މާލޭ ސިޓީ ކައުންސިލް

ބޮޑުގޭ ފާރުގައި ކުރަހަން ބީލަން ހުޅުވާލައިފި

މާލޭ ސިޓީ ކައުންސިލުގެ ފަރާތުން މާފަންނު ބޮޑުގޭގައި ހެދި ޕާކިން ޒޯންގެ ފާރުގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި އިސްލާމީ ޝިއާރުތައް ހިމެނޭ ގޮތަށް އެތަނުގެ ފާރުގައި ކުރެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށް ބީލަމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ބޮޑުގޭގައި ހުސްކޮށް އޮތް ބިމުގައި ހަދާ ޕާކިން ޒޯންގެ އަރިމަތީ ފަރާތުގައި ރާއްޖޭގެ ރީތިކަން ދައްކައިދޭ ފަދަ އިސްލާމީ ވަންތަަކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިލޭ ސާބަހަށް ކުރައިދޭނެ މީހަކު ހުރި ނަމަ އެކަން މެސެޖަކުން އަންގައިދިނުމަށް އެދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ޓްވީޓެއް ކުރައްވާފައެވެ. މުއިއްޒު އެގޮތަށް ޓްވީޓް ކުރެއްވުމާ ގުޅިގެން ރާއްޖޭގެ ބައެއް އާޓިސްޓުން ވަނީ ކަންބޮޑުުވުން ފާޅުކޮށްފަ އެވެ. އެމީހުންގެ މައިގަނޑު ޝަކުވާ އަކީ ކޮވިޑާއި ގުޅިގެން އާޓިސްޓުންގެ އާމްދަނީ އަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ވަގުތެއްގައި ބޮޑު މަސައްކަތެއް ހިލޭކޮށްދިނުމަށް މޭޔަރު އެދިވަޑައިގަތުމެވެ.

ބީލަމަށް ހުޅުވާލީ އެ ސަބަބާއި ގުޅިގެންނެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް މެއިލް ފޮނުވުމުން ބީލަމުގައި ރެޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރެވޭނެ ކަމަށާ ބީލަމުގައި ރަޖިސްޓްރީވި ކަމަށް ޔަގީން ކުރަންވާނީ ރަޖިސްޓްރީ ނަމްބަރު ލިބުމުން ކަމަށެވެ.

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ ޖޫން ހަތެއްވާ ހޯމަ ދުވަހުގެ ދޭއް ޖަހާއިރު އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ކަމަށާ މި މަސައްކަތާއި ގުޅިގެން ޕްރީ-ބިޑް ބައްދަލުވުން ނޯންނާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ ޖޫން 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނުމަގު މާލޭ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައި ތައިސޭކޮށި ގައެވެ. ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ މީހުންނަށް އެކަންޏެވެ.