ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އިނާމު ދިނުމުގެ އުސޫލު އާންމުކޮށްފި އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، މިއަހަރު އަލަށް ތައާރަފް ކުރި އިނާމެކެވެ. މިއީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލްކަމާއި އިޚްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަން ނިންމަވާފައިވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މުވައްޒަފެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ނަން ހުށަހެޅުމުންނެވެ.
މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން މި އިނާމަށް މީހެއްގެ ނަން ހުށަހަޅާނަމަ އެ މީހަކީ އެ މުއައްސަސާއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ހިދުމަތްކުރަމުން ގެންދާ މީހަކަށް ވާންޖެހެ އެވެ.
މި އިނާމަށް ދެ ގޮތަކަށް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އެއީ "ފޯމު ހުށަހެޅުން" ނަމަކަށް ކިޔާ މި ޕޯޓަލްއެއް މެދުވެރިކޮށްގެންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަކިން ފޯމު ހުށަހަޅައިގެންނެވެ. އިނާމަށް ނަން ހުށަހަޅާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނީ މިއަދުން ފެށިގެން މިއަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން އިނާމަށް ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަލައިގަންނާނީ ޖުލައި އެކަކުން ފެށިގެން އޮގަސްޓު 12ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އިނާމު ދިނުމަށް ކަނޑައެޅުމުގައި ގައުމީ އިނާމާ ބެހޭ ކޮމިޓީން ބަލާ ކަންކަމުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި، ފަރުވާތެރިކަމާއި، އިޚްލާސްތެރިކަމާއެކު ކޮށްފައިވާ މަސައްކަތްތަކާއި، އެމީހަކަށް ލިބިފައިވާ ގާބިލުކަމެއް ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ހާއްސަ މަސައްކަތްތައް ހިމެނެ އެވެ. އަދި އެ މުއައްސަސާއިން ހިންގާފައިވާ އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވެ ހިދުމަތް ކޮށްފައިވާ މިންވަރާއި، ވަޒީފާގެ ދާއިރާއިން ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް ބެލުމަށް ވަނީ ހަމަޖެހިފަ އެވެ. އެމީހެއްގެ މައްޗަށް މަދަނީ އަދި ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައި އޮތްތޯ ވެސ ކޮމިޓީން ޔަގީން ކުރާނެ އެވެ.
އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ އަސާސީ ޝަރުތުތަކުގެ ތެރޭގައި އިނާމަށް ހުށަހެޅިފައިވާ މީހަކީ އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، އިނާމަށް ހުށަހެޅިފައިވާ މީހާގެ މައްޗަށް ޝަރުއީ ގޮތުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ސާބިތު ދަރަންޏަކަށް ފައިސާ ދައްކަން ޖެހިގެން އެ ފައިސާ ގަވާއިދުން ދައްކަމުން ގެންދާ މީހަކަށްވުން ހިމެނެ އެވެ.
އިނާމަށް ނަން ހުށަހެޅިފައިވާ މީހަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ދައްކަންޖެހޭ ފައިސާއެއް ދައްކަން ޖެހޭ މީހެއް ނަމަ އެ ފައިސާއެއް ގަވާއިދުން ދައްކަމުންގެންދާ މީހެއް ކަމުގައި ވާން ޖެހެ އެވެ. އަދި އިނާމަށް ނަން ހުށަހެޅިފައިވާ މީހާގެ މައްޗަށް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ހުށަހެޅިގެން އެ މައްސަލައެއް ބަލަމުންދާ ނުވަތަ ކޮރަޕްޝަންގެ އެއްވެސް ދައުވާއެއް އުފުލިފައިވާ މީހަކަށް ވެގެން ނުވެ އެވެ. މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއްގެ ތުހުމަތެއް ކުރެވިގެން އެމީހާގެ މައްޗަށް ތަހުގީގެއް ހިންގަމުންދާ މީހެއް ކަމުގައި ނުވުމާއި، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމުގައިވެސް އުސޫލުގައިވެ އެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމަށް ހަމަޖައްސާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.