އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ 4-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވުމަކީ ކޯޗު ހޯސޭ މޮރީނިއޯގެ އެންމެ ބޮޑު ބަލިވުމެވެ. މިއާއެކު މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުންގެ ކިބައިން ވަރަށް ލަނދުން ހުރެ މޮރީނިއޯ މައާފަށް އެދިއްޖެ އެވެ.
"ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ސަޕޯޓަރުންގެ ކިބައިން އަހަރެން މައާފަށް އެދެން. ޗޭންޖިން ރޫމުގެ އެންމެ އިސް މީހެއްގެ ހައިސިއްޔަތުން މައާފަށް އެދެން. އަހަރެން ބުނަން ބޭނުންވަނީ އަހަންނަކީ 100 ޕަސެންޓް މެންޗެސްޓާ ޔުނައިޓެޑްގެ މީހެކޭ. 99 ޕަސެންޓް މެންޗެސްޓާ ޔުނައިޓެޑް އަދި އެއް ޕަސެންޓް ޗެލްސީގެ މީހެއް ނޫނޭ،" ޗެލްސީގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު މޮރީނިއޯ ބުންޏެވެ.
މި ނަތީޖާ އަކީ 2011 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަތުން 6-1 އިން ބަލިވި ފަހުން ޔުނައިޓެޑްގެ އެންމެ ބޮޑު ބަލިވުމެވެ. އަދި 2010 ވަނަ އަހަރު ރެއާލް މެޑްރިޑުގެ ކޯޗަކަށް ހުރެ ބާސެލޯނާ އަތުން 5-0 އިން ބަލިވި ފަހުން މޮރނިއޯގެ އެންމެ ބޮޑު ބަލިވުމެވެ. އަދި ޕްރެމިއާ ލީގުގައި އޭނާގެ އެންމެ ބޮޑު ބަލިވުންވެސްމެ އެވެ.
"އަހަރެން މިހުރީ ވަރަށް ދެރަވެފައ. އެކަމަކު ޖަވާބަކީ އެންމެ ޖަވާބެއް. މާދަމާ ފަރިތަކޮަށް އަނެއްކާ ވެސް މަސައްކަރް ކުރުން،" މޮރީނިއޯ ބުންޏެވެ.
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މެޗަށް ފަހު ވަރަށް ބޮޑަށް އުފާފާޅުކޮށް މެޗު ނިމެންދަނިކޮށް ސަޕޯޓަރުން އަޑުގަދަ ކުރުމަށް އިޝާރާތް ކުރުމުން މޮރީނިއޯ ވަނީ އެކަމާ ޝަކުވާކޮށްފަ އެވެ.
މެޗަށް ފަހު ކޮންޓޭއާ ސަލާމްކުރުމަށްފަހު މޮރީނިއޯ ބުނީ "4-0 އިން ބަލިވެފައި އޮއްވާ ކޮންޓޭ ސަޕޯޓަރުން ކައްކުވާލުމަކީ ޔުނައިޓެޑް ލަދުގަންނުވާލުން ކަމަށާއި 1-0 އިން މޮޅުވިނަމަ އެކަން ކުރަންވީ ކަމަށެވެ،"