.

ސްޓާރުންގެ ދަރިންގެ ތެރެއިން ގިނަ މީހުންނާ ޚިލާފަށް ސުހާނާގެ ތަންކޮޅެއް ހިތް ތިރިކަމަށާއި ބޮޑާކަމާއި ކިބުރުވެރިކަން އޭނާގެ ކިބައިން ނުފެންނަ ކަމަށް ވެސް އޭނާއަށް ތައުރީފުކުރާ މީހުން ބުނެ އެވެ. އުމުރުން 18 އަހަރުގައި ވޯގް އަށް ސުހާނާ ދިން އިންޓަވިއު އެއްގައި ވާހަކަ ދެއްކި ގޮތުން މިކަން ވަރަށް ރަނގަޅަށް ސާބިތުވާކަމަށް އޭނާއަށް ތާއީދުކުރާ މީހުން ވަނީ ބުނެފަ އެވެ.