އެޓާނީ ޖެނެރަލް

ނުރައްކާތެރި މީހުން ދޫވާ މައްސަލާގައި ބަންޑާރަނައިބާ ސުވާލުކުރަން ހުށަހަޅުއްވައިފި

މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބޭތިއްބުމަށް އަދިވެސް ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެން އެކަމުގައި ހުރި ގާނޫނީ ހުރަސްތައް އޮޅުންފިލުއްވުމަށް ބަންޑާރަނައިބް އިބްރާހިމް ރިފްއަތާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ ޖަލްސާގައި ބަންޑާރަނައިބާ ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެެވެ.

ބަންޑާރަނައިބާ ސުވާލުކުރެއްވުމަށް ވަހީދު ހުށަހެޅުއްވީ މިމަހުގެ 24 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އެ ދުވަހުގެ ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބޭތިއްބޭނެ ގޮތެއް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ތެރެއިން އަދިވެސް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި އެފަދަ މީހުން ބަންދުގައި ބައިތިއްބައިގެން ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހިންގަން ވެސް ގާނޫނުތައް ޖަގާ ނުދޭ ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވެފައިވެ އެވެ.

އެހެންވެ ވަހީދު ބަންޑާރައިބާ ކުރައްވާ ސުވާލު ކުރައްވަނީ މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރި ހުރަސްތައް އޮޅުންފިލުއްވުމެވެ. އަދި އެކަން ފުރިހަމަ ކުރާނެ ގޮތަކާއި އެއީ ހުތޫރަތްތެރި މައްސަލައަކަށް ވާތީ ގާނޫނީ ފަރުވާއެއް ނުލިބި ދިގުލައިގެންދާ ސަބަބު ސާފުކުރެއްވުމަށް ވެސް ސުވާލުގައި އެދިވަޑައިގެންފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިހާރު ވަނީ ސުވާލުގެ ނޯޓިސް ބަންޑާރަނައިބަށް ފޮނުވާފަ އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މެންބަރަކު ވަޒީރަކާ ސުވާލެއް ކުރަން ހުށަހެޅުއްވުމުން އެ ވަޒީރަކަށް ޖަވާބު ދެއްވުމަށް 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ.