ޖޭއެސްސީ

ތަހުގީގީ އިޖުރާއަތާ ހިލާފެއް ނުވަން: ޖޭއެސްސީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލު ކުރަން އެންގި ކުރީގެ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އިޖުރާއަތަކާއި ހިލާފުވެފައި ނުވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން މިހެން ބުނެފައި ވަނީ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައިގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކޮށްފައި ނުވާ ކަމަށް ގާޒީ އިސްމާއީލް ރަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވި ލިޔުމުގައި ބަޔާންކޮށްފައި ވަނީ މަގާމުން ވަކިކުރަން މަޖިލީހަށް މައްސަލަ ފޮނުވާފަައި ވަނީ ޖަވާބުދާރީވުމަށް އެއްވެސް ފުރުސަތެއް ނުދެއްވާ ކަމަށެވެ.

ޖޭއެސްސީ އިން ބުނީ ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އިސްމާއީލް ރަޝީދުގެ މައްސަލަ އެ ކޮމިޝަނުން ބަލަން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު ކަމަށެވެ. ހަމަ އެދުވަހު މައްސަލަ ބަލަން ނިންމާފައިވާ ކަމަށާއި ތަހުގީގު ކުރަނީ ކޮން މައްސަލައެއް ކަން ބަޔާންކޮށް އިސްމާއީލް ރަޝީދަށް ސިޓީއެއް ފޮނުވައިފައި ވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ގާޒީ އެ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގައިފައި ވާނެ ކަމަށާއި ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ ދިފާއީ ވަކީލަކާ އެކުގައި ކަމަށް ވެސް ޖޭއެސްސީ އިން ބުންޏެވެ.

އެ މައްސަލަ ނިންމައި މިއަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު ތަހުގީގީ ރިޕޯޓު ހަވާލުކޮށް، އެ ރިޕޯޓަށް ލިޔުމުން ޖަވާބު ދިނުމަށް އިސްމާއީލް ރަޝީދަށް އެންގި އެވެ. ނަމަވެސް ލިޔުމުން ޖަވާބު ދޭން އަންގާފައިވާ މުއްދަތު ހަމަވިއިރު ވެސް ޖަވާބުދާރީ ވެފައި ނުވާ ކަމަށާއި، ތަހުގީގީ ރިޕޯޓާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށް އީމެއިލެއް މެދުވެރިކޮށް ވިދާޅުވި ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފަ އެވެ.

އަދި އެ އީމެއިލްގައި އިތުރަށް ވިދާޅުވެފައި ވަނީ ތަގުގީގަށް ދީފައިވާ ބަޔާނަށް ރިއާޔަތްކޮށް އަވަހަށް މައްސަލަ ނިންމަވައި ދިނުން ކަމުގައި ވެސް ޖޭއެސްސީ އިން ބުނެ އެވެ. ޖޭއެސްސީ އިން އިތުރަށް ބުނީ އިސްމާއީލް ރަޝީދުގެ މައްސަލައިގައި ތަހުގީގީ މަރުހަލާފައި ގާނޫނުން ލިބިދީފައިވާ ހުރިހާ ފުރުސަތެއް އެމަނިކުފާނަށް ދީފައިވާނެ ކަމަށާއި އެއްވެސް އިޖުރާއަތަކާއި ހިލާފު ވެފައި ނުވާނެ ކަމަށެވެ.

އިސްމާއިލް ރަޝީދާ ގުޅޭގޮތުން ބެލި މައްސަލައަށް ފަހު ޖޭއެސްސީން ބުނެފައި ވަނީ އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލާގައި ގާޒީ އިސްމާއީލް ރަޝީދު އަމަލުކޮށްފައިވަނީ ޖިނާއީ އިޖްރާތުގެ ގާނޫނުގެ 13 ވަނަ ބާބުގައި ބަޔާން ކޮށްފައިވާ އިޖްރާއަތްތަކާއި ފާޅުކަން ބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލުނު ދައުވާތަކާއި ގުޅިގެން ޖުލައި 12، 2020 ގައި އަޑުއެހުމެއް ބޭއްވުމަށް ފަހު ޖުލައި 12، 2020 ގައި އެ ދައުވާތަކާއި ގުޅިގެން ހުކުމް ކޮށްފައިވާއިރު އެ ދުވަހު ކުރި ހުކުމަކީ ފެބްރުއަރީ 22، 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރުވެފައިވާ ހުކުމެއްކަން ތަހުގީގަށް ހޯޯދުމުގެ ޕެންޑްރައިވްގައިވާ މައުލޫމާތުން އެނގޭ ކަމަށްވެސް ޖޭއެސްސީން ބުނެ އެވެ.

ޖޭއެސްސީ އިން މައްސަލަ ބަލައި ނިންމިތާ މާގިނަ ދުވަސްތަކެއް ނުވަނިސް އިސްމާއިލް ރަޝީދު ވަނީ މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އިސްތިއުފާ ދެއްވަމުން ވިދާޅުވެފައި ވަނީ ޖޭއެސްސީ އިން ކޮށްފައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.