ދުނިޔެ

"ބެލަރޫސްއަށް ހަމަލާދީފި ނަމަ ވެރިކަން ހިބަވީ"

ބެލަރޫސްއަށް ހަމަލާދިނުމަކީ ހުޅަނގުން ވަރަށް ކުރާހިތްވާ ކަމެއް ކަމަށް އެގައުމުގެ ރައީސް އެލެގްޒެންދަރު ލޫކަޝެންކޯ ވިދާޅުވެއްޖެ އެވެ.

ލޫކަޝެންކޯ ވިދާޅުވީ 2020 ވަނަ އަހަރު އޮތް އިންތިހާބަށް އަމާޒުކޮށް ހުޅަނގުން ހަމަލާދިން ގޮތަށް ބެލަރޫސްއަށް މިފަހަރު ހަމަލާދީފިނަމަ ދުވަހަކު ވެސް ވެރިކަމުން ފައިބައިވަޑައި ނުގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ވެރިކަން ދޫކޮށްލައްވަން ވަކި ތާރީޚެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި މިވެނި އެވެނި ދުވަހަކުން ވެރިން ދޫކޮށްލައްވާނެ ކަމަކަށް ވެސް ވިދާޅު ނުވާ ކަމަށެވެ.

އެހެން ނަމަމެސް ލޫކަޝެންކޯ ވިދާޅުވީ ރަޝިއާއާ މާގާތްވެ އުޅޭ ކަމަށް ބުނެ ބެލަރޫސްއަށް ހުޅަނގުން ހަމަލާދީފި ނަމަ އެހިސާބުން ވެރިކަން ހިބަވީ ކަމަށެވެ.

ލޫކަޝެންކޯ ވިދާޅުވި ގޮތުން ބެލަރޫސްގައި ހަމަނުޖެހުން ހިންގަން ހުޅަނގުން ކޮންމެވެސް ބަހަނާއެއް ދައްކާނެ އެވެ. އޭނާ ވިދާޅުވީ އޭގެ މާނައަކީ ބެލަރޫސްގައި އޮތީ ހުޅަނގަށް ހާއްސަކޮށް އެމެރިކާއަށް ކަމުދާ ސަރުކާރެއް ނޫން ކަމެވެ.

އެމެރިކާ އަޅާހާ ބަތަކަށް ރިހަ ނާޅާ ނަމަ ކަންތަކާ ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ބެލަރޫސްގެ ސަރުކާރު ވައްޓާލުމަށް ހުޅަގުން ކުޅެމުން ގެންދާ ކަމަށެވެ.

ބެލަރޫސްގައި އޮގަސްޓް 9، 2020 ގައި އޮތް ރިޔާސީ އިންތިހާބު، އެގައުމުގެ މިހާރުގެ ރައީސް އެލެގްޒެންދަރު ލޫކަޝެންކޯ ކާމިޔާބު ކުރެއްވި ކަމަށް ޖެނެރަލް އިލެކްޝަން ކޮމިޝަނުން އިއުލާނު ކުރުމާއެކު ހީވީ މުޅި ގައުމުގައި ހުޅުޖެހިހެންނެވެ.

މަގުތަކަށް އާންމުން ނިކުމެ ސަލާމަތީ ބާރުތަކާ ކުރިމަތިލައި އަދި ފުލުހުންނާ ސިފައިން ދެބަސްވެ ވަނީ ބޮޑު ސަކަރާތްގަނޑެއް ހިންގާފަ އެވެ.

ލޫކަޝެންކޯގެ ސަރުކާރުން ބުނާ ގޮތުން ރިޔާސީ އިންތިހާބާ ދިމާކޮށް ބެލަރޫސްގައި ހަމަނުޖެހުން އުފައްދަން އެމެރިކާ ވަނީ އިންވެސްޓްކޮށްފަ އެވެ.

ކަޒަކިސްތާނަށް މިދާކަށް ދުވަހު އަރައިގެން އެދިޔަނީ އެބާވަތުގެ ނަގޫރޯޅިއެއް ކަމަށްވެސް ލޫކަޝެންކޯ ވިދާޅުވި އެވެ.

ކަޒަކިސްތާންގައި ސަރުކާރުން ތެލަށް ދެމުން ގެންދިޔަ ސަބްސިޑީޒް ކަނޑާޅުމާ ގުޅިގެން އާންމުން މަގުތަކަށް ނުކުމެ ސަލާމަތީ ބާރުތަކާ ކުރިމަތިލައި އަދި ގައުމުގެ އުމްރާނީ ތަރައްގީއަށް ވަރަށް ބޮޑެތި ގެއްލުން ދީފައިވެ އެވެ.

ކަޒަކިސްތާންގެ ސަރުކާރުން ބުނި ގޮތުން ގައުމުގައި ހަމަނުޖެހުން ހިންގީ ބޭރުބަޔަކު ހިތްވަރުދީގެން ގައުމުގެ ޚާއިނުންނެވެ.