މަރިޔަމް އުނޫޝާ

އޭބީޔޫ ސޯންގް ފެސްޓިވަލްގައި އުނޫޝާ ހުށަހަޅައިދިން ލަވަ ކަމުދިޔަތަ؟

ގައުމު ކޮނޑަށް ލައިގެން ގޮސް ބައިނަލްއަގުވާމީ ސްޓޭޖުގައި ދިވެހިން ފަހުރުވެރިކޮށް ދިނުމުގެ ފުރުސަތެއް ލިބުނީމަ، ދިވެހިން ފަހުރުވެރިކޮށްދޭނީ އެވެ. ދުވުންތެރިޔާ ހަސަން ސާއިދު ކުރީ އެކަމެވެ. ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ކުރީ އެކަމެވެ. މިއުޒިކް ބޭންޑް ޒީރޯ ޑިގްރީ ވެސް ކުރީ އެކަމެވެ.

އަދި އިހަކަށް ދުވަހު ސަނަމް ޕޫރީއެއްގެ އަވާގައި ދިވެހިން ޖެހިގެން ދިޔައިރު ޒުވާން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު ވެސް ކުރީ އެކަމެވެ. މިދިޔަ އަހަރުގެ އޭޝިއާ ޕެސެފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ގެ ސޯންގް ފެސްޓިވަލް އިން ފުރުސަތު ލިބުނު ލަވަކިޔުންތެރިޔާ މޫޝާން ވެސް ކުރީ އެކަމެވެ.

އެކަމަކު ސުވާލަކީ ރާއްޖޭގެ އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ ގޮތުގައި ފިޔަގަނޑު ފަޅާފައިވާ މަރިޔަމް އުނޫޝާ އަށް ބައިނަލްއަގުވާމީ ސްޓޭޖެއްގައި ދިވެހިން ފަހުރުވެރިކޮށް ދެވިއްޖެތޯއާ މެދު ކުރެވޭ ސުވާލެވެ. މި އަހަރުގެ އޭބީޔޫ ސޯންގް ފެސްޓިވަލްގައި ދިވެހި ރާއްޖެ ކޮނޑަށް ލައިގެން ސްޓޭޖަށް އެރީ އުނޫޝާ އެވެ.

މިދިޔަ އަހަރު އޭނާ އަށް ލިބުނު މި ފުރުސަތުގެ ބޭނުން ނުހިފި މޫޝާން އަށް އެ ފުރުސަތު ލިބިގެން ދިޔައީ ދަތުރުކުރި ލޯންޗު އެކްސިޑެންޓްވެ އުނޫޝާ އަށް ސީރިއަސް އަނިޔާތަކެއް ލިބިގެންނެވެ. މިފަހަރުގެ ފުރުސަތު ލިބުނުއިރު އުނޫޝާ އަކީ މޯލްޑިވިއަން އައިޑޮލްގެ ޖަޖެކެވެ.

އޮޑިޝަން އޮތީ ފަށައިފަ އެވެ. އެކަމަކު ފުރުސަތުގެ ބޭނުންކޮށް އޮޑިޝަންތައް ޑިލޭކޮށްލުމަށް ފަހު އޭބީޔޫ ސޯންގް ފެސްޓިވަލްގައި ޕާފޯމްކުރުމަށް އުނޫޝާ ތުރުކީގެ އިސްތަންބޫލަށް ފުރައިގެން ދިޔައީ އެވެ.

އެހެންވީމަ އެހާ ދުރަށް އުނޫޝާ ކުރި މި ދަތުރުގައި ދިވެހިން ފަހުރުވެރިކޮށްލެވުނު ހެއްޔެވެ؟ މި އޮތީ އޭނާ ހުށަހަޅައި ދިން ލަވަ އެވެ. ސަތޭކަ ޕަސެންޓް ދިވެހި ލަވައެއް ނޫނެވެ. އިނގިރޭސި އާއި ދިވެހި ބަހުން ގަތާލެވިފައިވާ "ދަ މޯލްޑިވްސް ސޯންގް" އެވެ.

އޭބީޔޫ ސޯންގް ފެސްޓިވަލް އަކީ ކޮމްޕެޓިޓިވް ނުވަތަ ވާދަވެރި މުބާރާތެއް ނޫނެވެ. ޔޫރަޕިއަން ބްރޯޑްކާސްޓިން ޔޫނިއަންގެ މަޝްހޫރު އަދި އެހާމެ ވާދަވެރި ޔޫރޯ ވިޝަންގެ ސޯންގް ކޮންޓެސްޓްގެ އަސްލަށް ކުރިއަށް ގެންދިޔަޔަސް އޭގައި ވަނަ ހޮވައި މަގާމުތައް ކަނޑައެޅިގެންދާ ޝޯއެއް ނޫނެވެ.

އެހެންވީމަ އުނޫޝާގެ މި ޕާފޯމެންސެއް ކަމުދިޔަޔަސް ނުވަތަ ކަމުނުދިޔަޔަސް އޭގައި އެއްވެސް މައްސަލައެއް ނެތެވެ. ވިސްނާލަން ޖެހޭ ތަންކޮޅަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ކުޅަދާނަ އަންހެން ލަވަކިޔުންތެރިޔާގެ ގޮތުގައި ހުރެ މިހާތަނަށް ލިބުނު ބައިނަލްއަގުވާމީ މިފަދަ ފުރުސަތުތަކުގައި އުނޫޝާ އަށް ގައުމު ހެއްވާލެވޭ ވަރުގެ ނުވަތަ އުފަލުން ރޮއްވާލެވޭ ވަރުގެ ޕާފޯމެންސެއް ދެވިފައި ނުވާ ކަމެވެ.

ބޮލީވުޑަށް އުނޫޝާ ކުރި ދަތުރުގައި "ޖިސްމު" ކަތިލެވިގެން ދިޔަ ގޮތް ވެސް އަހަރެމެން އެންމެނަށް އެނގެ އެވެ؟ އެހެންވީމަ އަހަރެމެންގެ އެންމެ މޮޅު ލަވަކިޔުންތެރިޔާ އަށް ފުލް ގިޔަރުގައި ޕާފޯމްނުކުރެވިގެން އުޅޭއިރު އާދައިގެ ލަވަކިޔުންތެރިންގެ ގޮތުގައި ލޭބަލްކުރެވިފައިވާ މީރާމެން ފަދަ ލަވަކިޔުންތެރިން ތަރިއެއްހެން އަރައިގެން އެ ދަނީ ކީއްވެ ހެއްޔެވެ؟