މޯލްޑިވްސް ޕޮލިސް ސާވިސް

އަމީން ހައްޔަރު ކޮށްފި

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ތުހުމަތު ކުރާ މުހައްމަދު އަމީން ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަމީން ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ފުލުހުން އިއްޔެ އަމީން ހައްޔަރު ކޮށްފައި ވާއިރު އޭނާ 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގަ އެވެ. އޭރު ވެސް އޭނާ ހުރީ ގޭ ބަންދުގައި މޮނިކޮމް ޓެގް އަޅުވާފަ އެވެ.

އަމީން ހައްޔަރު ކޮށްފައި ވަނީ 2019 ވަނަ އަހަރުގައި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގަ އެވެ. އަދި އޭނާގެ މައްޗަށް ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ކުށުގެ ދައުވެސް އުފުލާފައި ވެއެވެ. ނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އަމީންގެ މައްޗަށް ކުރި ދައުވާތައް ބާތިލުކޮށް އޭނާ މިނިވަން ކުރަން ހައިކޯޓުން ހުކުމްކުރި އެވެ.

އެ ހުކުމް ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެެވެ. އަދި އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާގެ ޝަރީއަތް ހައިކޯޓުން ބާތިލު ކުރި އިރު އޮތް ހިސާބުން އަލުން ކުރިމިނަލް ކޯޓުގައި ފެށުމަށް ވެސް ހުކުމް ކޮށްފައި ވެއެވެ

އަމީން އަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަަލައިގަ ވެސް ތުހުމަތު ކުރެވުނު މީހެކެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން ވަނީ އަމީނަކީ ޓެރަރިސްޓެއް ގޮތުގައި ކަނޑައަޅާފަ އެވެ.