ރައްޔިތުންގެ މަޖިލިސް

ނަޝީދުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިއްޖެ: ކޮމެޓީ

ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް ހިޔާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ތެރޭގައި ލިބިފަައިވާ މައުލޫމާތާއި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓެއް އޮންލައިން ނޫހަކު ޝާއިއުކޮށްފައިވާ ކަމަށާ އެކަމާއި ގުޅިގެން ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން އަދި ގ. ކެނެރީގޭގައި ދިރިއުޅޭ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ބުނެފި އެވެ.

އެ ކޮމެޓީން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ބަޔާނެއްގައެވެ. 241 ކޮމެޓީން ވަނީ އެ ރިޕޯޓްގެ މައްސަލަވެސް ބެލުމަށް ނިންމާފައެވެ.

ކޮމެޓީގެ ބަޔާނުގައި ބުނެފައިވަނީ "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން އޮންލައިން ނޫހެއްގައި ލިޔެފައިވާ އާޓިކަލްގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދަށް ހިޔާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ތެރޭގައި ލިބިފަައިވާ މައުލޫމާތާއި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ތަފްސީލީ މައުލޫމާތުތަކެއް ހިމެނޭ ކަމަށެވެ. އެފަދަ މައުލޫމާތަކީ އާންމުންކޮށް ރާއްޖޭގެ ގައުމީ ސަލާމަތާއި އަމަންއާންމު ރައްކާތެރިކުރުމުގެ ގޮތުން މަައުލޫމާތު އެއްކުރުމުގެ ބާރާއި އިހުތިޔާރު ލބިފައިވާ ބައެއްގެ ތެރެއިން އެކަމަށް ހާއްސަކޮށްފައިވާ ބަޔަކު އެެއްކުރާ މައުލޫމާތުތަކެއް ކަަމަށްވެސް ބުނެފައިވެއެވެ.

އެ މައުލޫމާތު އެގޮތަށް އާންމުވުމަކީ ރައީސް ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަން އަދި ގ. ކެނެރީގޭގައި ދިރިއުޅޭ އެމަނިކުފާނުގެ މުޅި އާއިލާގެ ރައްކާތެރިކަން ގެއްލިގެން ގޮސްފައިވާ ކަމަށްވެސް އެ ކޮމެޓީން ދެކޭ ކަމަށް ވަނީ ބުނެފައެވެ.

މަޖިލީހުގެ ބަޔާނުގައި ވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެ ނޫން އެއްވެސް ފަރާތްތަކަށް ހިއްސާ ކުރުމަކީ މަނާ ކަމެއްކަމާއުި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކަން ހަނދާން ކޮށްދީފައެވެ.

މި މައްސަލައަކީ ގައުމީ ސަލާމަތާއި ގުޅުންހުރި މައްސަލައެއް ކަމަށާ ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބަލަމުން ގެންދިއުމަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން ކޮމެޓީގެ ދުސްތޫރީ ޒިންމާއަކަަށްވާތީ މި މައްސަލަ ބަލަން ނިންމާފައިވާ ކަމަށްވެސް 241 ކޮމެޓީން ވަނީ ބުނެފައެވެ.