ޕީއެސްއެމް

މީހުން މަދުވާ ގޮތަށް ޕީއެސްއެމްގެ އޮނިގަނޑު ހަދަނީ

މުވައްޒަފުންތަކެއް މަދުވެގެންދާ ގޮތަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ އޮނިގަނޑު މުރާޖާ ކުރަން ނިންމައިފި އެވެ.

ޕީއެސްމްގެ އޮނިގަނޑު މުރާޖާ ކުރަން ނިންމިއިރު އެ ކުންފުނިން ބައެއް މުވައްޒަފުން ވަކި ކުރަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު މިއަދު ވިދާޅުވީ އެ ކުންފުނީގެ އޮނިގަނޑު މުރާޖާ ކުރާއިރު ބައެއް ޑިޕާޓްމަންޓްތަކަށް މީހުން މަދުވެ އަނެއް ޑިޕާޓްމަންޓްތަކަށް މީހުން ގިނަ ވެގެން ދާނެ ކަމަށެވެ.

ނަމަވެސް އަލީ ހާލިދު ވިދާޅުވީ ކުންފުނިގެ އޮނިގަނޑު މުރާޖާ ކުރަނީ މުވައްޒަފުން މަދު ކުރުމުގެ ވިސްނުމުގައި ނޫން ކަމަށެވެ.

"ހަމަ ކުއްލިއަކަށް ތިބެފައި މީހުން މަދު ކުރަނީކީ ނޫން. އެކަން އުސޫލެއްގެ ތެރެއިން ހިނގާނީ. މީހުން މަދުކުރަންޏާ ކޮން އުސޫލަކުންތޯ މީހުން ވަކި ކުރަނީ. މީނަތޯ ވަކިކުރާނީ އޭނަތޯ ވަކި ކުރާނީ ކިޔާ އެގޮތަކަށް ނޫނޭ ޕާފޯމަންސްއާ އެ ހުރިހާ އެއްޗެއް ބަލާފަ ބޯޑުން ކަނޑައަޅާ ކޮމެޓީއެއްގެ ތެރެއިން ވަކިވެގެން ދާނީ،" އޭނާ ވިދާޅުވި އެވެ.

އޮނިގަނޑު މުރާޖާ ކުރާއިރު ބައެއް ޑިޕާޓްމަންޓްތައް އުވާލުމުން އެ ޑިޕާޓަމަންޓްގައި ތިބޭ ވެރިންނާއި ބައެއް މުވައްޒަފުން މަގާމު ގެއްލުމުގެ ފުރުސަތު އެބަ އޮތް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކުންފުނީގެ އޮނިގަނޑު ބަދަލު ކުރަން ނިންމީ ކޮވިޑާ ގުޅިގެން ދިމާވާ ދަތިތަކާ ހުރެ ނޫން ކަމަށެވެ.

"ކޮވިޑް ތެރޭގައި ވެސް އަޅުގަނޑުމެން ޖެހޭނެތާ މަސައްކަތްތައް ކުރަން. މަސައްކަތް ކުރަމުންދާއިރު ކޮވިޑް ތެރޭގައި މިވެނި ވަކި ދުވަހެއްގައި ކަނޑައަޅައިގެން ވަކި ކުރަނީކީ ނޫން." އަލީ ވިދާޅުވި އެވެ.

ޕީއެސްއެމްގައި މިހާރުވެސް 500 އަށްވުރެ ގިނަ މުވައްޒަފުން އުޅެ އެވެ.