ގުރީކުން ފުރައިގެން ލިތުއޭނިއާއަށް ދަތުރުކުރި ރިއާންއެއާގެ މަތިންދާބޯޓެއް ބެލަރޫސްގެ ވައިގެ ސަރަހައްދުން ހައިޖެކް ކުރުމާ ގުޅިގެން ދުނިޔެ އުދާސްވެފައިވާ މި ދަނޑިވަޅުގައި އެމެރިކާގެ އެއާލައިންތަކުން ސަމާލުވާން ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން އަންގައިފި އެވެ.
އެފްއޭއޭއިން ބުނީ ހާއްސަކޮށް ޑޮމެސްޓިކް ފްލައިޓްތައް ސަމާލުވުން މުހިންމު ކަމަށާއި ބެލަރޫސް މަތިން އުދުހި ދަތުރު ކުރާއިރު ނެވިގޭޝަން އާލާތްތައް މުޅިން ފައްކާ ކޮށްފައި ބަހައްޓަން ޖެހޭ ކަމަށެވެ.
އެފްއޭއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވައިގެ އުދުހުންތަކާ ބެހޭ އިދާރާތަކުން ބެލަރޫސް ޖަވާބުދާރީ ކުރެވެންދެން މި ނޯޓިސް ދެމި އޮންނާނެ ކަމަށާއި ބެލަރޫސްއާ ދެކޮޅަށް އެމެރިކާއާ ޔޫރަޕުން އަޅާ ފިޔަވަޅަކަށް ބަދަލު ހިފުމަށް ވެސް ކަމެއް ކޮށްފާނެ ކަމަށެވެ.
ރިއާންއެއާގެ ފްލައިޓް ޑައިވާޓް ކުރުމާ ގުޅިގެން އެ އެއާލައިނުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުން ބޯޓުގައި ގޮވާ ޒާތުގެ އެއްޗެއް އޮތް ކަމަށް ކޮންޓްރޯލް ޓަވަރުން ޕައިލެޓަށް އެންގި އެވެ. އަދި އަސްކަރީ ފައިޓާ ޖެޓެއް ބޯޓާ ކައިރިކޮށް މަގު ބަދަލު ކުރަން ޕައިލެޓަށް އަމުރުކޮށް ބެލަރޫސްގެ ވެރިރަށް މިންސްކްއަށް ބޯޓު ޖައްސަން މަޖުބޫރު ކުރި އެވެ.