މެއި 19 ގައި ދިވެހި ރާއްޖެއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އިޒްރޭލު މަތިންދާބޯޓެއް މެލޭޝިއާ ހުރަސްކޮށް ދިއުމާ ގުޅިގެން އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވާތީ އެކަން ހިނގައި ދިޔަ ގޮތް މެލޭޝިއާއިން އޮޅުންފިލުވައި ދީފި އެވެ.
މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއީ ސިވީލިއަން – އާންމުކޮށް ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ ވައްތަރުގެ ބޯޓެއް ކަމަށާއި، ބޮއިން މަރުކާގެ 737-400 މަތިންދާބޯޓެއް ކަމަށެވެ. މާނައަކީ އެއީ ހަނގުރާމަމަތީ ބޯޓެއް ނޫން ކަމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މެލޭޝިއާގެ ވައިގެ ސަރަހައްދު ހުރަސްކޮށް އިޒްރޭލު ބޯޓު ދަތުރުކޮށް ދިޔައީ ކޮމާޝަލް ފްލައިޓްތައް ދަތުރު ކުރަން ކަނޑައަޅާފައި އޮންނަ މަގުން އަދި އަދާޔާ ޚިލާފު އެއްވެސް ހަރަކާތެއް ހިންގުމެއް ނެތި ކަމަށެވެ.
މެލޭޝިއާ އަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) މެމްބަރު ގައުމަކަށް ވާތީ ސިވީލިއަން ބޯޓުފަހަރަށް ހުއްދަ ދޭ ބީދައިން އެ ބޯޓަށް ހުއްދަ ދިން ކަމަށާއި ހުއްދަ ދިނީ މެލޭޝިއާގެ މިނިވަންކަމާ އިސްތިގުލާލަށް ލޮޅުމެއް އަރާފާނެ އެއްވެސް ކަމެއް ނުކުރަން ޝަރުތުކޮށް ކަމަށެވެ. އިޒްރޭލު ބޯޓު ދަތުރު ކުރުމުގައި އައިކާއޯ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށް މެލޭޝިއާއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މެލޭޝިއާއިން ބުނީ ހުއްދަ ދިނީ ހަމައެކަނީ މެލޭޝިއާގެ ވައިގެ ސަރަހައްދު ހުރަސްކޮށް ސިންގަޕޫރަށް ދަތުރު ކުރަން ކަމަށެވެ. މެލޭޝިއާގެ އެއްވެސް ތަނެއް ސްކޭންކޮށް ފޮޓޯނަގައި އަދި ބޯޓު ތިރިކޮށް މެލޭޝިއާގެ އެއްވެސް ތަނަކަށް ޖައްސަން ހުއްދަދީފައި ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އިޒްރޭލު އެއޮރޮސްޕޭސް އިންޑަސްޓްރީޒްއަށް ރެޖިސްޓްރީ އޮންނަ މަތިންދާބޯޓެއް ދިވެހިރާއްޖެއާ މެލޭޝިއާ ގުޅުން ހުރި ސަރަހައްދުތަކުން މިދަނޑިވަޅުގައި ދަތުރު ކުރުމަކީ މުސްލިމުން ވަރަށް ކަންބޮޑުވާނެ ކަމެކެވެ. އިޒްރޭލުން ފަލަސްތީންގެ ގާޒާ ސުންނާފަތި ކުރަމުން ދާއިރު ދިވެހި ރާއްޖެއާ މެލޭޝިއާ އަދި އިންޑޮނީޝިއާގެ އާންމު ރައްޔިތުން ތިބީ ފަލަސްތީނާއެކު އެވެ. އާންމުންނަށް ހީކުރެވެނީ ފަލަސްތީނަށް ސަޕޯޓް ކުރުމާ މިބޯޓާ ގުޅުމެއް އޮތީ ކަމަށެވެ.
އިޒްރޭލުގެ މިބޯޓު ސިންގަޕޫރުގައި ހަރަކާތްތެރިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އިޒްރޭލު އެއޮރޮސްޕޭސް އިންޑަސްޓްރީޒް އަކީ ދިފާއީ ނިޒާމް އުފައްދައި ތަރައްގީކޮށް އަދި ވިޔަފާރިކުރާ ކުންފުންޏެކެވެ. ސިންގަޕޫރު ވައިގެ ތެރޭގައި މީގެ ދުވަސްތަކެއް ކުރިން މިބޯޓު އެގޮތް މިގޮތަށް ދަތުރުކުރާތަން ފްލައިޓްރޭޑާ24 އިން ދައްކާތީ ސުވާލުކުރުމުން ބުނީ ދިފާއީ އާލާތްތަކަކުން ސިގްނަލް ޓެސްޓްކުރަނީ ކަމަށެވެ.