ޗެލްސީ އަށް އިނގިރޭސި ޕްރެމިއާ ލީގު ހޯދައިދިންތާ އެންމެ ހަތް މަސް ފަހުން އެކުލަބުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކުރީ ރޭ އިރާކޮޅު އެވެ. މި ސީޒަނުގައި މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެ އެންމެ 15 ޕޮއިންޓާއެކު ތާވަލުގެ 16 އަށް ވެއްޓުމުން ކޯޗު މަގާމުން ވަކިކުރީ ކުލަބުގެ ކުއްލި ބޯޑު ބައްދަލުވުމެއްގައި މަޝްވަރާކުރުމަށްފަހު އެވެ.
ޗެލްސީގެ 110 އަހަރުގެ ތާރީހުގައި މޮރީނިއޯ އަކީ ހިޓެކެވެ. 2004 އިން 2007 ވަނަ އަހަރާ ހަމައަށް ޗެލްސީގެ ކޯޗުކަންކޮށް އަލުން 2013 ވަނަ އަހަރު އެކުލަބާ ގުޅުމަށްފަހު އޭނާ ވަނީ ޕްރެމިއާ ލީގު ތިން ފަހަރު އަދި ކޮމިނިޓީ ޝީލްޑަކާއި އެފްއޭކަޕް އަދި ލީގު ކަޕް ތިން ފަހަރު ހޯދައިފަ އެވެ. މިއާއެކު ކުލަބުގެ އެނަމް ކާމިޔާބު ކޯޗަކީ ވެސް އޭނާ އެވެ.
ނަމަވެސް ކުލަބުގެ ވެރިޔާ ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮމޮވިޗް ދެ ވަނަ ފަހަރަށް އޭނާ މަގާމުން ވަކިކުރުމާއެކު މޮރީނިއޯ ދެން އަދާކުރާނެ ވަޒީފާއެއްގެ ޝައުގުވެރިކަން ނޫސްވެރިންގެ މެދުގައި ވަނީ ބޮޑުވެފަ އެވެ. އޭނާއަކީ މީޑިޔާއާ ގާތްގުޅުމެއް އޮންނަ މަޝްހޫރު "ސްޕެޝަލް ވަން" އެވެ.
މެންޗެސްޓާ ޔުނައިޓެޑް:
މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ ކާމިޔާބު ކޯޗު ސާ އެލެކްސް ފާގަސަން 27 އަހަރަށް ފަހު އެކުލަބުގެ ކޯޗުކަން ދޫކޮށްލީ 2012 ވަނަ އަހަރު އެވެ. ފާގަސަން އޭނާގެ މަގާމަށް ގެނައުމަށް އެންމެ ބޮޑަށް ބޭނުންވި ކޯޗަކީ މޮރީނިއޯ އެވެ. އެކަމަކު މި ހުވަފެން ހަގީގަތަކަށްނުވީ ދެ ވަނަ ފަހަރަށް ވެސް ޗެލްސީ އަށް ދިއުމަށް މޮރީނިއޯ ބޭނުންވުމުންނެވެ.
ނަމަވެސް ޔުނައިޓެޑުގެ މިހާރުގެ ކޯޗު ލުއިސް ވެންހާލް މިހާރު ހުރީ ހޫނުފެނުގަ އެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ފޭލްވިއިރު ލީގުގައި ވެސް ތަށި ހޯދޭނެކަން ޔަގީންނުވާތީވެ އަންނަ ސީޒަނުގައި ކޯޗުކަމުން ވެންހާލް ފެނިދާނެ ކަމާމެދު ވަނީ ސުވާލުއުފެދެން ފަށައިފަ އެވެ.
މޮރީނިއޯ އަކީ ޔުނައިޓެޑުގެ ސްޓައިލަށް ފެތޭ ކޯޗެކެވެ. އޭނާއަކީ ތަށި ނޫން އެއްޗެއް ގަބޫލުކުރާ ކޯޗެއްނޫނެވެ. ކޮންމެ ކުލަބެއްގައި ވެސް ކާމިޔާބު ހޯދަން އޭނާ ގަދައަޅައި މަސައްކަތްކޮށް ކާމިޔާބު ކުރެ އެވެ. މިހެންވެ ޔުނައިޓެޑުގެ ދޮރު މޮރީނިއޯ އަށް ހުޅުވޭނެކަމަށް ބެލެވެއެވެ. އަނެއްކޮޅުން މެންޗެސްޓާ ސިޓީއަށްވުރެ މޮރީނިއޯ ވެސް ގަޔާވަނީ ފާގަސަން ކުރިން އިން ގޮޑިއަށެވެ.
ރެއާލް މެޑްރިޑް:
ޗެލްސީ އަށް މޮރީނިއޯ ބަދަލުވީ ރެއާލް މެޑްރިޑަށް ތިން އަހަރު ކޯޗުކޮށްދީފަ އެވެ. އެކުލަބުން އޭނާ ވަކިވާން މެދުވެރިވި މައިގަނޑު ސަބަބަކީ އެއިރުގެ ކެޕްޓަން ސްޕޭނުގެ ގައުމީ ކީޕަރު އިކާ ކަސިޔާސްއާ ގުޅުން ގޯސްވުމެވެ. ނަމަވެސް މިހާރު ކަސިޔާސް ޓީމުގައި ނެތެވެ. އޭގެ ބަދަލުގައި ރެއާލް މެޑްރިޑް އޮތީ ފާޑަކަށް އާ ކޯޗަކަށް ބޭނުންވެފަ އެވެ. އެއީ މިހާރުގެ ކޯޗު ރަފާ ބެނީޓޭޒްއަކީ ސީނިއާ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިންގެ ރުހުން ލިބިފައިވާ ކޯޗެއްނޫނެވެ.
މިހެންވެ މެޑްރިޑުގައި އޭނާ ހޯދަންޖެހިފައިވާ ކާމިޔާބީތަކެއް ހުރި ކަމަށް މޮރީނިއޯ ގަބޫލު ކުރުމަކީ ވެސް ވެދާނެ ކަމެކެވެ. އޭނާ ބުނީ މެޑްރިޑުގެ ކޯޗުކަމަކީ އެކުލަބުގެ ހިތުގެ ހިނގުން ކަމަށާއި މިހެންވެ އެއްވެސް ކަމެއް ނުވާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.
ބަޔާން މިއުނިކް:
ހޯސޭ މޮރީނިއޯ އަކީ ބޮޑެތި ލީގުތަކުގައި ކާމިޔާބު ހޯދި ކޯޗެވެ. ޕޯޗުގަލްގެ ޕޯޓޯ އާއި އިނގިރޭސި ލީގުން ޗެލްސީ، އިޓާލިއަން ލީގުން އިންޓަމިލާން އަދި ސްޕެނިޝް ލީގުން ރެއާލް މެޑްރިޑުގައި ވެސް އޭނާ އަކީ ކާމިޔާބު ކޯޗެކެވެ. މި ލިސްޓުން މިހާރު މަދުވާ ބޮޑު ލީގަކަށް އޮތީ ޖަރުމަނު ލީގެވެ. އެ ލީގުގެ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ޓީމަކީ ބަޔާން މިއުނިކެވެ.
ނަމަވެސް ބަޔާންގެ ކޯޗުކަމުން ވަކިވެ ސްޕޭނުގެ ޕެޕް ގާޑިއޯލާ މި ސީޒަނަށް ފަހު އިނގިރޭސި ލީގަށް ބަދަލުވާނެ ކަމަށް ބެލެވޭތީވެ ދެން އެ މަގާމަށް އައުން ގާތް ކޯޗުންގެ ތެރޭގައި މޮރީނިއޯގެ ނަން މިހާރު ވަނީ ލިޔެވިފަ އެވެ. އަނެއްކޮޅުން އެހެން ލީގެއްގައި ކާމިޔާބު ހޯދައި ސީވީ ރަނގަޅު ކޮށްލުމަކީ ވެސް މޮރީނިއޯ ޓެސްޓްކޮށްފާނެ ކަމެކެވެ. މިހެންވެ އޭނާ އަށް އެ މަގާމަކީ ޗޮއިސްއެކެވެ.
އިނގިރޭސި ގައުމީ ކޯޗުކަން:
ކޯޗިން ކެރިއަރުގެ ފަހުކޮޅު ގައުމީ ޓީމަކަށް ކޯޗުކޮށްދޭން މޮރީނިއޯ ބޭނުންވެ އެވެ. މިކަމަށް އޮތް އެންމެ ގާތް ޓީމަކީ އިނގިރޭސި ގައުމީ ޓީމެވެ. 2007 ވަނަ އަހަރު އޭނާ އަށް އެ މަގާމު ހުށަހެޅި އެވެ. ނަމަވެސް މޮރީނިއޯ ގަބޫލުނުކުރީ އެވެ.
މިހާރުގެ ގައުމީ ކޯޗު ރޯއި ހޮޖްސަން އަށް އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ނަތިޖާއެއް ނުނެރެވިއްޖެނަމަ އާ ކޯޗަކަށް އިނގިރޭސިން ވިސްނަން ފެށުން ގާތެވެ. އަމުދުން މޮރީނިއޯ ކަހަލަ މޮޅު ކޯޗަކު ހުސްކޮށް ހުރެފިނަމަ އެވެ. މިހެންވެ މިއީ ވެސް މޮރީނިއޯ ފެނުން ގާތް މަގާމެކެވެ.