ދުނިޔެ

ފިލިޕީންސް އެމްބެސެޑަރާ އިޒްރޭލުން ސުވާލުކޮށްފި

އިޒްރޭލުގެ އަސްކަރިއްޔާއިން ގާޒާއަށް ދިން އަނިޔާވެރި ހަމަލާތައް ތަހުގީގު ކުރަން ކޮމެޓީއެއް އެކުލަވާލަން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ނެގި ވޯޓުގައި ފެންނަ ކަމަށް ފިލިޕީންސްއިން ވޯޓުދިން ސަބަބު އޮޅުންފިލުވަން އިޒްރޭލު ބޭނުން ވެއްޖެ އެވެ. އިޒްރޭލުގައި ހުންނަވާ ފިލިޕީންސްގެ ސަފީރު އިޒްރޭލުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ފިލިޕީންސްގެ ސިޔާސަތާ ބެހޭ ގޮތުން ވަނީ ސުވާލު ކޮށްފަ އެވެ.

އިޒްރޭލުން ގާޒާގެ އާންމުންނަށް 11 ދުވަސް ވަންދެން ދިން އުދުވާނީ ހަމަލާތަކުގައި ވަކި އާއިލާތަކެއް މުޅިން ނައްތާލަން ގަސްދު އޮތް ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ނިންމައި އިޒްރޭލަށް ދެވެން އޮތް އަދަބަކީ ކޮބައިތޯ ބަލަން ކޮމެޓީއެއް އެކުލަވާލަން ފެންނަ ކަމަށް 24 ގައުމަކުން ވޯޓުދިނެވެ. ނުފެންނަ ކަމަށް ނުވަ ގައުމަކުން ވޯޓު ދިންއިރު ވަކިކޮޅަކަށް ވޯޓްދޭން 14 ގައުމަކުން ބޭނުމެއް ނުވި އެވެ.

ފިލިޕީންސްގެ އެމްބެސެޑަރު މެކާރޮގް އަލްބާޓޯ އިޒްރޭލުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ދެއްކެވި ވާހަކަތައް ހުލާސާކޮށް ބަޔާނަކުން ވަނީ އާންމު ކޮށްފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ އިޒްރޭލުގެ ކަންބޮޑުވުން ސަފީރަށް އޮޅުންފިލުވައި ދެއްވާފައި ވާނެ ކަމަށެވެ.

އިޒްރޭލުން ބުނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަކީ ސީދާ އިޒްރޭލާ ޖައްސާލައިގެން އުޅޭ ބައެއް ކަމަށާއި ހަމާސްއިން އިޒްރޭލަށް ދީފައިހުރި ގެއްލުންތަކާ ބެހޭ ގޮތުން އެމީހުން އެކައްޗެކޭ ވެސް ނުކިޔާނެ ކަމަށެވެ.

އިޒްރޭލުން ގާޒާއަށް މިފަހަރު ހަމަލާދީފައި ވަނީ ދުރާލާ ވިސްނައި މޮޅަށް ރާވައިގެނެވެ. އެއީ ގާޒާއަށް މަދަނީ ގޮތުން އަދި އުމްރާނީ ގޮތުން އެންމެ ބޮޑަށް ގެއްލުން ދެވޭނެ ގޮތްތައް ބަލައިގެންނެވެ. އަދި ވަކިވަކި އާއިލާތައް ނައްތާލައި އިޒްރޭލާ ދެކޮޅަށް ވާހަކަ ދައްކާ ޖަމާއަތްތައް މުޅިން ފޮހެލަށް ވެސް އޮތީ ނިޔަތް ގަނެފަ އެވެ.

އިޒްރޭލުން ގާޒާއަށް ދިން މިސައިލް ހަމަލާތަކުުގައި 232 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 65 ކުދިން އަދި 39 އަންހެނުން ހިމެނެ އެވެ. އެކިވަރުގެ އަނިޔާ 1،700 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް ފަލަސްތީންގެ އިދާރާތަކުން ބުނެ އެވެ.