ބޭރު ކުޅިވަރު

ހަޒާޑް ގަތުމަށް ރެއާލް މެޑްރިޑާއި ޕީއެސްޖީން 80 މިލިއަން ޕައުންޑް

ޗެލްސީގެ މިޑްފީލްޑަރު އެޑެން ހަޒާޑް 80 މިލިއަން ޕައުންޑަށް ވިއްކާލަން އެކުލަބުން ތައްޔާރުވެއްޖެ ކަމަށާއި އޭނާ ގަތުމަށް ބޭނުންވަނީ ރެއާލް މެޑްރިޑާއި ޕީއެސްޖީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 24 އަހަރުގެ ބެލްޖިއަމްގެ މިޑްފީލްޑަރު ވިއްކާލަން ޗެލްސީން ބޭނުންވަނީ އޭނާ އާއި ކޯޗު މޮރީނިއޯ އާއި ގުޅުން ގޯސްވުމުންނެވެ. މި ސީޒަނުގައި ޗެލްސީ އަށް ހަޒާޑް 11 މެޗު ކުޅެދީފައިވީ ނަމަވެސް އޭނާ އަށް އަދި އެންމެ ގޯލެއް ވެސް ނުޖެހެ އެވެ.

ހަޒާޑް ވަނީ ދާދި ފަހުން ޗެލްސީގެ ކޮންޓްރެކްޓް ފަސް އަހަރަށް އިތުރުކޮށްފަ އެވެ. އޭނާ ވިއްކާ އަގު ބޮޑުވަނީ ވެސް މި ސަބަބާ ހެދި އެވެ.

ރެއާލް އާއި ޕީއެސްޖީކުރެ ހަޒާޑް ގަތުމުގެ ރޭހުގެ ކުރީގައި އޮތީ ޕީއެސްޖީ ކަމަށްވެ އެވެ. ނަމަވެސް ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީންޒިދާން ރެއާލް މެޑްރިޑުގައި ހުރުމާއެކު ހަޒާން ދާން ބޭނުންވަނީ ރެއާލް މެޑްރިޑަށެވެ.

ހަޒާޑް ވިއްކާލުމަށް ފަހު ޗެލްސީން އަންނަ ޖެނުއަރީ މަހު އެވަޓަންގެ ޒުވާން ޑިފެންޑަރު ޖޯން ސްޓޯން ގަތުމަސް ހޭދަކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.