ފިނޭންސް މިނިސްޓްރީ

އުފެއްދުންތެރި ނޫން ލޯނުތައް ދެ ޕަސެންޓް ދަށަށް

މި އަހަރުގެ ފުރަތަމަ ކްއާޓަރު ނިމުނުއިރު، ރާއްޖޭގެ ބޭންކްތަކުގައި ހުރި އުފެއްދުންތެރި ނޫން ލޯނުގެ އަދަދު ދެ ޕަސެންޓް ދަށް ވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މި އަހަރުގެ ފުރަތަމަ ކްއާޓަރުގެ ކްއާޓަލީ ބްލެޓިންގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ނޮން ޕާފޯމިން ލޯން (އެންޕީއެލްއެސް) ގެ އަދަދު ވަނީ މިދިޔަ އަހަރުގެ ފަހު ކްއާޓަރާ އަޅާ ބަލާއިރު ދެ ޕަސެންޓް ނުވަތަ 40 މިލިއަން ރުފިޔާ ދަށްވުމެއް އައިސްފަ އެވެ. އަދި އަހަރުން އަހަރަށް ބަލާނަމަ މި އަދަދު އުޅެނީ ފަސް ޕަސެންޓު ދަށުގަ އެވެ.

އުފެއްދުންތެރި ނޫން ލޯނަކީ ދައްކަން ކަނޑައަޅާ މުއްދަތު ފަހަނަޅައި ދާއިރު ނުދައްކާ ނުވަތަ ދެއްކުން ލަސްވެފައި ހުންނަ ލޯނު ތަކެވެ. އުފެއްދުންތެރި ނޫން ލޯނުތަކުގެ އަދަދު ދަށްވިއިރު ކޮވިޑް-19 ގެ ސަބަބުން ފަސްކޮށް ދީފައިވާ ލޯނުތައް ވަނީ ދަށްކަން ފަަށަން ދިން މުއްދަތު ހަމަވުމާއެކު ބޭންކް ތަކަށް ލޯނުތައް ދަށްކަން ވަނީ ފަށާފަ އެވެ.

ބޭންކިން ސެކްޓާގެ މި ރިޕޯޓް ދައްކާ ގޮތުގައި ގޮންޖެހުން ބޮޑު ނަމަވެސް މިވަގުތު ވެސް ރާއްޖޭގެ ބޭންކްތަކުގެ ވިޔަފާރި ހުރީ "ސްޓޭބަލް" ކޮށެވެ. އެގޮތުން ޓެކްސް އަށް ކެނޑުގެ ކުރީގެ ފައިދާގެ އިތުރުން ސާފު ފައިދާ ވެސް ވަނީ އިތުރުވެފަ އެވެ. މިދިޔަ ކުއާޓަރު ނިމުނުއިރު ބޭންކްތަކުގެ ޕްރީޓެކްސް ޕްރޮފިޓު 31 ޕަސެންޓް އިތުރުވެ، 793.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މި މުއްދަތުގައި ބޭންކް ތަކަށް މީހުން ފައިސާ ޖަމާ ކުރި އަދަދު ވެސް ވަނީ 7.2 ބިލިއަން ރުފިޔާއާއެކު، 20 ޕަސެންޓުގެ އިތުރުވުމެއް އައިސްފަ އެވެ. ނަމަވެސް މި މުއްދަތުގައި ބޮޑަށް އިތުރު ވެފައި ވަނީ ހަމައެކަނި ދިވެހި ރުފިޔާ ޖަމާ ކުރި އަދަދެވެ. އަދި ޓޫރިޒަމް ސިނާއަތަށް ލިބުނު ކުރިއެރުމާއެކު ބޭރު ފައިސާ ޖަމާކުރި އަދަދު ވެސް 10 ވަނީ ޕަސެންޓް އިތުރުވެފައިވެ އެވެ.

ރާއްޖޭގައި ހަ ބޭންކްއެއް ހަރަކާތްތެރިވެ އެވެ. މި ބޭންކްތަކުގެ ތެރެއިން މާލެ ފިޔަވައި އަތޮޅު ތަކުގައި ވިޔަފާރި ފުޅާކޮށް ހަރަކާތްތެރި ވަނީ ބީއެމްއެލް އެކަންޏެވެ.