މިހާރު ހަމަޖައްސާފައިވާ ތާރީހުގައި އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދަން ނިންމާފައި ވަނީ ޖޫން މަހުގެ 13 އިން 17 އަށެވެ. ނަމަވެސް މިއީ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މާލެ ސަރަހައްދުގެ ސުކޫލުތައް ބަންދުކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފައިވާ ވަގުތެކެވެ.
އެޗްއެސްސީ އިމްތިހާނުގައި ދަރިވަރުން އިށީންނަން ޖެހެނީ ސުކޫލަށް ހާޒިރުވެ ކިޔަވާ ރިވިޝަނަށްވެސް ފުރުސަތު ނުލިބި ކަމުން އިމްތިހާނު ފަސްކުރުމަށް ބައެއް ބެލެނިވެރިން ދަނީ ގޮވާލަމުންނެވެ. އަދި މިއީ ރާއްޖެއަށް ބަދަލުކުރުމުގެ ފުރުސަތު އޮތް އިމްތިހާނަކަށް ވާތީ އާއި އޮކްޓޫބަރު މަހު އޭލެވެލް އިމްތިހާނު އޮތުމުން އެ އިމްތިހާނާއެކު އެޗްއެސްސީ އިމްތިހާނު ކުރިއަށް ގެންދަން ބައެއް ބެލެނިވެރިން ދަނީ އެދެމުންނެވެ.
އެކަމާއި ގުޅިގެން އެޗްއީއޯސީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. މިހާރު ކަނޑައަޅާފައިވާ ތާރީހުގައި އިމްތިހާނު ކުރިއަށް ގެންދިއުމަކީ ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް އެންމެ ރަނގަޅު ގޮތް ކަމަށާ އަދި އެއީ އޮކްޓޫބަރުގެ އިމްތިހާނަށް ދަރިވަރުންނަށް ލިބޭ ލުޔަކަށްވެސް ވާނެ ކަމަށެވެ.
"އެހެންވީމަ މިހާރު ކަނޑައަޅާފައި ތާރީހުގައި އެ އިމްތިހާނު އަޅުގަނޑުމެން ކުރިއަށް ގެންދާ ގޮތަށް ވަނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އިމްތިހާނު ހަދާ މަރުކަޒު ބަދަލުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށެވެ.