ދުނިޔެ

އީރާންގެ އިންތިހާބު: ރަތްރޮނގަށް ވިސްނަން އަންގައިފި

އީރާންގެ ރައީސް ކަމުގައި މިހާރު ހުންނެވި ހަސަން ރޫހާނީއަށް ފަހު އެ މަގާމް ހަވާލު ކުރަން އީރާންގެ ރައްޔިތުން އެދޭ މީހަކު ހޮވުން ޖޫން 18 ގައި އޮންނާނެ އެވެ. ރައީސް ކަމަށް ވާދަ ކުރަން ފުރުސަތު ހުޅުވާލާފައި އޮތްއިރު ކެނޑިޑޭޓުންނަށް ޖުޑިޝަރީގެ ވަރުގަދަ އަމުރެއް ވެސް އެބަ އޮތެވެ.

އީރާންގެ އެޓާނީ ޖެނެރަލް އަލީ އަލްގާސީ މެހުރު ކެނޑިޑޭޓުންނަށް ވިދާޅުވީ އިރާނަކީ މިނިވަން މުސްތަގިއްލު ދައުލެއް ކަމަށާއި ނިޒާމްތައް ކަނޑައަޅާފައި އޮންނަނީ ރަތް ރޮނގަކުން ކަމަށެވެ. ކެނޑިޑޭޓުން ކެމްޕޭން ކުރެއްވުމުގައި ހިޔާލު ފާޅު ކުރައްވައި ވާހަކަ ވިދާޅުވާން ވާނީ ހުދޫދުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް ވިދާޅުވީ އީރާންގެ ވެރިން އަދި ޖުޑިޝަރީއާ ގުޅުވައި ދެކެވޭ ކޮންމެ ކޮންމެ ވާހަކަތަކަކަށް ހުއްދަ ނުދެއްވާނެ ކަމަށާއި އެނޫން ގޮތެއްގައި ދެއްވާނީ އަދަބު ކަމަށެވެ. އޭނާ އަދި ވިދާޅުވީ އީރާންގައި ހުރިހާ ކަމަކަށް ވެސް އިމެއް އޮންނަ ކަމަށާއި ނިޒާމް ބަދަލު ކުރަން ގޮވާލުމަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުން އޮތް ނުކުތާއެއް ނޫން ކަމަށެވެ.

އީރާންގައި ރިޔާސީ އިންތިހާބަށް ކުރިމަތިލެވެނީ މަޝްވަރާ ކައުންސިލުން ފުރޭނިގެން ސަލާމަތް ވެވޭ ބޭފުޅުންނަށެވެ. ރައީސް ކަމަށް ޝައުގުވެރިވެ ވަޑައިގެން ކުރިމަތިލެއްވި ނަމަވެސް ޝަރުތުތައް ކަޑައްތު ކުރެވެނީ މަދު ކެނޑިޑޭޓަކަށެވެ. މަޝްވަރާ ކައުންސިލުން ރުހުން ދިނުމަށް ފަހު ވެސް ކެނޑިޑޭޓަކު އުނި ކުރަން ޖެހިދާ ހާލަތެއް އޮވެ އެވެ.

އެޓާނީ ޖެނެރަލްގެ ފަރާތުން ކެނޑިޑޭޓުންނަށް އިންޒާރީ ނޯޓިސް ދީފައި އެވަނީ ބެލެވޭ ގޮތުގައި މިފަހރު ވާދަކުރައްވާ ކެނޑިޑޭޓުންގެ ވަނަވަރު ހުރި ގޮތުންނެވެ. ރައީސްކަމަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރޭގައި ޝަރުއީ ދާއިރާއާ ގުޅުންހުރި އަދި އިރާންގެ މުހިންމު މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ހިމެނެ އެވެ.