މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި 17 ގައިދީއަކީ ހައިރިސްކް މީހުންނަށް ވާތީވެ ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ޔުސްރީން އަހްމަދު ވިދާޅުވީ ޖަލުގައިވެސް ކޮވިޑް ބަލި އުޅޭތީވެ ގައިދީންގެ ތެރޭގައި ތިބި ހައިރިސްކް މީހުން ދެނެގަތުމަށް ރިސްކް އެސެސްމަންޓެއް ހަދާފައިވާ ކަމަށެވެ.
އެސެސްމަންޓްގެ ނަތީޖާއަށް ބަލާއިރު ހައިރިސްކް ގައިދީންގެ ގޮތުގައި 40 މީހަކު ފާހަގަކުރެވިގެން އެ މީހުން ގެއަށް ބަދަލުކުރަން އެދުމުން މިހާތަނަށް އާއިލާ އިން ހަވާލުވެގެން ގެއަށް ބަދަލުކުރެވުނީ 17 ގައިދީން ކަމަށް ޔުސްރީން މައުލޫމާތު ދެއްވާފައިވެ އެވެ.
ޔުސްރީން ވިދާޅުވީ ބާކީ ތިބި 23 ގައިދީން ވެސް އާއިލާތަކާ ވަގުތީ ގޮތުން ހަވާލުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.
"ބާކީ ތިބި މީހުން ހަވާލުނުކުރެވި މިވަނީ އާއިލާ މީހުންގެ ގޮތުގައި ލިބިފައި ހުރި ނަންބަރުތަކަށް ނުގުޅޭތީއާއި ގުޅުނަސް ބައެއް ނަންބަރުތަކުން ފޯން ނުނަގާތީވެ. އަދި ބައެއް އާއިލާ ތަކުން ހަވާލުނުވެ ވެސް އެބަހުރި. މީގެއިތުރުން ގޭތެރޭގައި އިންތިޒާމުތަކެއް ހަމަޖެއްސުމަށްފަހު ހަވާލުވާން ފަހުން ގުޅާނެ ކަމަށް ބުނެފައި އަދި ހަބަރެއް ނުވާ އާއިލާތައް ވެސް އެބަހުރި،" ހައިރިސްކް ބައެއް ގައިދީން އަދިވެސް ޖަލުގައި ތިބި ސަބަބުތައް ހާމަކުރައްވަމުން ވިދާޅުވި އެވެ.
ޔުސްރީން އިތުރަށް ވިދާޅުވީ ހައިރިސްކް ގައިދީންގެ ތެރެއިން ޖަލުގައި މިވަގުތު ތިބި ގައިދީންނަށް ކުރިއަށް ވުރެ ބޮޑަށް ސަމާލުކަން ދީގެން އެމީހުންގެ ކަންކަން ބަލަމުންދާނެ ކަމަށެވެ.
ކަރެކްޝަންސް އިން ބަލަހައްޓާ ޖަލުތަކުގެ ތެރެއިން މިވަގުތު ކޮވިޑް ފެތުރިފައިވަނީ ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގަ އެވެ. އިއްޔެގެ ނިޔަލަށް އެ ޖަލުގައި 94 ގައިދީ އަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. މީގެއިތުރުން މާލެ ޖަލުގައި 12 ގައިދީއަކު އަދި ހުޅުމާލޭގައި ހިންގާ ޑިޓެންޝަން ސެންޓަރުގައި ދެ ބިދޭސީއަކު ކޮވިޑަށް ފަރުވާ ހޯދަމުންދެ އެވެ.
ހުޅުމާލެ ޖަލާއި މާފުށި ޖަލުގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެއްވެސް ގައިދީ އަކު ނެތް ކަމަށާއި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ވެސް މިވަގުތު އެއްވެސް ގައިދީ އަކު ފަރުވާ ހޯދަމުން ނުދާ ކަމަށްވެސް ކަރެކްޝަނުން މައުލޫމާތު ދީފައިވެ އެވެ.
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން 55 ޕަސަންޓް ގައިދީން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖަހަން ޖެހޭ މުއްދަތުގައި މާފުށި ޖަލުގެ ހާލަތު ރަނގަޅު ނަމަ ދެވަނަ ޑޯޒް ޖަހަން ފަށާނެ އެވެ.