ލައިފްސްޓައިލް

ޔޫކޭގައި ވިހޭ ކުއްޖަކު ބޮޑުކަމުން އުފުލާވެސް ނުލެވުނު!

އިނގިރޭސި ވިލާތުގެ 27 އަހަރުގެ މީހަކު ވިހޭ ކުއްޖަކު ބަރުވެފައި ބޮޑުކަމުން އޭނާ ވިއްސި ވަގުތު ޑޮކްޓަރަކަށް އެކަނި އުފުއްލާ ނުލެވި އެހެން މީހެއްގެ އެހީތެރި ކަމަށް އެދެން ޖެހިއްޖެ އެވެ. މި އަންހެންމީހާގެ ދަރިފުޅު އެހާ ބޮޑަސް އޭނާ ބަލިވެ އިނދެގެން ހޭދަކުރި ދުވަސް ތަކުގައި އެއްވެސް އެއްޗެއް ކާހިތްނުވެ ނުކެވުނު ކަމަށް އޭނާ ބުނެފައި ވެއެވެ.

އެމީ ސްމިތުގެ ދަރިފުޅު ނެގީ މި މަހުގެ 25 ވަނަ ދުވަހު ސިޒޭރިއަން ހަދައިގެނެވެ. އޭނާގެ ދަރިފުޅު ޒަގްރީސް އަށް ލޯބިން އެމީހުން ކިޔަނީ ޒެއިކް އެވެ. ޒެއިކް އުފަންވީއިރު އޭނާގެ ބަރުދަނަކީ 12.9 ޕައުންޑް (5.85 ކިލޯގްރާމް) އެވެ. އިސްކޮޅުގައި ދެ ފޫޓު ހުއްޓެވެ.

ދަރިފުޅު ބޮޑު ކަމުން އެމީ އާއި އޭނާގެ ފިރިމީހާ ޒެކް، 28، އަށް ވެސް ބޮޑު ޝޮކެއް ލިބުނު ކަމަށް އެމީހުން ބުންޏެވެ.

ކުދިން އުފަންވުމާއެކު ބަރުދަން ބަލަން ބަހައްޓާފައި ހުރި މެޝިންގައި ވެސް ކުއްޖާ ބޮޑު ކަމުން ނުބޭއްވިގެން އެމީހުންނަށް ޖެހުނީ އޭގެ މަތީގައި ފިލައެއް ކަހަލަ އެއްޗެއް ބާއްވާފައި އޭގެ މަތީގައި ކުއްޖާ ބާއްވާށެވެ.

އެމީ ބުނި ގޮތުގައި އޭނާގެ ސިޒޭރިއަން ހެދި ތަނުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންނަކީ ތަންކޮޅެއް އިސްކޮޅުން ކުރު އަދި ހިކި ބައެކެވެ. އެހެންވެ ވިއްސާފައި ކުއްޖާ ނަގަން އެކަކު އެކަންޏަށް އުނދަގޫވީ އެވެ.

އެމީ ބަނޑު ބޮޑުއިރު ހެދި ސްކޭންތަކުން ވެސް ކުއްޖާ އާދަޔާޚިލާފަށް ދިގުކަން ފާހަގަ ކުރެވުނު ކަމަށް އޭނާ ބުންޏެވެ. އެމީ އާއި އޭނާގެ ފިރިމީހާއަކީ ވެސް އިސްކޮޅުން ދިގު ބަޔަކަށް ވާތީ ކުއްޖާ ވެސް އިސްކޮޅުން ދިގު ވުމަކީ އެމީހުން އެހާ ހައިރާންވީ ކަމެއް ނޫނެވެ. މައްސަލައަކީ އިސްކޮޅަށް ވުރެ ކުއްޖާގެ ރޫފަ ވެސް ރަނގަޅުވީމަ އެވެ.

"އަހަރެމެން ދެ މީހުންގެ އިސްކޮޅު ވެސް ހަ ފޫޓަށް ވުރެ ދިގު. އެހެންވެ ދަރިފުޅު ވެސް ދިގުވާނެ ކަމަށް ހީވި. ނަމަވެސް މިހާ ބޮޑުވެދާނެ ކަމަކަށް އެއްގޮތަކަށް ވެސް ހިއެއް ނުކުރަން،" އެމީ ބުންޏެވެ.

ބީބީސީން ބުނެފައިވާ ގޮތުގައި ޔޫކޭގައި އުފަންވާ ކުދިންގެ އެވްރެޖް ބަރުދަނަކީ 7.8 ޕައުންޑް (3.53 ކިލޯ ގްރާމް) އެވެ. ވީމާ އެމީގެ މި ދަރިފުޅަކީ ގާތްގަނޑަކަށް އޭގެ ދެ ގުނަ ބޮޑު ކުއްޖެކެވެ.

އެމީ ބުނި ގޮތުގައި ދަރިފުޅު އިސްކޮޅުން ދިގުކަން އެނގޭތީ އެމީހުން ނިއުބޯން ހެދުން ނުގަނެ ގަތީ ތިން މަހުގެ ކުދިން ލައްވާ ވަރުގެ ހެދުމެވެ. ނަމަވެސް އެއިން އެއްވެސް ހެދުމެއް ވެސް ކުޑަ ދަރިފުޅަކަށް ފިޓެއް ނުވި އެވެ.

"އެހެންވެ މިހާރު ޒެކް ފޮނުވައިފިން ނުވަ މަހުގެ ކުދިންނަށް ލެވޭ ވަރުގެ ހެދުން ގަންނަން،" އެމީ ބުންޏެވެ.

ދަރިފުޅު ކިތަންމެ ބޮޑަސް އެމީ ބުނަނީ ބަނޑުބޮޑުއިރު އެއްގޮތަކަށް ވެސް އެއްވެސް އެއްޗެއް ކާހިތް ނުވި ކަމަށެވެ.

"އަހަރެން މުޅީން ކަހަލަ ގޮތަކަށް ކެއުން ހުއްޓާލިން. ކާހިތްވާ އެއްވެސް އެއްޗެއް ނެތީމަ. އެއްވެސް ކަހަލަ އެއްގަމު މަހެއް އެއްގޮތަކަށް ވެސް ނުދިރޭ. މިހާރު ހިތަށް އަރާ އަދި ރަނގަޅަށް ކޭނަމަ ހާދަ ބޮޑުވީހޭ ދަރިފުޅު،" އެމީ ބުންޏެވެ.