ކޮވިޑް-19 އަށް ޓެސްޓް ކުރަން ބޭނުންވާ 1000 ޓެސްޓް ކިޓާއި ސިއްހީ ބައެއް ސާމާނު އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ހަދިޔާ ކޮށްފި އެވެ.
ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރާ އައްޑޫގެ ބަޔަކު އިސް ނަގައިގެން ހަދިޔާކުރި އެ ތަކެއްޗާއި އޭއީއެޗްގެ ފަރާތުން ހަވާލުވީ ހޮސްޕިޓަލްގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު އެވެ. އޭއީއެޗުން ބުނީ ޓެސްޓް ކިޓްތަކެއް ލިބިފައި ވަނީ އެތަކެތި ބޭނުން ވެދާނެ ކަމަށް ބެލެވޭ ވަގުތެއްގައި ކަމަށެވެ.
އައްޑޫ ސިޓީގެ ކޮވިޑް-19 އިގެ ހާލަތަށް ބަލާއިރު އިއްޔެގެ ނިޔަލަށް އައްޑޫގައި ބަލި ޖެހިގެން ފަރުވާ ހޯދަމުން ދަނީ 174 މީހުންނެވެ. އެކަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.
އައްޑޫގައި ކޮވިޑްގެ ކޭސްތައް އެންމެ ގިނައީ ވެރިރަށް ހިތަދޫގަ އެވެ. އެރަށުގައި 121 މީހަކު ގެންދަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އައްޑޫގައި މިހާތަނަށް ޖުމްލަ 277 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު 101 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
އައްޑު އަތޮޅުގައި ވެސް ވަނީ ކޮވިޑް 19 އިން ރައްކާތެރި ވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00 އަކަށް ކާފިއު ހިންގުމާއި ހާއްސަ ހުއްދައެއް ނަގައިގެން ނޫން ގޮތަކަށް އެއް އަވަށުން އަނެއް އަވަށަށް ދިއުން މަނަލެވެ.