ހަށިގަނޑުގައި ފޮރުވައިގެނާއި އެތެރެހައްޓަށް ދިރުވާލައިގެން ވެސް ޖަލަށް މަސްތުވާތަކެތި ވައްދާ ކަމަށާއި އެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެކަންކަން ބަލައި ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަނުން ބުނެފި އެވެ.
ކަރެކްޝަނުން މިހެން ބުނި އިރު ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި މަސްތުވާތަކެއްޗާއި މަސްތު ވާން ބޭނުންކުރާ ބޭސް ގެންގުޅުން އާންމު ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.
ލުއި ޖަލުގައި ތިބި ގައިދީންތަކެއް އެމީހުންގެ ކަންބޮޑުވުންތައް ބަޔާންކޮށް މަޖިލީހަށް ފޮނުވާފައިވާ ޕެޓިޝަނަކާ ގުޅިގެން އެ މައްސަލަ ދިރާސާކޮށް ޕެޓިޝަން ކޮމިޓީން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އެ ޖަލުގެ ތެރޭގައި މަސްތުވާތަކެތި އާންމުވެފައިވާ ކަމަށެވެ. އަދި ގައިދީން ޓެސްޓް ކުރާއިރު ކޮންމެ ވެސް ބާވަތެއްގެ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާ ކަމަށެވެ.
އެކަމާ ގުޅިގެން އަވަސް އިން ކަރެކްޝަނާ ސުވާލު ކުރުމުން ބުނީ ޖަލުތަކަށް މަނާ ތަކެތި އެކި ގޮތްގޮތަށް ވައްދާ ކަމަށާއި އެ މައްސަލަ ހައްލު ކުރަން މިހާރު މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި ބުނީ ޖަލުތަކަށް މަސްތުވާތަކެތި، ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެނާއި އެތެރެހައްޓަށް ދިރުވާލައިގެން ވެސް ވައްދާ ކަމަށެވެ. އަދި ގައިދީންނާ ބައްދަލު ކުރަން ޖަލުތަކަށްދާ މީހުނާއި އެމީހުންނަށް ފޮނުވާ އެއްޗެހީގެ ތެރޭގައި ވެސް މަސްތުވާތަކެތި ފޮނުވައިގެން ވައްދާ ކަމަށެވެ.
އެގޮތުން ޖީންސު ފަދަ އަންނައުނާއި ވެއިސްޓް ބޭންޑް ފަދަ ތަކެތީގެ ތެރެއަށް ލުމަށް ފަހު ވެސް ވައްދާ ކަމަށެވެ.
ކަރެކްޝަނުން ބުނީ ކޮންމެ މަހަކު ވެސް ޖަލުތައް ރެއިޑް ކުރާ ކަމަށާއި ރެއިޑްގައި ފެންނަ ތަކެތި އާންމު ވެސް ކުރާ ކަމަށެވެ.
އައްސޭރި ޖަލުގައި އާންމުކޮށް ތިބެނީ ކުދި ކުށްތަކާއި މެދުފަންތީގެ ކުށްކުށުގެ މީހުނެވެ. އޭގެ އިތުރުން ބޮޑެތި ކުށްތަކުގެ ކުޑަކުދިން ވެސް އެ ޖަލުގައި ތިބެ އެވެ.