ހަބަރު

ހަނގުރާމައަށް ދިޔަ ކަމުގެ ދައުވާކުރި އިތުރު މީހަކު ސަލާމަތްވެއްޖެ

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވާން ދިޔަ ކަމުގެ ދައުވާ އުފުލި އިތުރު މީހަކު ކުށުން ސަލާމަތްވެއްޖެ އެވެ.

މިއަދު ކުރިމިނަލް ކޯޓުން ވަނީ ރ. ކަނދޮޅުދޫ ކަށިމާގޭ، އަލީ ޝަފީގްގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލްކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ ތުރުކީ މަގުން ސީރިއާއަށް ގޮސް ހަނގުރާމާގައި ބައިވެރިވާން އުޅުނު ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތް ނިންމުމަށް މިއަދު ބޭއްވީ އަޑުއެހުމުގައި ނިންމީ ދައުވާ ބާތިލްކުރުމަށެވެ. އެއީ ހަނގުރާމާގައި ބައިވެރިވާން އޭނާ ސިރިއާއަށް ދާން އުޅުނު ކަމުގެ އެއްވެސް ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާތީ އެވެ.

ދައުވާ ބާތިލްކުރުމަށްފަހު އަލީ ޝަފީގް ބަންދުން ދޫކޮށްލުމަށް ވެސް މިއަދު ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެހެން ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމާތަކުގައި ބައިވެރިވުމަށް ދިވެހިން ދާ މައްސަލަ ބޮޑުވެފައިވާއިރު އެފަދަ ގިނަ މައްސަލަތަކެއްގައި ދައުވާ ވެސް އުފުލި އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މައްސަލައެއްގައި ކުށް ސާބިތެއް ނުވެ އެވެ.

އެގޮތުން ކުރި ފުރަތަމަ ދައުވާއަކީ 15 ފެބުރުއަރީ 2016 ވަނަ ދުވަހު ރާއްޖެއިން ފުރައިގެން ތުރުކީއަށް ދިޔަ ތިން މީހެއްގެ މައްޗަށް ކުރި ދައުވާ އެވެ. އެ ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2017 ވަނަ އަހަރު އެވެ. އެ މައްސަލާގައި ވެސް ކުށް ސާބިތުނުވީ އެކަށީގެންވާ ހެކި ނެތިގެންނެވެ.

އޭގެއިތުރުން ޕާކިސްތާނުގައި ހަނގުރާމެރި ޖަމާއަތާ ގުޅިގެން އެ ގައުމުގައި ހަނގުރާމަ ކުރަމުން ދިޔަ ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލި މީހާގެ ދައުވާ ވެސް ބާތިލްކޮށް ކުރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލި އެވެ. އެ މައްސަލަ ވެސް ބޭރުކޮށްލީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ އަޑުއެހުމުގަ އެވެ.

ހަނގުރާމައާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް މިހާރު ވެސް ކުރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.