ބޮލީވުޑް

ސަލްމާންގެ ބައްޕައަށް ވެސް "ރާދޭ" ކަމަކު ނުދިޔަ

ސްކްރިޕްޓް ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ސަލީމް ހާން ވެސް އޭނާގެ ދޮށީ ދަރިފުޅު ސަލްމާން ހާންގެ އެންމެ ފަހު ފިލްމު "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ކަމުނުދާ ކަމަށް ބުނެފި އެވެ.

ސަލީމްގެ "ރާދޭ" ރިވިއުގައި ބުނެފައި ވަނީ އެއީ މާ މޮޅު ފިލްމެއް ކަމަށް އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ސަލްމާންގެ "ބަޖްރަންގީ ބައިޖާން" އަކީ މި ފިލްމާ އަޅާ ބަލާއިރު މާ ރީތި، މޮޅު ފިލްމެއް ކަމަށް ސަލީމް ގަބޫލު ކުރެ އެވެ.

މިދިޔަ ފިތުރު އީދު ދުވަހު ރިލީޒްކުރި މި ފިލްމަށް ކްރިޓިކްސް ވަނީ އިންތިހާއަށް ފާޑުކިޔާފަ އެވެ. އަދި ޒީ5 އިން މި ފިލްމު ބެލި ގިނަ ބަޔަކު ވެސް ބުނެފައި ވަނީ އެއްގޮތަކަށް ވެސް ފިލްމު ކަމު ނުދާ ކަމަށެވެ.

ޕްރަބޫ ދޭވާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމު ވެފައިވަނީ ސަލްމާންގެ ފިލްމުތަކުގެ ތެރެއިން އައިއެމްޑީބީ ރޭޓިންގްސް ވެސް އެންމެ ދަށް ފިލްމަށެވެ. މި ފިލްމަށް ލިބިފައިވަނީ 10 އަކުން އެންމެ 1.8 އެވެ.

ސަލްމާންގެ އެންމެ ފަހުން ރިލީޒްވި ހުރިހާ ފިލްމެއްގައިހެން އެއްކަހަލަ ހާދިސާތަކަކާއި މަންޒަރުތަކެއް ތަކުރާރުވެފައި ހުންނަ ކަމުގެ ޝަކުވާ ބެލުންތެރިން ކޮށްފައި ވެއެވެ.

އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ސަލްމާންގެ ބައްޕަ ވެސް މި ވާހަކައާ އެއްބަސްވި އެވެ. އޭނާ ބުނީ "ދަބަންގް 3" އާއި "ބަޖްރަންގީ ބައިޖާން" ތަފާތު ކަމަށެވެ. ނަމަވެސް މި ފަހަކަށް އައިސް ރިލީޒްވި ސަލްމާންގެ ދެން ހުރިހާ ފިލްމެއް ވެސް ވަރަށް އެއްގޮތް ކަމަށެވެ. ހާދިސާތަކާއި މަންޒަރުތައް ރިޕީޓްވަމުން ގޮސްފައިވާ ކަމަށް ޚުދް ސަލީމް ވެސް އެއްބަސްވި އެވެ.

ނަމަވެސް މިއީ ކޮމާޝަލް ސިނަމާގައި ކަން ވާނެ ގޮތް ކަމަށް ސަލީމް ބުންޏެވެ. ސަބަބަކީ ބެލުންތެރިންނަށް ކަމުދަނީ ސަލްމާން މިފަދަ ރޯލުތައް ކުޅުނީމަ ކަމަށް ވާތީ ފިލްމުގައި ބައިވެރިވާ އާޓިސްޓުންނާއި އެނޫން ވެސް ފަންނާނުންގެ ހައްގުގައި އަދި ފިލްމު ޑިސްޓްރިބިއުޓް ކޮށްދީ ހަދާ މީހުންގެ ހައްގުގައި މިފަދަ ފިލްމުތައް ކުޅެން ސަލްމާނަށް ޖެހެނީ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

"ފިލްމުގައި އެކި ގޮތްގޮތުން ބައިވެރިވި އެންމެންނަށް ފިލްމުން ފައިދާ ކުރާނެ. އެނޫން ގޮތަކަށް ބަލާނަމަ މިއީ އެހާ މޮޅު ފިލްމެއް ނޫން،" ސަލީމް ބުންޏެވެ.

ފިލްމު އިންޑަސްޓްރީގައި އެކަށީގެންވާ މޮޅު ލިޔުންތެރިން ނެތުމަކީ ވެސް ސަލްމާންގެ ފިލްމުތައް މޮޅު ނުވާން ދިމާވާ އެއް ސަބަބު ކަމަށް ސަލީމް ބުންޏެވެ.

"އެންމެ ބޮޑު މައްސަލައަކީ ރަނގަޅު ލިޔުންތެރިން ނެތުން. މިހާރުގެ ލިޔުންތެރިން އުރުދޫ ނުވަތަ ހިންދީ ލިޓްރޭޗާއެއް ނުކިޔާ. އެމީހުންނަށް ބޭރުގެ ފިލްމުތަކުން ފެންނަ ކޮންމެވެސް އެއްޗެއް އިންޑިޔާ އެއްޗަކަށް ހަދާލައިގެން ލިޔެލަނީ. 'ޒަންޖީރް' އަކީ އިންޑިއާ ސިނަމާގެ ގޭމް-ޗޭންޖާއެއް. ސަލީމް-ޖާވީދު ފަދަ ލިޔުންތެރިން އަދިވެސް ފިލްމު އިންޑަސްޓްރީއަކަށް ނުހޯދޭ. އެހެންވީމާ އެފަދަ ހާލަތެއްގައި ސަލްމާން ވަކި ކީއް ކުރޭނީ،" ސަލީމް ބުންޏެވެ.

"ރާދޭ"ގެ ނާކާމިޔާބާއެކު ސަލްމާންގެ ކެރިއަރުގެ ދުވަސް ގޮސްފައިވާ ކަމަށް ޓްރޭޑް އެކްސްޕާޓުން މިހާޜު ދަނީ ބުނަމުންނެވެ. ނަމަވެސް ސަލީމް މި ވާހަކައާ އެއްބަހެއް ނޫނެވެ.

"ސަލްމާންގެ ފިލްމެއް ރަނގަޅަށް ނުހިނގާ ކޮންމެ ފަހަރަކު ޓްރޭޑް އެކްސްޕާޓުން ބުނާނެ އޭނާގެ ދުވަސް ދިޔައިއްޔޭ. ދެން ކުރިއެއް ނާރާނޭ. އޭނާގެ ތަރި އޮއްސުނިއްޔޭ. ނަމަވެސް އެހެން ބުނާތަނުން އަނެއްކާ ސަލްމާންގެ ފިލްމެއް ހިޓް ވުމާއެކު އެންމެން އޭނާއަށް ތައުރީފު ކުރަން ފަށާނެ،" ސަލީމް އިތުރަށް ބުންޏެވެ.

ސަލްމާންގެ ދެން އެންމެ އަވަހަށް ރިލިޒްވާން އޮތީ "އަންތިމް: ދަ ފައިނަލް ޓުރުތު" އެވެ. މިއީ ޅިޔަނު އަޔޫޝް ޝަރުމާ އާއެކު ސަލްމާން ކުޅޭ ފިލްމެކެވެ. އަދި "ޓައިގާ" ސިލްސިލާގެ ތިން ވަނަ ފިލްމެއްގެ ޝޫޓިންގް ވެސް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.