ސްރީ ލަންކާ ގޮނޑުދޮށަށް ޖަމާވެފައި ހުރީ ކިތައް ޓަނުގެ ޕްލާސްޓިކު ކުނި ކަމެއް ނޭނގެ އެވެ؛ ލަންކާ ބަނދަރަށް ވަނުމުގެ އިންތިޒާރުގައި އޮއްވައި، މެއި 20 ގައި އަލިފާން ރޯވެ އަނދަމުން އަންނަ "އެމްވީ އެކްސްޕްރެސް ޕާލް" އިން ކަނޑަށް އެޅި އޮޔާއެކު ލައްގަމުން އަންނަ ޕްލާސްޓިކް ކުނިތައް ސާފު ކުރުމުގައި އަސްކަރީ އަދި ސަލާމަތީ އެތައް ހާސް އޮފިޝަލުން މަސައްކަތް ކުރަމުން އަންނައިރު ވެސް އެ ސަރަހައްދު ސާފު ކުރެވޭނެ ދުވަހެއް އަންދާޒާ ކުރަން ނޭނގޭ އެވެ.
ސިންގަޕޫރަށް ރެޖިސްޓްރީ އޮންނަ އެމްވީ އެކްސްޕްރެސް ޕާލްގައި އަލިފާންރޯވި ކަމަށް އޮފިޝަލުން ލަފާ ކުރަނީ ކޮންޓެއިނާތަކުގައި ހުރި ނައިޓްރިކް އެސިޑް ލީކުވުމުގެ ސަބަބުންނެވެ. ބޯޓުގައި ހުރި 1486 ކޮންޓެއިނާގައި 25 ޓަނުގެ ނައިޓްރިކް އެސިޑާއި ސޯޑިއަމް ހައިޑްރޮކްސައިޑް އަދި އެހެނިހެން ކެމިކަލް ގިނަ އަދަދަކަށް ހުރި ކަމަށް ވެއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން އަލިފާން ރޯވުމުގެ ސަބަބުން ކެމިކަލްތައް މިހާރު ވަނީ އަނދާ ހުޅިވެފަ އެވެ. ކޮންޓެއިނާތަކުން ނައިޓްރިކް އެސިޑް ލީކުވާކަން ފަޅުވެރިންނަށް ވެސް އެނގެ އެވެ.
ލަންކާއާ އިންޑިއާގެ ކޯސްޓްގާޑުން މެދުނުކެނޑި ހަތަރު ފަސްދުވަސް ވަންދެން އަލިފާން ނިއްވަން ކުރި މަސައްކަތުން ހުޅުގަނޑު ކޮންޓްރޯލް ކުރެވިފައި ހުރި ނަމަވެސް ދޭތެރެ ދޭތެރެއިން އަދި ވެސް ހުޅުފަޅައިގެންދާ ކަމަށް ވެއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން މިހާރު އޮތް ބިރަކީ ބޯޓުގައި ހުރި 322 މެގަޓަނުގެ ތެލުގައި ރޯވެ ކަނޑަށް އެޅިދާނެ ކަމަށް އޮތް ބޮޑު ކަންބޮޑުވުމެވެ.
އެ ސަރަހައްދަށް ލިބިފައިވާ ގެއްލުން އަންދާޒާ ކުރުމުގައި އުޅޭ އޮފިޝަލުން ވިދާޅުވާ ގޮތުން ޑިސެމްބަރު 2004 ގައި އެރި ސުނާމީން ލިބުނު ގެއްލުމާ އަޅާކިޔޭ ވަރުގެ ބޮޑު ގެއްލުމެއް ގޮނޑުދޮށާއި ކަނޑުގެ ދިރުމަށް މިފަހަރު ލިބޭނެ އެވެ.
ލަންކާ މެރިން ޕްރޮޓެކްޝަން އޭޖެންސީން ބުނީ ބޯޓުން ފެށިގެން 80 ކިލޯމީޓަރުގެ ސަރަހައްދަކުން މަސްވެރިކަން ކުރުން މަނާ ކޮށްފައި އޮތުމުން، މަސްވަރިކަމުން ލިބޭ އެއްޗަކުން ދިރިއުޅޭ އެތައް ހާސް އާއިލާއެއް ވެސް ނިކަމެތި ވެގެން ދާނެ ކަމަށެވެ.
ނެގޮމްބޯގެ އެ ސަރަހައްދަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލް މަންޒިލަކަށް ވެފައި ފަރުގައި ރަސްކަންކުރާ ކަކުންޏާއި އިހިތަކުގެ ނަސްލު ނެތިގެން ހިނގައިދާނެ ކަމަށް އޮތް ބިރު ބޮޑު ކަމަށް ވެސް އޭޖޭންސީން ބުންޏެވެ.ލަންކާ ކަނޑުގެ ސަރަހައްދަށް މިދިއަ އަހަރު ސެޕްޓެމްބަރުގައި ވެސް ޓޭންކަރަކުން ތެޔޮ ލީކުވި އެވެ. "ނިއު ޑައިމަންޑް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރުގައި ރޯވެ އެ ފަހަރު 40 ކިލޯމީޓަރަށް ފޭއްދިގެން ދިއަ ތެޔޮ ސާރުކުރަން ކުރި މަސައްކަތައް ލަންކާއިން ވަނީ 17 މިލިއަން ޑޮލަރު ހޯދަން އެދިފަ އެވެ.
އެމްވީ އެކްސްޕްރެސް ޕާލް އިން ލިބޭ ގެއްލުންތަކަށް މިފަހަރު ލަންކާއިން ހޯދަން ދައުވާކުރާނީ ކިހާވަރެއް ކަމެއް އަދި ނޭނގެ އެވެ. ލަންކާއިން އަންނަނީ ގެއްލުންތައް އަންދާޒާކޮށް އަގުމަގު ކުރެވޭތޯ ބަލަމުންނެވެ.