ޓެރަރިޒަމަށް ވާގިވެރިވާ ކަމަަށް ތުހުމަތުކޮށް އައްޑު އަތޮޅުން ހައްޔަރު ކުރި މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ދޫކޮށްލައިފި އެވެ.
ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތުގައި އައްޑު އަތޮޅުން މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެކަކު މީގެ ކުރިންވެސް ވަނީ ދޫކޮށްލާފައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުުވީ ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށް ބަންދުގައި ތިބި 8 މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ މީހުން ކޯޓުންް ދޫކޮށްލާފައިވާ ކަމަށެވެ.
އެ މީހުން ދޫކޮށްލި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.
އެހެން ކަމުން ފުލުހުންގެ ބަންދުގައި މިވަގުުތު ތިބީ ތިން މީހެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ އަށް ފަހު މުޅި ރާއްޖޭގެ ސެކިއުރިޓީ ލެވަލް އެންމެ މައްޗަށް ވަނީ ޖައްސާފަ އެވެ. އަދި ސިފައިން ދަނީ މުޅި ރާއްޖޭގައި ހަތިޔާރާއެކު ވެސް ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަން ވަނީ ވަރުގަދަކޮށްފައެވެ.