ވޯލްޑް ކަޕް ކޮލިފައިންފައި މާދަމާ ރޭ ބްރެޒިލް އާއި އާޖެންޓީނާ ވާދަ ކުރާ މެޗަށް ބްރެޒިލްގެ ފޯވަޑް ނޭމާ ޓީމާ ގުޅުނުއިރު އަނިޔާގެ ސަބަބުން އާޖެންޓިނާގެ ފޯވަޑް ލައިނުގެ އެންމެ މުހިންމު ކުޅުންތެރިންނަށް ނުކުޅެވޭނެ ކަން ޔަގީންވެއްޖެ އެވެ.
ލަޔޮނަލް މެސީ އާއި ސާޖިއޯ އަގުއެރޯ އަނިޔާގައި ތިއްބައި އެންމެ ފަހުން ޓީމުން އުނިކުރަން ޖެހުނީ ކާލޮސް ޓެވޭޒް އެވެ. އެންމެ ފަހު ވަގުތު އޭނާ ޓީމުން ބާކީކުރަން ޖެހުނުއިރު ހާވިއާ ޕަސްޓޯރޭ އަށް ވެސް ކުޅެވޭނެކަން ޔަގީނެއްނޫނެވެ.
އާޖެންޓިނާގެ ފޯވަޑް ލައިން ބަލިކަށިވެފައިވާއިރު ބްރެޒިލްގެ ފޯވަޑް ލައިން ލީޑް ކުރަން ނޭމާ މި ނުކުންނަނީ ކޮޕާ އެމެރިކާގައި އޭނާ އަށް ދިން ހަތަރު މެޗުގެ ސަސްޕެންޝަން ފުރިހަމަ ކުރުމަށްފަހު އެވެ. މިވަގުތު އޭނާ ހުރީ ވެސް ރަނގަޅު ފޯމެއްގަ އެވެ. އަނެއްކޮޅުން ނަތިޖާ ނުނެރެވޭތީވެ އާޖެންޓީނާގެ ކޯޗު ޖެރާޑޯ މާޓިނޯ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
ކޮލިފައިންގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އާޖެންޓީނާ މޮޅުވެފައެއްނުވެ އެވެ. މިހެންވެ އެ ޓީމުން ކުރިއަށްވުރެ ބޮޑަށް ހިތްވަރުކުރާނެ ކަމަށް ބްރެޒިލްގެ ކުޅުންތެރިންނަށް އެންމެ ބޮޑަށް ވިސްނައިދެމުން އަންނަނީ ތަޖުރިބާކާރު މިޑްފީލްޑަރު ކަކާ އެވެ.
"އާޖެންޓީނާ އަށް މިހާތަނަށް މެޗަކުން މޮޅެއްނުވޭ. އެހެންވީމާ އިތުރަށް ހިތްވަރު ކުރާނެ ބްރެޒިލް ބަލިކުރަން. އަހަރުމެންނަށް އެނގޭ ކިހާ އުނދަގޫ ކަމެއްކަން އެ ގައުމުގައި މެޗުން މޮޅުވުމަކީ. އެކަމަކު އަހަރުމެންނަށް އެކަން ކުރެވިދާނެ. އަހަރުމެން 2009ގައި އާޖެންޓީނާ އަށް ގޮސް މޮޅުވިން. އަހަރެން ހަނދާން އެބަހުރި އެ މެޗުން މޮޅުވެގެން އަހަރުމެން ބޭއްވި ޕާޓީގެ މަތިން އަދިވެސް،" ކަކާ ބުންޏެވެ.