ހަބަރު

30 އަހަރަށްފަހު މޮންދު، ޓީވީއާއި ދުރަށް!

ތިރީސް އަހަރު ދުވަހު ބްރޯޑްކާސްޓިން ދާއިރާގައި ހިދުމަތް ކުރެއްވުމަށްފަހު މުހައްމަދު އާސިފް (މޮންދު) ބްރޯޑްކާސްޓިންއާއި ދުރަށް ވަޑައިގެން ވީމިޑިއާގެ ދޫކޮށްލައްވައިފި އެވެ.

ޓީވީއެމް އަދި ވީޓީވީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތުމަށްފަހު މޮންދު ބްރޯޑްކާސްޓިން ދާއިރާއާއި ދުރަށް ވަޑައިގަތުމަށް ނިންމެވީ އަމިއްލަފުޅު ސަބަބުތަކަކާއި ގުޅިގެން ކަމަށް ވަނީ ވިދާޅުވެ އެވެ.

ގައުމީ ޓީވީ، ޓީވީއެމްގައި 23 އަހަރު މޮންދު ވަނީ ހިދުމަތް ކުރައްވާފައެވެ. ގިނަ އަހަރުތައް ހޭދަކުރެއްވީ ޓީވީގެ އިސްވެރިއެއްގެ ގޮތުގަ އެވެ. ޕްރޮޑިއުސަރެއްގެ ގޮތުގައި ޓީވީއެމާއި ގުޅި ވަޑައިގެންނެވި މޮންދު އެންމެ ފަހުން ހުންނެވީ ވީޓީވީގެ ސީއޯއޯގެ މަގާމުގަ އެވެ. އެ މަގާމުގައި ހަ އަހަރާއި ހަތް މަސް ހޭދަކުރައްވާފައި ވެއެވެ.

މިރޭ އަވަސްއާ ވާހަކަފުޅު ދައްކަވަމުން މޮންދު ވިދާޅުވީ މެއިން ސްޓްރީމް ބްރޯޑްކާސްޓިން ދާއިރާއިން ދުރަށް ވަޑައިގެންނެވި ނަމަވެސް އަމިއްލަ އުފެއްދުންތައް ގެނެސްދެވޭތޯ މަަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އާންމުން ޝައުގުވެރިވާނެ ފަދަ ބައެއް އުފެއްދުންތައް އުފައްދާ، ބެލުންތެރިންނާ ހަމައަށް ގެނެސްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ބްރޯޑްކާސްޓިން ދާއިރާއާއި ދުރަށް ނުވަތަ އިދާރީ ހިންގުމާއި ދުރަށް އަޅުގަނޑު ދިޔަ ނަމަވެސް، ޕްރޮޑަކްޝަންތައް އުފެއްދުމަށް އޮތް ލޯބްތާއި، ޝައުގު އަޅުގަނޑުގެ ހިތުގައި ވަރަށް މަތީ ދަރަޖައެއްގައި އަބަދުވެސް އޮންނާނެ. އެހެންވީމަ ކުޑަ ބްރޭކަކަށް ފަހު ބައެއް އުފެއްދުންތަކުގެ މަސައްކަތް އަޅުގަނޑު ފަށާނަން. އެކަމަށް ބޭނުންވާ އިކިއުޕްމަންޓް ވެސް އަޅުގަނޑު މިހާރު ވަނީ ހޯދާފައި." މޮންދު ވިދާޅުވި އެވެ.

މޮންދުއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައީ އޭނާގެ އަޑުގެ ރީތި ކަމަށެވެ.

މޮންދު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފަ އެވެ. މީގެ އިތުރުން މޮންދުއަށް ވަނީ ގައުމީ އިނާމް ވެސް ލިބިވަޑައިގެންފައެވެ.