ހިންމަފުށީ

އައްސޭރި ޖަލުގައި ވަނީ ޑުރަގް އާންމުވެފައި: ރިޕޯޓް

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި މަސްތުވާތަކެއްޗާއި މަސްތުވާން ބޭނުންކުރާ ބޭސްތައް ގެންގުޅުން އާންމު ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

އައްސޭރި ޖަލުގައި ތިބި ގައިދީން އެމީހުންގެ ކަންބޮޑުވުންތައް ބަޔާންކޮށް މަޖިލީހަށް ފޮނުވާފައިވާ ޕެޓިޝަނަކާ ގުޅިގެން އެ މައްސަލަ ދިރާސާކޮށް ޕެޓިޝަން ކޮމިޓީން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އެ ޖަލުގައި މަސްތުވާތަކެތި އާންމުވެފައިވާ ކަމަށެވެ. އަދި ގައިދީން ޓެސްޓް ކުރާއިރު ކޮންމެވެސް ބާވަތެއްގެ މަސްތުވާތަކެއްޗަށް ގައިދީން ޕޮޒިޓިވް ވަމުންދާ ކަމަށެވެ.

އައްސޭރި ޖަލުގައި އާންމުކޮށް ތިބެނީ ކުދި ކުށްތަކާއި މެދުފަންތީގެ ކުށްކުށުގެ މީހުނެވެ. އޭގެ އިތުރުން ބޮޑެތި ކުށްތަކުގެ ކުޑަކުދިން ވެސް އެ ޖަލުގައި ތިބެ އެވެ.

ޖަލުގައި މަސްތުވާތަކެތި އާންމު ވެފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވާއިރު މީގެ ކުރިން އެތައް ފަހަރަކު އެ ޖަލަަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އަތުލައިގެންފައި ވެސް ވެ އެވެ.

ޖަލުގައި އެކަށީގެންވާ ގޮތަކަށް ރިހިބިލިޓޭޝަން ޕްރޮގްރާމް ވެސް ނުހިންގާ ކަމަށާއި އަދި ޖަލުގައި ބޭސް ސިޓީއެއް ނެތި ގައިދީންނަށް ބޭސްތައް ދެމުންދާކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. މި މައްސަލަތައް ތަކުރާރު ނުވާ ގޮތަކަށް ކަރެކްޝަނުން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށް ވެސް ޕެޓިޝަން ކޮމިޓީގެ ރިޕޯޓްގައި ވެއެވެ.