ދުނިޔެ

ލަންކާ ކޮންޓެއިނާ ބޯޓުގެ ކޮޅުފަސްކޮޅު އަޑިއަށް

ސްރީ ލަންކާ ބަނދަރަށް ވަނުމަށް ތައްޔާރުވަމުން ދަނިކޮށް "އެމްވީ އެކްސްޕްރެސް ޕާލް" -- ކޮންޓެއިނާ ބޯޓުގައި ރޯވީ މެއި 20 ވަނަ ދުވަހު އެވެ. އިންޑިއާ ކޯސްޓްގާޑާ ގުޅިގެން ލަންކާ ކޯސްޓްގާޑުން ކުރި މަސައްކަތުން އަލިފާނުގެ ހުޅުގަނޑު ކޮންމެވެސް ވަރަކަށް މައިތިރިކޮށްފައި ވަނިކޮށް އަނެއްކާ ވެސް ރޯވެ އަނދަން ފެށީ އެވެ.

ލަންކާ ޕޯޓްސް އޮތޯރިޓީން އެ ހިސާބުން ދެން ބެލީ ލަންކާގެ އައްސޭރިއާ ދުރަށް ފުންކަނޑަށް ބޯޓް ދަމާފައި ގެންދެވޭތޯ އެވެ. އެހެން ނަމަވެސް ހުޅުގަނޑު މައިތިރި ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ބޯޓުގެ ފޭރާން ދެރަވެފައި ވާތީ މާދުރަށް ގެންދެވޭ ގޮތެއް ނުވި އެވެ. ބޯޓު މިހާރު އޮތީ ކޮޅުފަސްކޮޅަށް ބަރުބޮޑުވެ އަޑިއަށް ގޮސް ކަނޑުއަޑީގައި ވިދި ތާށިވެފަ އެވެ.

ސިންގަޕޫރަށް ރެޖިސްޓްރީ އޮންނަ އެމްވީ އެކްސްޕްރެސް ޕާލްގައި އަލިފާން ރޯވި ކަމަށް އޮފިޝަލުން ލަފާ ކުރައްވަނީ ކޮންޓެއިނާތަކުގައި ހުރި ނައިޓްރިކް އެސިޑް ލީކުވުމުގެ ސަބަބުންނެވެ. ބޯޓުގައި ހުރި 1486 ކޮންޓެއިނާގައި 25 ޓަނުގެ ނައިޓްރިކް އެސިޑާއި ސޯޑިއަމް ހައިޑްރޮކްސައިޑް އަދި އެހެނިހެން ކެމިކަލް ގިނަ އަދަދަކަށް ހުރި ކަމަށް ވެއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުން އަލިފާން ރޯވުމުގެ ސަބަބުން ކެމިކަލްތައް މިހާރު ވަނީ އަނދާ ހުޅިވެފަ އެވެ.

ކޮންޓެއިނާތަކުން ނައިޓްރިކް އެސިޑް ލީކުވާތަން ފަޅުވެރިންނަށް މެއި 11 ގައި ވަނީ ފެނިފަ އެވެ.

ލަންކާއަށް މިހާރު އޮތް ބިރަކީ ބޯޓުގައި ހުރި 322 މެގަޓަނުގެ ތެލަށް ވާނެ ގޮތެއް ނޭނގުމެވެ. އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ސިނާއީ ތަޖުރިބާކާރުން ބުނާ ގޮތުން ތެލުން ބޮޑުބައެއް މިހާރު ވަނީ އަނދާފަ އެވެ. އެހެން ނަމަވެސް، ކަނޑަށް ތެޔޮއެޅިދާނެ ކަމަށް ލަންކާއާ އިންޑިއާ ކޯސްޓްގާޑުން މިހާރު ތިބީ އިމާޖެންސީ ހާލަތުގަ އެވެ.

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އޮފިޝަލުން ބުނަނީ ލަންކާގެ ފަރަށާއި އައްސޭރިއަށް ލިބިފައިވާ ގެއްލުންތައް ޑިސެމްބަރު 2004 ގައި އެރި ސުނާމީން ލިބުނު ގެއްލުންތަކަށް ވުރެ ވެސް ނުރައްކާ ކަމަށެވެ. ތެލާއި ކެމިކަލް އަދި ޕްލާސްޓިކުގައި ރޯވުމުގެ ސަބަބުން ކަނޑަށް އެޅިފައި ހުރި ކުނިބުނިން ގޮނޑުދޮށާއި ކަނޑުގެ ދިރުމަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށެވެ.

މި ހާދިސާ ހިނގުމުގައި ބޯޓުގެ ކެޕްޓަނާއި ފަޅުވެރިން އިހުމާލުވެފައިވާ މިންވަރު ބެލުމަށް ޖިނާއީ ތަހުގީގަކަށް ލަންކާއިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.