ބޭރު ކުޅިވަރު

ޗެލްސީއާ ދެކޮޅަށް މޮރީނިއޯ، އުފާފާޅު ކުރުމެއްނެތް!

ޕްރެމިއާ ލީގުގައި މާދަމާ ރޭ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ މެޗަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ މެެޗެކެވެ. މިއީ ޗެލްސީގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު ހޯސޭ މޮރީނިއޯ ޗެލްސީގެ ދަނޑުގައި އެކުލަބާ ދެކޮޅަށް ނުކުންނަ މެޗެވެ. މިހެންވެ މޮރީނިއޯ އާއި ސަޕޯޓަރުންނަށް ވެސް މިއީ ހާއްސަ މެޗެކެވެ.

މޮރީނިއޯ އަކީ ދެ ފަހަރެއްގެ މަތީން ޗެލްސީ އަށް ކޯޗުކޮށްދީ އެކުލަބަށް ޕްރެމިއާ ލީގު ތަށި ތިން ފަހަރު ކާމިޔާބުކޮށްދީފައިވާ ކޯޗެެކެވެ. މީގެ ކުރިން ޗެލްސީއާ ދެކޮޅަށް އޭނާ ނުކުތީ އިޓަލީގެ އިންޓަމިލާން ގޮވައިގެން 2010 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގަ އެވެ. އެފަހަރު ޗެލްސީ ބަލިކޮށް، ގޮސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ވެސް މޮރީނިއޯ އެވެ.

ނަމަވެސް މާދަމާރާގެ މެޗު މާބޮޑަށް ހާއްސަވަނީ ޗެލްސީއާ ވާދަވެރި އިނގިރޭސި ޓީމެއްގައި މޮރީނިއޯ ހުރުމުންނެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ބުނީ ޔުނައިޓެޑުން ޗެލްސީ ކޮޅަށް ގޯލު ޖެހި ނަމަވެސް އޭނާ މާބޮޑަށް އުފާފާޅު ނުކުރާނެ ކަމަށެވެ.

"ޓީމާހެދި މޮޔަވެފައިވާ ކުޑަކުއްޖެއްހެން އަހަރެން އުފާފާޅެއް ނުކުރާނަން އަހަރެންގެ ޓީމު ލަނޑު ޖެހި ނަމަވެސް. އަހަންނަަށް އެނގޭ އަހަރެންގެ އިމޯޝަންސްތައް ކޮންޓްރޯލްކުރަން. އެގާބިލްކަން އަހަރެންގެ ކިބާގައި އެބަހުރި،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޗެލްސީއާ އެކު ވަރަށް ފޮނި ގިނަ ހަނދާންތަކެއް އޭނާގެ އެބަހުރި ކަމަށާއި ނަމަވެސް އެހަނދާންތައް ބަހައްޓާނީ އޭނާގެ ސިކުނޑީގައި ކަމަށެވެ. އަދި ޗެލްސީގެ ސަޕޯޓަރުން އޭނާއާ މެދު އަމަލުކޮށްފާނެ ގޮތަކާމެދު ނުވިސްނާ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.

"އަހަރެން މި މެޗުގައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އަހަރެންގެ ޓީމު މޮޅުކޮށްދޭން އަހަރެންޖެހޭ. ބަޔަކު އަހަންނާމެދު ގޯސްކޮށް ވިސްނީމަ އަހަރެން ވެސް ގޯސްކޮށް ވިސްނަންވީތަ. ނޫން. އަހަރެން ކަންތައްކުރާނީ ރަނގަޅަށް. ސަޕޯޓަރުން އަހަންނާމެދު ދެކޭނީ ކިހިނެތްކަމާމެދު ނުވިސްނަން. ފަހަރުގައި މި 90 މިނިޓްގައި އެމީހުން ގަޔާވާ މީހަކަށް އަހަރެން ނުވެދާނެ. އަހަރެން މިހުރީ އެމީހުންނާ ދެކޮޅަށް ނުކުންނަ ޓީމުގައި. އެއީ މައްސަލައެއްނޫން،" މޮރީނިއޯ ބުންޏެވެ.

އޭނާ އަދި ބުނީ ޗެލްސީގެ ވެރިޔާ ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮމޮވިޗް އަކީ އޭނާގެ ރަހުމަތްތެރިއެއްނޫން ކަމަށެވެ.

"އަހަންނާއި އޭނާއާ ދެމެދު އޮތީ ކޯޗަކާއި ކުލަބުގެ ވެރިއަކާ ދެމެދު އޮންނަ ގުޅުން. އެއީ ވަރަށް ޕްރޮފެޝަނަލް އަދި ވަރަށް އިހްތިރާމާއެކު އޮތް ގުޅުމެއް. އޭނާ އަކީ އަހަރެންގެ މާގާތް ރަހުމަތްތެރިއެއްނޫން،" މޮރީނިއޯ ބުންޏެވެ.

މި މެޗަސް ދެ ޓީމު ނުކުންނައިރު ގަދަ ހަތަރަކަށް ވަނުމަށް މިއީ މޮޅުވާން ޖެހޭ މެޗެކެވެ. މެޗާ ބެހޭ ގޮތުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ މޮރީނިއޯ އަށް އިހްތިރާމް ކުރަންވާނެ ކަމަށާއި އެއީ އިހްތިރާމް ލިބިގެންވާ މީހެއް ކަމަށެވެ.