މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލުގައި ރައްކާތެރި ފިޔަވަޅުތައް ވަނީ އަޅާފައި: ކަރެކްޝަން

ކޮވިޑް-19 ގެ ކޭސްތަކާއި ގުޅިގެން މާފުށީ ޖަލާއި ހިންމަފުށީ ޖަލުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

އެމްސީއެސްއިން މިހެން ބުނެފައިވަނީ މާފުށީ ޖަލުގެ މުވައްޒަފުން ތަކަކާއި އޮފިސަރުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމުގެ އަޑުތައް ފެތުރެމުން ދާތީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސިއްހީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނުމާއި ގުޅިގެންނެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު ވިދާޅުވީ ދެ ޖަލުން ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން އެކަން އެ އިދާރާއިން ހާމަކޮށްފައިވާނެ ކަމަށެވެ. އަދި އެ ވަގުތުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ދޭ ޔަގީން ކަމަކީ މިހާރުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން. އަދި ހާލަތާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އިތުރަށްވެސް އަޅަމުންދާނެ ކަން،" މީޑިއާ އޮފިސަތު ވިދާޅުވިއެވެ.

ޕީޕީއެމާއި ޕީއެންސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މައި ޖަލުގައި ކޮވިޑް ފެތުރެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށާ އެކަމުގެ ސާފު މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮވާލާ ކަމަށެވެ.

ޕޮޒިޓިވް މީހުންގެ ތެރޭގައި ރައީސް ޔާމީންގެ ކަންކަން ބަލަހައްޓަވާ ޖަލު އޮފިސަރަކު ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

"... ރޯދަ މަހެއްގެ ފުރަތަމަ 10 ދުވަސް ނިމި ދެވަނަ 10 އަށް އެޅިފައި ވަނިކޮށް މާފުށީ ޖަލުން ކޮވިޑް-19 ފެނި، ރައީސް އަބްދުﷲ ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމުގައި މި ކޯލިޝަނުން ގަބޫލު ކުރަމެވެ. އަދި މިއީ ސިޔާސީ ނުފޫޒުން ކުރެވިފައިވާ ހައްގު ނޫން ހުކުމެއް ޖަލުގެ ތޭރިތަކުގައި އެމަނިކުފާނަށް އަނިޔާ ދެމުން ގެންދާ ދެ ވަނަ ރޯދަ މަސް. ވީމާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސިއްހީ ގޮތުން ލިބިގެން ހިނގައިދާނެ ނުރައްކަލަކުން ސަލަމާތް ކުރުމަށް ނަމަވެސް އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސް ދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ." އިދިކޮޅު ކޯލިޝަންގެ ނޫސްބަޔާނުގައި ވެއެވެ.