ނަތީޖާ ގޯސްވެފައިވީ ނަމަވެސް ޗެލްސީގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށްގެންނުވާނެ ކަމަށާއި ޗެލްސީ އަށް އެންމެ ރަނގަޅު ކޯޗަކީ މޮރީނިއޯ އަށް އެ ޓީމުގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފި އެވެ.
މިވަގުތު ވަޒީފާއެއްނެތި، އެކަމަކު އިނގިރޭސި ލީގުގައި ކޯޗުކޮށްދޭން ބޭނުންވެފައިހުރި އެންޗެލޯޓީ މިހެންބުނިއިރު އޭނާ އަކީ މޮރީނިއޯ ޗެލްސީން ވަކިކޮށްފިނަމަ އެ މަގާމަށް ގެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކޯޗެވެ.
"މޮރީނިއޯ އަކީ އެންމެ ރަނގަޅު ކޯޗު. އަހަންނަށް އޭނާއާ ވާހަކަ ދައްކާނެ ފުރުސަތެއްނުލިބޭ. އެކަމަކު އަހަންނާއި އޭނާއާ ގުޅުން އޮވޭ. އަހަރުމެން (ރެއާލް މެޑްރިޑް) ޗެމްޕިއަންސް ލީގު 10 ވަނަ ފަހަރަށް ކާމިޔާބު ކުރުމުން އޭނާ އަށް އަހަންނަށް މަރުހަބާ ކިޔަން މެސެޖްވެސް ފޮނުވި. ޗެލްސީ އެންމެ ރަނގަޅަށް އޭނގޭނީ އޭނާ އަށް،" އެންޗެލޯޓީ ބުންޏެވެ.
ޗެލްސީ އަށް 2010ގައި ޕްރެމިއާ ލީގާއި އެފްއޭކަޕް ކާމިޔާބުކޮށްދިން އެންޗެލޯޓީ ބުނީ ކުޅުންތެރިން މޯޓިވޭޓް ކުރުމަކީ ކޯޗުގެ ކަމެއް ކަމަށާއި އެކަމަކު ކުޅުންތެރިން އަމިއްލައެދުން އިސްކުރާނަމަ އެކުޅުންތެރިން ކޯޗަކަށް މޯޓިވޭޓް ނުކުރެވޭނެ ކަމަށެވެ. އަދި މިސިޔަ ސީޒަނުގައި ޕްރެމިއާ ލީގު ހޯދުމަށްފަހު ޗެލްސީގެ ކުޅުތެރިން މޯޓިވޭޓްވެފައިވާތަން ނުފެންނަ ކަމަށައި އެހެން ނަމަވެސް މިހާރު ޗެލްސީ އަށް ދިމާވެފައިވާ މައްސަލަ އެންމެ ރަނގަޅަށް ހައްލު ކުރެވޭނެ މީހަކީ ވެސް މޮރނިއޯ ކަމަށެވެ.
އެންޗެލޯޓީ ބުނީ ޗެލްސީން އޭނާ ވަކިކުރިކުރުމަށްވުރެ ބޮޑަށް ދެރަވީ ނިމިދިޔަ ސީޒަނަށް ފަހު ރެއާލް މެޑްރިޑުގެ ކޯޗުކަމުން އޭނާ ވަކިކުރުމުން ކަމަށެވެ.
"އަހަންނާއި ކުޅުންތެރިންނާ ގުޅުން ރަނގަޅު. ކުޅުންތެރިން ވަރަށް ސީރިއަސްކޮށް ޕްރެކްޓިސް ކުރަމުން ދިޔައީ. އަހަރެން އެމީހުން ޓްރޭންކޮށްދޭން ހުރީ. އެހެން ހުއްޓާ ސަބަބެއްނެތި ވަކިކުރީ. ޗެލްސީން އަހަރެން ވަކިކުރުމަސްވުރެ އެކަމާ ދެރަވި. އަހަރެން އެކަމާ ހިތްހަމަވެސް ނުޖެހޭ،" އޭސީ މިލާނާއި ޔުވެންޓަސް އަށް ވެސް ކޯޗުކޮށްދީފައިވާ އެންޗެލޯޓީ ބުންޏެވެ.
އޭނާ އދި ބުނީ މި ސީޒަން ނިމުމުން ޕްރެމިއާ ލީގުގައި ކޯޗުކޮށްދޭން ބޭނުންވާ ކަމަށެވެ. ނަމަވެސް އެއީ ކޮންޓީމެއްކަން ބުނަން އަދި ނޭނގޭ ކަމަށާއި ލިވަޕޫލްގެ ކޯޗުކަމަށް އޭނާ ގެނައުމަށް އެކުލަބުން ވާހަކަ ދެއްކިނަމަ އެކަމާ އެއްބަސްވާނެ ކަމަށެވެ.