ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލު ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ ގޮތަށް އެންގެެވުމުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އަވަސް އިން ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް އިއްޔެ ވިދާޅުވީ އެސްޕީޖީގަައި ކުރިން ތިއްބެވި ކޮމާންޑަރުން ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި އިސް މަގާމުތަކަށް އިތުރު ބޭފުޅުން ހަމަޖައްސަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސަވާފައި ވަނީ ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާ އެވެ. އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސަވާފައިވަނީ މޭޖާ މޫސާ ރަމީޒެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް މިއަދު ވިދާޅުވީ ހައެއް މޭގެ ޓެރަރިސްޓް ހަމަލައާ ގުޅިގެން ދައުލަތުގެ އިސްވެރިންނަށް ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ދެކިވަޑައިގެން އެކަން މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއަ ގުޅިގެން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެއްދެވުމަށް އެކަމަށް ހާއްސަ ޓީމެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކުލަވާލައްވާފައެވެ.
ރައީސް ސޯލިހް ކުރީން ވިދާޅުވީ އެވަރު ބޮޑު ހާދިސާއެއް ހިނގާދިޔައިރު އިންޓެލިޖެންސަށް ނޭނގުނީ ކީއްވެގެންތޯ ބައްލަވަން އެމަނިކުފާނު ވެސް ބޭނުންފުޅުވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ގުޅިގެން ދިރާސާއެއް ހެއްދެވި ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭ ރިޕޯޓެއް އެމްއެންޑީއެފްގެ ފަރާތުން ވަރަށް އަވަހަށް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
އިންޓެލިޖެންސް ވަރުގަދަކުރަން ޖެހިފައިވާ ކަމަށް ރައީސް ގަބޫލުފުޅު ވެސް ކުރެއްވި އެވެ. އެ ދެ ރިޕޯޓު ބެއްލެވުމަށްފަހު އިންޓެލިޖެންސާއި ރައީސް ނަޝީދުގެ ސެކިއުރިޓީ މިހާރަށް ވުރެ ވަރުގަދަ ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވި އެވެ.