ކޮވިޑް-19 އަށް ތައްޔާރުކުރި ވެކްސިންތަކުގެ ތެރެއިން ފުރަތަމަ ވެކްސިން ދިން ވިލިއަމް ޝެކްސްޕިއާ (ބިލް) މަރުވެއްޖެ އެވެ. އޭނާ މަރުވީ ވެކްސިން އާ ގުޅުމެއް ނެތް ބައްޔެއްގަ އެވެ.
މިދިޔަ ޑިސެމްބަރު މަހު ވިލިއަމް ޝެކްސްޕިއާ، 81، ގެ ނަން ތާރީހުގެ ތެރެއަށް ވަދެގެން ދިޔައީ ފައިޒާ ވެކްސިން ޖެހި ފުރަތަމަ ފިރިހެނާއަށް ވެގެންނެވެ. އޭނާއަށް ވުރެ ކުރިން އަންހެނަކު އެ ވެކްސިން ޖަހާފައި ވެއެވެ. އެއީ އިނގިރޭސި ވިލާތުގެ 90 އަހަރުގެ މާމަ މާގަރެޓް ކީނަން އެވެ.
މި ދެ މީހުންގެ ގަޔަށް ވެކްސިން ޖެހީ އިނގިރޭސި ވިލާތުގައި މި ވެކްސިންގެ އަޖުމަބެލުމުގެ ޝޮޓްތަކެއް ޖަހަން ސަރުކާރުން ހުއްދަ ދިނުމާ އެކުގަ އެވެ.
ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބިލް މަރުވީ ދުވަސްކޮޅަކު ހޮސްޕިޓަލުގައި ފަރުވާ ހޯދި ފަހުން ކުއްލިއަކަށް ސްޓްރޯކެއް ޖެހިފަ އެވެ. ބިލް އަކީ އޭނާގެ ވަނަމެވެ. އަދި ގިނަ ބަޔަކު ވިލިއަމް ޝެކްސްޕިއާ ދަންނަނީ ވެސް ބިލްގެ ނަމުންނެވެ.
ބިލްގެ ވާހަކަ މުޅި ދުނިޔޭގައި މީޑިއާގައި މަޝްހޫރު ވެގެން ދިޔައީ ވެކްސިން ޓެސްޓް ކުރަން އޭނާ އިސްނެގުމާ ގުޅިގެންނެވެ. މި ހާއްސަ ވަގުތުގައި ވެސް އޭނާ ޖެހި ވެކްސިންގެ ވާހަކައަށް ވުރެ އޭނާއަށް ކިޔާ ނަމުގެ ގޮތުން އޭނާއަށް މާ ބޮޑު މަޝްހޫރު ކަމެއް ލިބިގެން ދިޔަ އެވެ.
ބިލް މަރުވިއިރު އޭނާގެ އަންހެނުންނާއި ދެ ފިރިހެން ދަރިން އަދި ގިނަ އަދަދެއްގެ ކާފަ ދަރިން ދުނިޔޭގައި އެބަ ތިބި ކަމަށް ބީބީސީން ބުނެފައި ވެއެވެ.