ދިވެހިން ބޭނުންވަނީ އެންމެ ހަލުއި ދުވެލީގައި އެންމެ ހެޔޮ އަގުގައި އިންޓަނެޓު ލިބުމެވެ. އަބަދުވެސް އިންޓަނެޓު އަގުހެޔޮ ކުރުމުގެ އުންމީދުތައް ހުރީ މި ހިސާބުގަ އެވެ. މިހާ އުހުގައި އުންމީދުތައް ހުއްޓައި މި ސަރުކާރު ވެރިކަމަށް އަންނަން އެކުލަވާލި މެނިފެސްޓޯގައި އިންޓަނެޓު ހެޔޮ ކުރަން ވައުދެއްވެ އެ ވާހަކަ ލިޔުމުން އެކަންވީ އެންމެން ގަޔާވި ކަމަކަށެވެ. ސަތޭކަ ދުވަހުން ފުރިހަމަ ކުރަން އޮތް އެ ވައުދު މީގެ ހަފުތާއެއްހާ ދުވަސް ކުރީން ވަނީ "ފުއްދާފަ" އެވެ. ހެޔޮ އަގާއި ހަލުއި ސުޕީޑްގެ އުންމީދުގައި ތިބި މީހުން އިންތިޒާރު ކުރަމުން ދަނީ އަންނަ މަހަށެވެ. އަންނަ މަހު ތައާރަފު ކުރާ "ހެޔޮނެޓަ" ށެވެ.
އެކަމަކު ހަގީގަތަކީ ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ ފެންތައްޓެއް ބޯލާހާ ފަސޭހައިން ވާން އޮތް ކަމެއް ނޫނެވެ. އެއޮތީ އިންޓަނެޓުގެ އަގު ހެޔޮކޮށްފައޭ ބުނި ނަމަވެސް ރާއްޖެ އުފެދިފައިވާ ގޮތާއި މި ކަމުގައި ހުރި ހުރަސްތައް ގިނަ ކަމުން ޓެކްނިކަލް އޭންގަލަކުން ވިސްނާލާއިރު ސަރުކާރުން ވައުދުވީ "ހެޔޮނެޓް" ހަމައެކަނި ކަރުދާސްގަނޑަކުން ފެނިދާނެ އެތައް "އެތިފަހަރެއް" ކުރިމަތީގައި އެބަހުއްޓެވެ.
އިންޓަނެޓުގެ އަގުހެޔޮވާން ރާއްޖޭގައި ހުރި ގޮންޖެހުން ތަކަކީ ކޮބައި ހެއްޔެވެ؟ އަގު ހެޔޮ ނެޓަކީ ހަމައެކަނި ކަރުދާހުގައި އޮންނަ ލިއުން ކޮޅަކަށް ވެގެން ހިނގައިދާނެ ހާލަތެއް އަތުވެދާނެ ހެއްޔެވެ؟ މި ބަދަލާމެދު ޓެކް ކޮމިއުނިޓީ ދެކެނީ ކިހިނެއް ހެއްޔެވެ؟
"ފުރަތަމަ ކަމަކީ [ސަރުކާރުން] ވައުދުވީ އިންޓަނެޓު ސްޕީޑް ޔަގީން ކުރާނީ ކިހިނެއްހޭ؟" ޓެކްނޮލޮޖީއާ ގުޅުންހުރި ވިޔަފާރި ކުރާ، ރާއްޖޭގެ ޓެކް ކޮމިއުނިޓީގައި އިސްކޮށް އުޅޭ ހަރަކާތްތެރިވާ ޒުވާނަކު އުފެއްދީ މި ސުވާލެވެ.
"ނެޓުގެ ދުވެލި ޔަގީން" ނުވިއަސް ސަރުކާރުން "ހެޔޮނެޓު" މިވަނީ ގެނެސްދީފަ އެވެ. އިންޓަނެޓުގެ އަގަށް ގެނައި މި ބަދަލުގެ ސަބަބުން އެންމެ ބޮޑު ލުޔެއް ފާހަގަ ވާނީ މިހާރު ގޭގޭގައި ބޭނުން ކުރާ އިންޓަނެޓުގެ ހިދުމަތަށް ކަމަށް ސަރުކާރުން ބުނެ އެވެ. މި ހިދުމަތް ތަކުން 30 ޕަސެންޓު ހެޔޮވާއިރު ފޯނަށް ލިބޭ ނެޓުން އެވްރެޖުކޮށް 20 ޕަސެންޓްގެ ހެޔޮވުމެއް އަންނާނެ ކަމަށް ބެލެވެ އެވެ. މާނައަކީ އެވްރެޖުކޮށް މިހާރު ހުރި ކޮންމެ ޕެކޭޖަކުން 100ރ. އާއި 200ރ. ގެ އަގު ހެޔޮވުމެއް ފެނުމެވެ. ސުވާލަކީ ސަރުކާރުން އިއުލާނުކުރި ހެޔޮނެޓަކީ މިހާރުގެ އޮޕަރޭޓަރުން ހިންގާ ޕްރޮމޯޝަންތަކުގައި ދޭ އަގުތަކާ އަޅާބަލާއިރު ހެޔޮވުމެކޭ ބުނެވިދާނެ ހެއްޔެވެ؟ އަޅައި ކިޔާ ލެވޭނެ ހެއްޔެވެ؟
މިހާރު ވެސް އުރީދޫ އާއި ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގައި އަގުތައް މިވަރަށް ވައްޓާލާ ފަހަރު އާދެ އެވެ. އެހެންވީއިރު "ހެޔޮނެޓާ" މިހާރު ދޭ ލިބޭ އަގުތަކާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟
މީގެ ޖަވާބު ދެއްވަނީ އާ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރެވެ. އިންޓަނެޓުގެ ހެޔޮ އަގު އިއުލާނު ކުރަން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެފައިވާ ގޮތުން "ނެޓުހެޔޮ" ކުރުމަކީ މުޅި ރާއްޖެ ޑިޖިޓަލް ކުރުމުގެ ފެށުމެވެ.
"މި ހާލަތު އެބަ އެނގޭ. މަހުގެ މެދާ ހަމައަށް ދާއިރު ނެޓު ހުސްވުން. އަދި އެއަށް ފަހު ދެން ލިބޭ ހިދުމަތުގެ ފެންވަރު ދަށްވެ, ކުޑަމިނުން ޖީމެއިލް ވެސް ހުޅުވާ ނުލެވުން،" ޝައުނާ ވިދާޅުވި އެވެ.
ސަރުކާރުން ބުނަނީ އަސާސީ ހިދުމަތެކޭ
ސަރުކާރުން ސިފަ ކުރަނީ މިދެނީ އަސާސީ އިންޓަނެޓެކެވެ. މިކޮށްދޭ ކަމަކީ މިހާރު ބޭނުންކުރާ ނެޓާ ހިލާފަށް "އަސާސީ ހިދުމަތެއް" ގެ ގޮތުގައި ބަލައި އެންމެ އާދައިގެ މީހާއަށް ވެސް މި ނެޓު ބޭނުން ކުރެވޭ ވަރަށް އަގު ދަށް ކުރުމެވެ. އަތްފޯރާ ފަށަން ނެޓު ގެނައުމެވެ. އެކަން ޔަގީން ކުރަން ސަރުކާރުން ތިން ޕެކޭޖެއް ތައާރަފު ކުރާނެ އެވެ. މި ޕެކޭޖުގައި އިންޓަނެޓްގެ އެންމެ ދަށް ތްރޮޓުލް ނުވަތަ ޕެކޭޖު ހުސްވުމުން ދެން ލިބޭނެ އަގެއް ކަނޑައަޅައި ސަރުކާރުން ވަނީ އަގާއި ދުވެލި "ސިލް" ކޮށްފަ އެވެ. ހަނޑޫ ހަކުރު ފުއް ވިއްކާ ގޮތަށް އެންމެ މަތިން ވިއްކޭނެ އަގެއް ކަނޑައަޅާފަ އެވެ. މިއީ ހެޔޮ ބަދަލެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ބަދަލުން ގެނައީ ރައްޔިތުން ފާހަގަކުރި ކަންބޮޑުވުންތަކަށް ބަލާފަ އެވެ. ސަރުކާރުގެ އަމާޒަކަށްވީ އިންޓަނެޓުގެ ހިދުމަތަށް ޖުމްލަކޮށް ހެޔޮ ބަދަލެއް ގެނައުމެވެ.
"މިހާރުގެ އެއް އެމްބީޕީއެސް އާއި 2 އެމްބީޕީއެސްގެ އިންޓަނެޓް ޕެކެޖްތަކުގެ ތްރޮޓްލް ސްޕީޑް ވެސް ދެ ގުނަ އަދި ފަސް ގުނަ މަތިވެގެންދާނެ. ތްރޮޓްލް ސްޕީޑް މަތިވުމުން އިންޓަނެޓުގެ ޒަރީއާ އިން ބޭނުންކުރާ ގިނަ ހިދުމަތްތަކަށް ސްޕީޑް ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނިސްބަތުން ދަށްވެ ޑޭޓާ އެޑް-އޮންސް އަށް ކުރާ ހަރަދު އުނިވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިހާރުގެ އެއް އެމްބީޕީއެސް އާއި 2 އެމްބީޕީއެސްގެ އިންޓަނެޓް ޕެކެޖްތަކުގެ ތްރޮޓްލް ސްޕީޑް ވެސް ދެ ގުނަ އަދި ފަސް ގުނަ މަތިވެގެންދާނެސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު | އައިޝަތު ޝައުނާ
އިންޓަނެޓު ހިދުމަތް ދޭން ކިޔާ ޓެކްނިކަލް ބަސްތައް އާއްމު އާދައިގެ މީހަކަށް ފަހުން ނުވެދާނެ އެވެ. އެކަމަކު މިކަން ޓެކް ކޮމިއުނީޓީއަށް ރަނގަޅަށް އެނގެ އެވެ. އެ މީހުނަކީ މި ނެޓުގެ ހެޔޮ ކުރަން ކުރިން ވެސް އަދި މިހާރު ވެސް އެންމެ ބޮޑަށް ވަކާލާތު ކުރާ މީހުނެވެ. އެ މީހުން މި ބަދަލާ މެދު ދެކެނޭ ކިހިނެއް ހެއްޔެވެ؟
ސްޕީޑް ޔަގީން ކުރެވޭނެ ކެޕޭސިޓީއެއް ނެތް!
އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ ވައުދު ފުއްދަން ތައްޔާރުވެ ކަރުދާހުގެ މަސައްކަތް ކުރިއިރު ސަރުކާރުން ޓެކް ކޮމިއުނިޓީއާ ބައްދަލު ކުރި އެވެ. މި ބައްދަލުވުންތަކުގައި ވެސް ޒުވާނުން އުފެއްދީ އެންމެ ބޮޑު ސުވާލަކީ މިއެވެ. އިންޓަނެޓުގެ އަގު ހެޔޮކޮށް ދޭނެ ސްޕީޑް އިއުލާނު ކުރިއަަސް އެ އިސްޕީޑު ދޭކަން ޔަގީން ކުރާނީ ކިހިނެއް ހެއްޔެވެ؟ ހަމައެކަނި އިންޓަނެޓުގެ އަގު ހެޔޮކޮށްގެން ހަގީގީ ބޭނުން ފުދޭނެ ހެއްޔެވެ؟
މި ބައްދަލުވުމުގައި ބައިވެރިވި ރާއްޖޭގެ ޒުވާން ޑިވޮލަޕަރަކު ބުނި ގޮތުގައި މިހާރު ކޭމް ހިންގަނީ ސަރުކާރުގެ އާދައިފެ އޮފީހެއް ހިންގާ ގޮތަށެވެ. އެހެންވެ ސަރުކާރުން ތައާރަފު ކުރި އިންޓަނެޓުގެ ހިދުމަތް އެއްކޮށް ފެއިލްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
"ކޭމްއަކީ ސަރުކާރުގެ އޮފީހެއް. ސަރުކާރުން ސިޓީ ބިޓީ ބަދަލުކުރާ ގޮތަށް އެތަން ހިނގަނީ. ސަރުކާރު މި އިއުލާނުކުރި އެންމެ ދަށް ތޮރޮޑަލް ސްޕީން ރާއްޖޭގައި ޔަގީން ކުރެވޭނެ ގޮތެއް އެތާކު ނެތް،" އޭނާ ބުންޏެވެ.
މި ޝަކުވާއަކީ މި ސަރުކާރުގެ ރައްޔިތުން މަޖިލީހަށް ނިސްބަތްވާ މެންބަރުންގެ ވެސް މައިގަނޑު އެއް ޝަކުވާ އެވެ. ނެޓު ހެޔޮ ކުރުމާ ބެހޭ ގޮތުން އެންމެ ބޮޑަށް ވަކާލާތު ކުރައްވާ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ މަޖިލީހުގެ ތަޅުމާއި ކޮމެޓީތަކުގައި ވަނީ ތަކުރާރުކޮށް މި މައްސަލަ ފެންމަތި ކޮށްފަ އެވެ. ކޭމް އިން މިކަންނަން ނުބެލުމެވެ. ހަގީތަކީ ނުބަލަނީއެއް ނޫނެވެ. ކޭމް އަށް ނުބެލެނީ އެވެ.
އެކަމަކު ކޭމް އިން މިކަމާ އިންކާރު ކުރެ އެވެ. ކޭމްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވި ގޮތުގައި އިންޓަނެޓް ހިދުމަތްދޭ ފަރާތްތަކުން ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ސްޕީޑު އަދި ފެންވަރު ކޭމް އިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ހުރޭ ތޯ އެ އޮތޯރިޓީން ބަލަމުން ގެންދާނެ އެވެ. އަދި ނުދޭނަމަ ފިޔަވަޅު އަޅާނެ އެވެ.
އާބާދީގެ ބޮޑު ބަޔަކަށް އޮތީ ފައިބަ ނާޅަ
"ހެޔޮނެޓު" ދިން ނަމަވެސް ސަރުކާރު ބުނާ ދުވެލީގައި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ހިދުމަތެއް ނުލިބޭނެ އެވެ. މިއީ ހަގީގަތެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބްރޯޑްބޭންޑް އިންޓަނެޓު ދިން ނަމަވެސް ކޭބަލް މެދުވެރިކޮށް ހިދުމަތް ލިބެނީ ރާއްޖޭގެ މަދު ރަށަކަށެވެ. އެހެންވެ މި ހާލަތުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ސަރުކާރުން ވައުދުވި ސްޕީޑް ނުލިބިއްޖެނަމަ ޕެކޭޖު ހުސްވެ ނެޓު ކެނޑުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ހާލަތުގައި ތްރޮޓަލް ސްޕީޑް ނުލިބިއްޖެނަމަ ދެން ޖެހޭނީ އެޑޯން ނަގާށެވެ. ނޫނީ ވަކިން އަލުން ޕެކޭޖެއް ގަންނާށެވެ. އަދި ވައިފައި އިންޓަނެޓަކީ އޭގެ ޒާތުގައި ވެސް އިންޓަފިއަރެންސް އާއި ބްލޮކޭޑް އިންތިހާ އަށް މަތި އެއްޗެކެވެ.
މާލެ އަށް ބަލާއިރު އިންޓަނެޓު ދޭން ގޭގެއާ ހަމައަށް ގެންދާ މައި ނެޓްވޯކުގެ ކޮޅު ގުޅާފައި އޮންނަނީ އެއް ގެއަކަށް ނޫނެވެ. އާއްމުކޮށް މެއިން ކޭބަލުން އާއްމު ގޭބިސީތަކަށްނަމަ ދެ ގެއާއި ހަތަރުގެ އަށް ޝެއާ ކުރެ އެވެ. އެހެންވެ ސަރުކާރު ވައުދުވީ ދުވެލި ނުލިބުމުގެ ފުރުސަތު އެބައޮތެވެ. މިހެން ނުވާން އޮތް ގޮތަކީ އެކްސްކްލޫސިވް ލައިންތަކެއް އެޅުމެވެ. މިއީ އަސާސީ އިންޓަނެޓަށް ވުރެ އަގު ބޮޑު ފެންވަރު މަތީ ހިދުމަތެކވެ. ބޮޑެތި ވިޔަފާރިތަކަށް ނޫނީ މިގޮތަށް ލައިނެއް ނާޅާނެ އެވެ.
އެހެންވެ، ރާއްޖޭގައި ހުރި މި ގޮންޖެހުންތަކާއެކު ކަސްޓަމަރުންނަށް ހެޔޮނެޓުގެ ވައުދުގެ ދުވެލި ލިބިދާނެ ހެޔެވެ؟ ނޫނީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ހެޔޮނެޓު ނުލިބިދާނެ ހެއްޔެވެ؟
ދެން އޮތީ ހެޔޮނެޓު ނުލިބިއްޖެނަ ކަސްޓަމަރުން ދާން އޮތް މަގުތަކުގައި ހުރި ހުރަސް ތަކެވެ. ކަސްޓަމަރުންނަށް ކޯޓަށް ގޮސް ވައުދުވި ސްޕީޑް ހޯދިދާނެ ހެއްޔެވެ؟ މިކަމަށް ގާނޫނީ ފަރުވާއެއް ހޯދިދާނެ ހެއްޔެވެ؟ އެކަން ކުރެވޭނެ ގޮތެއް ވެސް ރާއްޖެއަކު އަދި ނެެތެވެ. ރާއްޖޭގައި ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނެއް ވެސް ޑޭޓާ ޕްރައިވެސީ ގާނޫނެއް ނެތެވެ. އެހެންވީމަ ކަސްޓަމަރުން މިހާރު ވެސް ތިބި ގޮތަށް ކޭމް އަށް ސިޓީން ދަންނަވަން ތިބުން ނޫން ގޮތެއް ނޯންނާނެ އެވެ.
ވިޔަފާރިއަށް ލިބޭނެ ފައިދާއާމެދު ބަހުސެއް
ސަރުކާރުން ހެޔޮ ކުރާ ނެޓުން ރާއްޖޭގެ އިކޮނޮމީއަށް ފައިދާއެއް ކުރާނެ ހެއްޔެވެ؟ މި ބަދަލުން ރާއްޖޭގެ ޖީޑީޕީއަށް ލިބޭނެ ކޮންޓްރިބިއުޝަންއަކީ ކޮބައި ހެއްޔެވެ؟
ނެޓަކީ ނޭވާލާން ނޭވާ ބޭނުންވާ ފަދައިން މުހިންމު އެއްޗެކެވެ. ނަމަވެސް ސަރުކާރުން މިހާރު ގެންނަ މި ބަދަލުން ލިބޭނެ އެއް ފައިދާއަކީ ނެޓު ބޭނުންކުރާ އާބާދީ އަށް ކޮންމެވެސް ވަރެއްގެ އިތުރުވުމެއް އައުމެވެ. އިންޓަނެޓު ކޮންސިއުމް ކުރާ އަަދަދު މަތި ވެގެން ދިއުމެވެ. މިގޮތުން ލިބޭ ނަމްބަރު މަތިވެއްޖެނަމަ އޮޕަރޭޓަރުންނަށް ބޭރުން އިންޓަނެޓު ގަތުމުގައި ފައިދާ ތަކެއް ލިބުން ގާތެވެ. ނަމަވެސް ރާއްޖޭގެ އިންޓަނެޓު ސާޗިންގެ ޓްރެންޑު އޮތް ގޮތަށް ބަލާއިރު ބޭނުންކުރާ މީހުންގެ ބޮޑު ބައެއްގެ އޮތީ އުފެއްދުންތެރި ނޫން ގޮތް ގޮތަށެވެ.
ޓެކް ބިޒްނަަސް ހިންގާ ޒުވާން ޑިވޮލަޕަރެއް ބުނި ގޮތުގައި އިންޓަނެޓަށް ގެންނަން ބަދަލުން ދޭ ޕެކޭޖުތައް ޓެކް ވިޔަފާރި ތަކަށް ބޭނުމެއް ނުކުރެވޭނެ އެވެ.
"ޕާސަނަލީ ބުނެވޭނީ އެ ޕެކޭޖުތަކަށް ބޭނުމެއް ނޫނޭ. އެ ޕެކޭޖުތަކުން ބިޒަންސް ތަކަށް ވާނެ ފައިދާއެއް ނޯންނާނެ. ހަގީގަތުގައި އަގުހެޔޮ ކުރުމަށްވުރެ ތޮރޮޓަލް ސްޕީޑް މަތިކުރުން ފައިދާވާނެ. އެކަމަކު ސުވާލަކީ އެ ސްޕީޑަކީ ރިއަލިސްޓިކް އެއްޗަކަށްވާނެހޭ. އެެހެންވީއިރު މިހާރު ތައާރަފުކޮށްފައި ހުރި ޕެކޭޖުތައް އަޅުގަނޑުމެންނަށް މި ގެންނަ އެއްޗަށްވުރެ ރަނގަޅު،" ނަން ނުޖެހުމަށް އެދި ބުންޏެވެ.
"ހެޔޮނެޓް" ގައި ހުރި ފެންވަރަށް އަންނަ މަހު ފެންނާނެ އެވެ. މިކަންވާނީ ރާއްޖެއަށް އާ ކަމަކަށެވެ. އެކަމަކު މި ނެޓު ހިދުމަތަކީ ރާއްޖޭގައި ދޭން ގޮންޖެހުން ބޮޑު ހިދުމަތެވެ. އެހެންވެ ހަމަ ބުނެލާހާ ފަސޭހައިން ނެޓު ހެޔޮވެގެން ނުދާނެ އެވެ. ނެޓު ހެޔޮވެގެންދާނީ މީގެ ވަށައިގެން ހުރި ގޮންޖެހުތައް ހައްލު ކޮށްގެންނެވެ.