ކުޅިވަރު

ޗެލްސީގެ ފުރުސަތު ފެނި މޮރީނިއޯ ކަންބޮޑުވެއްޖެ

އޮލިވާ ޖިރޫޑް ޓޮޓެންހަމް ހޮޓްސްޕާސް އާ ދެކޮޅަށް ލަނޑު ޖެހި މެޗުގައި، ޗެލްސީއަށް އޮތް ފުރުސަތުތައް، ޓޮޓެންހަމްއަށް ނެތުމުން، އެ ޓީމުގެ ކޯޗް ހޮޒޭ މޮރީނިއޯ ކަންބޮޑު ވެއްޖެ އެވެ.

ޓޮޓެންހަމްގެ ކޯޗުގެ ގޮތުގައި، އޭނާގެ ކުރީގެ ޓީމުގެ ދަނޑުގައި ކުޅުނު މެޗުން ޓޮޓެންހަމް ބަލިވީ 2-1 ންނެވެ. މޮރީނިއޯ އިޝާރާތް ކުރާ ފުރުސަތަކީ ކުޅުންތެރިންގެ ގޮތުން ޗެލްސީއަށް އޮތް ފުރުސަތުގެ މައްޗަށެވެ. އޭގެ އަނެއްކޮޅަށް ޓޮޓެންހަމްގައި އަނިޔާގެ ސަބަބުން ސްޓައިކަރެއް ނެތި ކުޅެން ޖެހުމުގެ ކަންބޮޑުވުމަށް މޮރީނިއޯ އިޝާރާތް ކުރެ އެވެ.

މި ސީޒަންގައި، އޮލިވާ ޖިރޫޑް ފެންނަނީ ޗެލްސީގެ ތިން ވަނަ ސްޓައިކަރެއްގެ ގޮތުގަ އެވެ. އެއީ ޓެމީ އަބްރަމްހަމް އާއި މީޝީ ބައްޝުއާއީގެ ފަހަތުންނެވެ.

ޗެލްސީގެ ފުރަތަމަ ލަނޑު ޖިރޫޑް ކާމިޔާބު ކުރީ މެޗުގެ 15 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު 45 ވަނަ ކާމިޔާބު ކުރީ މާކޯސް އޮލޮންސޯ އެވެ. ޓޯޓެންހަމްގެ ލަނޑަކީ ޗެލްސީގެ އެންޓޯނިއޯ ރޫޑިގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ، އެޓޭކިންގެ މުހިންމު ކުޅުންތެރިންނަށް އަނިޔާވެފައި ވުމުން ސީޒަންގެ ބާކީ އޮތް ތިން މުބާރާތުގައި ވާދަ ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހު އެ އުނދަގޫ އިތުރަށް ތަހަންމަލް ކުރަން ޖެހޭނެ ކަމަށް ކޯޗް ބުންޏެވެ.

"އޭގެ ބަދަލުގައި ބަލާ ޗެލްސީ އަށް، އެ މީހުން އެ ކުޅުނީ ދުނިޔޭގެ ޗެމްޕިއަން [ފްރާންސް] ގެ ސްޓައިކަރު [ޖިރޫޑް] ހިމަނައިގެން، ބެންޗުގައި އެބަހުރި ހެރީ ކޭންއަށް ފަހު އިންގްލެންޑްގެ ދެ ވަނަ ސްޓައިކަރު [އަބްރަހަމް] ދަނޑުގެ ސްޓޭންޑްގައި މެޗު ބަލަން އެބަހުރި ބެލްޖިއަމްގެ ގައުމީ ޓީމުގެ ސްޓައިކަރު [ބައްޝުއާއީ]،" މޮރީނިއޯ ވާހަކަ ދެއްކި އެވެ.

"ދަނޑުގައި ނެތް އަހަރެމެންގެ އެންމެ ސްޓައިކަރެއް ވެސް، ބެންޗުގައި ވެސް ނެތް، ސްޓޭންޑްގައި ވެސް ނެތް، ހޮސްޕިޓަލުގައި އެބަތިބި ދެ ސްޓައިކަރުން، މި ޓީމުގައި މިއޮތީ އާދަޔާ ހިލާފް ނެގެޓިވް ހާލަތެއް."

މޮރީނިއޯ ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި މޫސާ ސިސޯކޯވެސް އަނިޔާއިން ރަނގަޅުވެ ކުޅުމުގައި ބައިވެރިވާނެ ކަމަށެވެ. އޭނާ އަކީ ސްޓައިކަރެއް ނޫން ކަމަށާއި އެހެންނަމަވެސް އެޓޭކިންގައި ކޮންމެވެސް ކަހަލަ ހައްލުތަކެއް އޭނާއާ އެކު ހޯދޭނެ ކަމަށް މޮރީނިއޯ ބުންޏެވެ.